ކޮލަމް

ކެޔޮނިރު: 2022 ވަނަ އަހަރުގެ ދިވެހި ރާއްޖެ!

މުހައްމަދު ބުޝްރީ

5

އެއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހަވީރު ވަގުތެވެ. ތަނަކީ އައްޑު އަތޮޅު ހިތަދޫގެ ފުއްޓަރު ފަރާތުގައި ހުރި އިންޑިއާގެ "މިލިޓަރީ އެކަޑެމީ" ގެ ކުރިމައްޗެވެ. ވަގުތަކީ ހަވީރު ފަސްގަޑި ސުން މިނިޓެވެ. އިރު އޮއްސޭ ވަގުތު ކައިރިވެގެން އައި އިރު އުޑުމަތީގައި އެކި ކުލައިގެ ރީތި ވިލާތައް މަޑުމަޑުން ދައުރު ކުރެއެވެ. ހިތްގައިމު ވައި ރޯޅިއެއް ޖެހެމުން ދިޔައެވެ. ބިންގަރާހާއި އެކު، ގާތްގަނޑަކަށް އެއް ކިލޯމީޓަރގެ ދިގުމިނަށް ހަދާފައިވާ އެ އުސް އިމާރާތް ހިންގަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ކަމުގައި ބުންޏަސް އެތަނުގެ ހުރިހާ ބާރެއް އޮންނަނީ އިންޑިއާ ސިފައިންގެ އަތުގައެވެ.

މި އިމާރާތަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިޔާ އަށް ޕޮލިސް އެކަޑެމީއެއް އެޅުމުގެ ނަމުގައި ދިން ބިމެއް ކަމުގައި ވިއަސް 2020 ވަނަ އަހަރު މިތަން ހުޅުވުނު އިރު މި ބިޔަ ބިމާއި ބިޔަ އިމާރާތް ބަދަލު ވެފައި ވަނީ "މިލިޓަރީ އެކަޑެމީ" އަކަށެވެ. އެއެކަޑެމީގެ މައިގަނޑު ބާރު ވަނީ އިންޑިއާ ސިފައިންގެ އަތުގައެވެ.

އައްޑުސިޓީގެ ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު 2019 ގައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ޖީ.އެމް.އާރ އަށް 50 އަހަރަށް ކުއްޔަށް ދީފައެވެ. މުޅި ގަން އެއަރޕޯރޓާއި މުޅި ގަން ވެސް ބަދަލުވެފައިވަނީ އިންޑިއާގެ ތަނަކަށެވެ. އެއީ އެއްގޮތަކުން ބަލާއިރު ހިތަދޫގެ މިލިޓަރީ އެކަޑެމީ އާއި އެކު އައްޑޫގައިވާ އިންޑިއާގެ މިލިޓަރީ ބޭސް އެކެވެ. ގަމުގައި ހަދާފައިވާ ބޮޑު ބަނދަރުވެސް ވަނީ 50 އަހަރަށް އިންޑިއާގެ ކުންފުންޏަކަށް ކުއްޔަށް ދީފައެވެ. ގަމުގެ ސީޕޯޓްގައި އިންޑިއާގެ އާގު ބޯޓުފަހަރުގެ އިތުރުން އެޤައުމުގެ ހަނގުރާމަމަތީ މަނަވަރުތައް ގިނަ އަދަދަކަށް ހުއްޓެވެ.

ގަމުގައި 2018 ވަނަ އަހަރާ ހަމައަށް އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރު ރާއްޖެއިން ގެންދާށޭ ބުނުމުން ރާއްޖޭގެ ސަރުކާރަށް ގޮންޖަހައި، އިންޑިޔާއިން އެކަން އެގޮތަށް ނުކޮށް އޮތުމަށް ފަހު އެ ދެހެލިކޮޕްޓަރާއި އެއާއެކު ތިބި 40 ސިފައިންވެސް އަނބުރާ ގެންގޮސް މިހާރު ގަމުގައި ބޭސްކޮށްފައިވަނީ އިންޑިއާގެ 10 ހެލިކޮޕްޓަރާއި ހަނގުރާމަމަތީގެ މަތިންދާ ބޯޓުތަކެވެ. އަދި ދާއިމީ ގޮތެއްގައި އިންޑިއާގެ 400 ސިފައިން އަބަދުވެސް ގަމުގައި ތިބެއެވެ.

އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގައި ބިނާކުރި ހޮސްޕިޓަލް 2019 ވަނަ އަހަރު ވަނީ އިންޑިއާގެ ކުންފުންޏަކަށް ކުއްޔަށް ދީފައެވެ. އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ފެށިގެން ގޮސް މަސައްކަތު މީހުންނަކީވެސް އިންޑިއާ ރައްޔިތުންނެވެ.

2018 ވަނައަހަރު އައްޑީސިޓީގެ ހިތަދޫގައި ހުޅުވި "ރައީސް ނަޝީދު އޮފީސް" ވެގެން ދިޔައީ 2019 ވަނައަހަރުގެ މަޖުލިސް އިންތިހާބުގައި ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކަށް މަޖުލިހުގެ ކޮންޓްްރޯލް ނެގުމަށް ބޭނުންކުރެވުނު ތަފާތު އޮފީސް ތަކުގެ ތެރެއިން އޮފީހަކަށެވެ.

2019 ވަނަ އަހަރުގެ މާރޗް މަހު ބޭއްވި އާއްމު އިންތިހާބުގައި މަޖުލިހުގެ މެޖޯރިޓީ ލިބުނީ ރައީސް ނަޝިދަށް ތާއިދު ކުރާ، އެމް.ޑީ.ޕީ ގެ ލިބެރަލް ހިޔާލްގެ ފަރާތްތަކަށެވެ. އެއާއެކު މަޖުލިހުގެ ކޮންޓްރޯލް ރައީސް ނަޝީދަށް ލިބިވަޑައިގެން، 2020 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ވަނީ، ރެފެރެންޑަމައަކަށް ފަހު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްފައެވެ. އެއާއެކު ދިވެހި ރާއްޖޭގެ ބޮޑުވަޒީރަކަށް ރައީސް ނަޝީދުވަނީ 2020 ވަނަ އަހަރު ހޮވިވަޑައިގެންފައެވެ.

ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށް، ބޮޑުވަޒީރަކަށް ރައީސް ނަޝީދު އައުމާ އެކު ރާއްޖެ ވަނީ ހަތަރު ސަރަހައްދަކަށް ބަހާލައި، ކޮންމެ ސަރަހައްދަކީ ވަކި ސްޓޭޓެއްގެ ގޮތުގައި ކަނޑައަޅައި ކޮންމެ ސްޓޭޓަކަށް ގަވަރުނަރެއްވެސް އައްޔަން ކޮށްފައެވެ. އެއާއެކު އައްޑުއަތޮޅާއި ފުވައްމުލައް، އަދި ހުވަދޫ އަތޮޅު ބަދަލުވެފައިވަނީ ވަކި ސްޓޭޓަކަށެވެ. ދެކުނުގެ މިސްޓޭޓްގައި އިންޑިއާގެ ބާރު އިންތިހާއަށް ގަދައެވެ. ދެކުނުގެ ހަތަރު އަތޮޅުގެ އާބާދީއަށް ވުރެ ދެކުނުގެ "ސްވާދީބް ސްޓޭޓް" ގައި އިންޑިއާ މީހުން ގިނައެވެ. އެއީ ގަމުގެ ވައިގެ މަރުކަޒާއި، ހިތަދޫގެ މިލިޓަރީ އެކަޑެމީ އާއި، ހިތަދޫ ޓާރޝަރީ ހޮސްޕިޓަލް އާއި އެނޫންވެސް އިންޑިއާގެ ކުންފުނިތަކުން އެ ސްޓޭޓްގައި ހިންގާ ތަންތަނުގައި ވަޒީފާއަދާ ކުރާ އިންޑިއާ މީހުންނެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތުގައި، ހިތަދޫގެ އިންޑިއަން މިލިޓަރީ އެކަޑެމީގެ ކުރިމަތީގައި ހުރެ ވަށައިގެން ބަލާލި އިރި ދެކުނުގެ މިސްޓޭޓް ބޮޑަށް ވައްތަރުވެގެން ދިޔައީ އިންޑިއާގެ ސްޓޭޓަކާ އެވެ. ސްޓޭޓްގެ ދިވެހި ރައްޔިތުން ވެފައި ވަނީ ދެވަނަ ދަރަޖައިގެ ބަޔަކަށެވެ.

