ވާހަކަ

ކޮންމެ ހިނދެއް - 19

1

"މިއަޅާގެ އަނބިމީހާއަށް ގިނަގިނައިން ތަޢުލީމާއި ތަރައްޤީ ދެއްވާށި" ހިތާހިތުން މާހިލް އާވާއަށްޓަކައި ދުޢާ ކޮށްލިއެވެ. އެފަދަ އަގުބޮޑު ޖަވާހިރެއް އެކަލާނގެ އޭނާއަށް ދެއްވީތީ ﷲ ތަޢާލާއަށް ޝުކުރުކުރިއެވެ. އާވާގެ މޫނު މައްޗަށް ފައިބާފައިވާ އިސްތަށިތައް އެއްކައިރި ކޮށްލުމަށްފަހު އޭނާ އާވާގެ ކޮލުގައި ބޮސްދީފިއެވެ. ދެލޯ މަރައިލިރު އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.

ފަތިސް ނަމާދަށްފަހު މާހިލް މިސްކިތުން އަންނަން ވާއިރަށް އާވާ ހުރީ ކޮފީ ތައްޔާރުކޮށްދީފައެވެ. ކޮފީތަށި ހިފައިގެން މާހިލް ނިކުތީ ސިޓިންރޫމުން ނިކުމެވޭ ބެލްކަންޏަށެވެ. ޝާނިމްގެ ހަބަރެއް ނުވާތީ މާހިލް ބަދިގޭގައި އުޅުނު އާވާއަށް ގޮވައިލިއެވެ.

"ޝާން ނުތެދުވޭތަ މިއަދު" އާވާ އައިސް ކައިރީގައި އިށީނުމާއެކު މާހިލް އަހައިލިއެވެ.

"ނުދެކެން. ހޭނުލެވެނީ ކަންނޭނގެ" ޝާނިމްގެ ކޮޓަރިއާއި ދިމާލަށް ނަޒަރެއް ދެމުން އާވާ ބުނެލިއެވެ.

"މިއަންނަނީ އިނގޭ" ކުރިމަތީގައި ހުރި މޭޒުމަތީގައި ކޮފީތަށި ބަހައްޓަފައި މާހިލް ސިޑިން އަރައިގެން ދިޔައީ ޝާނިމްގެ ހަބަރެއް ބަލައިލުމަށެވެ.

މާހިލް ދިޔުމުން އާވާ ކޮޅަށް ތެދުވިއެވެ. ރެއިލިން ގައި އަތް އަޅުވާލަމުން އޭނާ އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. އާދުވަހެއްގެ ފެށުން އުދަރެހުން ފާޅުވަމުން ދިޔައެވެ. ފަޒާ ތެރޭގައި ހިފާލާފައި ވަނީ ތެތްފިނި ކަމެކެވެ. ވައި ބާރެވެ. މާލޭގެ ބައެއް އިމާރާތްތަކުގައި ދިއްލިފައިވާ ލައިޓްތައް ފަހަރަކު ލައިޓެއް ނިވެމުންދަ މަންޒަރަށް ބަލަން އާވާ ހުރީ ގެއްލިފައެވެ. އޭނާ ސިހުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ބަލައިލިއިރު ވައިބަރ އިން ދާރިމް މެސެޖެއް ފޮނުވާލާފައި އޮތެވެ.

"މަންމަ ބަލި. ބޭރަށް ހިންގާފަ ހޮޑުލަނީ. ބައްޕަވެސް ރަށުގަ ނެތް. މިއަދު ރިސޯޓެއްގަ ދަރުސް އޮތީމަ ގޮސްވީ. މިރޭ އަންނާނީ" ދާރިމް ފޮނުވާލާފައި އޮތް މެސެޖް އާވާ ކިޔައިލިއެވެ. އޭނާ ކަންބޮޑުވިއެވެ. އެވަގުތު އެގެއަށް ދާން ބޭނުންވިއެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ފަހަތުން މާހިލް އެ ހަށިގަނޑުގައި ބައްދައިލުމުންނެވެ. ދެރަވެފައި ހުރި އާވާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް އޭނާގެ އަތުގައި އޮތް ފޯނު މާހިލްއަށް ފެނިއްޖެއެވެ. އާވާ އެ ފޯނު މާހިލް އަތަށް ދިއްކޮށްލިއެވެ. މާހިލް ދާރިމްގެ މެސެޖް ކިޔައިލިއެވެ. އާވާ މާހިލްގެ މޭގައި ލައްވެލައިގެން ހުއްޓެވެ.

"އެވީ ދާން ފެންނަނީ. ދާމްއަށް ވުރެ ރަނގަޅުވާނީ އެވީ ދޯ. ހުރިހާކަމެއް ފިރިހެން ދަރިއަކަށް ކޮށެއް ނުދެވޭނެ" އާވާ އަތަށް ފޯނު ދެމުން މާހިލް ބުނެލިއެވެ.

"އެކަމު މާހިލް އާ ޝާނިމްސަރ ދާންވާއިރަށް ސައިވެސް ތައްޔާރު ކުރަންވާނެއްނު. މިއަދު އެބަޖެހޭ އެއްޗެހި ދޮންނަންވެސް" އާވާ ވާހަކަދެއްކިއެވެ.

"ތިހުރިހާ ކަމަކަށް ވުރެ އެވީގެ މަންމަ މުހިންމެއްނު. އާވާހަށް ދޭ ތައްޔާރުވާން. ޝާން އާ ދެމީހުން އޮފީހުން ސައިބޯނީ" މާހިލް ބުނެލިއެވެ.