އަޅުގަނޑަށް ހިތާހިތުން ކިޔާލެވުނެވެ: "މުޅި ޤައުމު ވަނީ ބޮޑުވަޒީރު ނަޝީދުގެ ކޮންޓްރޯލްގެ ދަށުގައެވެ. ބޮޑުވަޒީރު ނަޝީދު ވަނީ އިންޑިއާގެ ކޮންޓްރޯލުގެ ދަށުގައެވެ!!"

އަޅުގަނޑަށް ނިދީން ހޭލެވުނު އިރުވެސް ތަކުރާރުކޮށް ކިޔެމުން ދިޔައީ މިފަދައިންނެވެ. "މުޅި ޤައުމު ވަނީ ބޮޑުވަޒީރު ނަޝީދުގެ ކޮންޓްރޯލްގެ ދަށުގައެވެ. ބޮޑުވަޒީރު ނަޝީދު ވަނީ އިންޑިއާގެ ކޮންޓްރޯލުގެ ދަށުގައެވެ!!"

ހޭލެވުމާ އެކު އަޅުގަނޑު ހިތަށް އެރިއެވެ. މިއީ ބިރުވެރި ހުވަފެނެކެވެ. މިހުވަފެން ހަޤީގަތަކަށް ވުމާއި ނުވުން އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނެއް ތިން ލީޑަރުން، ކުރިއަށް މިއޮތް ދެއަހަރު ތެރޭ ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށެވެ. ކޯލިޝަން ބަލިކަށިކޮށް ކޯލިޝަން ރޫޅާލައި، މަޖުލިހުގެ ކޮންޓްރޯލް ވަކި މީހަކަށް ހޯދައިދީ، ޤައުމުގެ ކޮންޓްރޯލް ބޭރުގެ ވަކި ބަޔަކަށް ނަގައިދިނުމަށް ޤައުމުގެ އެތެރެއިންނާއި ބޭރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ހިތާމައަކީ މިހާ ސާފުކޮށް ފެންނާން އޮތް މަންޒަރެއްވެސް ނުފެންނަ ކަމަށް ހެދިގެން މިދިވެހި ޤައުމުގެ ރައްޔިތުންގެ ގޮތުގައި ތިބިބަޔަކު، އަމިއްލަ ފައިދާއަށް ޤައުމު ވިއްކާލަން ތައްޔާރަށް ތިބިކަމެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމުގެ މިސްރާބު ކަނޑައެޅޭ ވަގުތު ވަރަށް ކައިރި ވެއްޖެއެވެ. ދެން އޮތީ އެންމެ ހަތަރު މަސް ދުވަހެވެ. މާރޗް 2019 ގައި ބާއްވާ އާއްމު އިންތިހާބަކީ މިދިވެހި ޤައުމުގެ ކުރިމަގުގެ ޗާރޓް ބަދަލުކޮށްލާނެ އިންތިހާބެކެވެ. ރިއާސީ އިންތިހާބުގެ އުފާ ފާޅުކުރުމަށް ބޭއްވި ބޮޑު ޖާފަތަށް ފަހު ރައީސް މައުމޫން ޓްވީޓް ކުރެއްވި އުފާވެރި ކަމުގެ ބަސްތަކަކީ މިވަގުތަށް އެހާ ބުރަދަނެއް ހުރި ބަސްތަކެއް ނޫނެވެ. މިއީ އުފާފާޅުކުރުމުގެ ވަގުތެއް ނޫނެވެ. މިއީ މަގެ ދީނާއި މަގެ ޤައުމުގެ ދިފާއުގައި އެމީހެއްގެ ފެންވަރުން އެމީހަކު މަސައްކަތް ކޮށް، ހައްޤު ބަސް ބުނަންވީ ވަގުތެވެ. ވަތަން އެދޭގޮތަކީ އެއީ އެވެ. ވަތަން އެދޭގޮތް އޮޅުވާލައްވަން ނޫޅުއްވާށެވެ!