"މާހިލް ދޭ. މިދަނީ ޝާނިމް ސަރ އަށް ކޮފީ ގެންގޮސްދީފަ" އާވާ ބުނެލިއެވެ.

"އޯކޭ.. ޝާން މާގަދައަށް ނިދިފަ އޮތީމަ ހޭނުލެވުނީ ކަމަށް ބުނީ" ހިނގައިގަނެފައި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން މާހިލް ބުނެލިއެވެ.

ހެނދުނު ހޭލައިގެން އަނުމް ކޮޓަރިން ނިކުތްއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަދިގޭ ދޮރަށް އެރިއިރު ފެނުނު މަންޒަރަކުން އޭނާ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ކުޑަކުޑަ އަލަމް ގޮނޑިއެއް މައްޗަށް އަރައިގެން ކަބަޑެއް ހުޅުވަން މަސައްކަތްކުރާތަން ފެނުނެވެ. އޭނާ ދުވެފައި ގޮސް އެކުއްޖާ ހިފެހެއްޓިއެވެ.

"ބަނޑުހައިވެގެން. މަންމަ ނުހޭލި ގޮވީމަ" އަނުމް ރުޅިއައީ ކަމަށް ހީކޮށް އަލަމް ބުނެލިއެވެ.

"ދޮންތި ކޮޓަރިއަށް ގޮސް ދަތްއުނގުޅައިގެން އާދޭ. އޭރުން ބުށްތަށި ލިބޭނީ. ބިސްކޯދުވެސް ބަހައްޓާނަން" އަނުމް ލޯތްބާއެކު އަލަމްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަލަމް ހިނގައިގަތުމާއެކު އަނުމް ގޮވައިލިއެވެ.

"ދޮންބެ ދެކުނިންތަ މިއަދު" އަނުމް އެ އަހާލީ އާރިޔަންގެ ވާހަކައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އާރިޔަންއާއި ބެހޭގޮތުން ސުވާލުކުރަން ޖެހުމުން އޭނާގެ ނަފްސަށް އުނދަގުތަކެއް ވިއެވެ.

"އަލަމްކޮ އައިރު ދޮންބެ އެކަނި ކޮފީބޯން އިން. އަލަމްކޮ ކައިރީގައި ކޮޓަރިއަށް ދާން ބުނެފަ ދިޔައީ. ދޮންބެ ކޮޓަރިއަށް ވަންނަންދެން އަލަމްކޮ ހުރީ ފިލާ" އަލަމް ބުނެލިއެވެ.

އަލަމް ކޮޓަރިއަށް ފޮނުވާލާފައި އަނުމް ބަލައިލީ އާރިޔަންގެ ކޮޓަރިއާއި ދިމާލަށެވެ. އޭނާ އެކޮޓަރިއާއި ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ އާރިޔަންގެ ފަރާތުން ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އާރިޔަންގެ ކޮޓަރިއާއި ދިމާލަށް އަޅަމުން ދިޔައިރު ހުދު އޭނާވެސް ހުރީ ޤަބޫލުނުކުރެވިފައެވެ.

ޓަކި ޖަހަން އަތް ހިއްލާލި ވަގުތު ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެ ނިކުތީ އާރިޔަންއެވެ. ކުރިމަތިން އަނުމް ފެނުމާއެކު އާރިޔަންއަށް ޚައިރާންކަމެއް ލިބިގެން ދިޔައެވެ. ދެކުދިންގެ ހަތަރުކަޅި ބައްދަލުވިއެވެ. އާރިޔަންއަށް ތަފާތުކަމެއް އިހުސާސް ކުރެވެމުން ދިޔައިރު އަނުމް ހުރީ އިސްޖެހި ގޮތަށެވެ. ދައްކަން އައި ވާހަކަވެސް ހިނދުކޮޅަކަށް އޭނާ ހަނދާންނެތުނު ކަހަލައެވެ.

އަނުމް އަނބުރާލާފައި ދާން ހިތަށް އަރާފައިވެސް މަޑުޖެހިލިއެވެ. އޭނާ ނަޒަރު ބަދަލުކޮށްލި ގޮތުން އާރިޔަން ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް އަނުމް ބަލައިލަން ވާއިރަށް އޭނާގެ މޫނު މައްޗަށް ސީރޔަސްކަން ވެރިކުރުވައިފިއެވެ.

"އަ.. އަހަރެން ވާހަކައެއް އަހާލަން ބޭނުންވެގެން" އަނުމް ބުނެލިއެވެ.

"ވަދޭ އެތެރެއަށް" ހުޅުވާފައި ހުރި ދޮރުގެ އެތެރެއިން އެއްފަރާތަކަށް ޖެހިލަމުން އާރިޔަން ބުނެލިއެވެ. އަނުމް ނުވަންނަން ހުރެފައިވެސް އާރިޔަންގެ ކޮޓަރި ތެރެއަށް އެއްފިޔަވަޅު އެޅިއެވެ. އޭނާ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮޓަރި ތެރޭގައި ހަރުލާފައިވަނީ ޝަވަރޖެލްގެ މީރު ވަހެވެ. ހީވާގޮތުން އާރިޔަން ފެންވަރައިގެން އެނިކުތީ ދާދި ދެންމެއަކުއެވެ. އެނދުމަތީގައި ދެ ބާލީސް އޮތްއިރު ބެޑްޝީޓް ވަނީ އެއްފަރާތަކުން ސޮހިގެން ގޮސް މުށިތަކުގެ މަތީގައި ފެތުރިފައެވެ. އެނދުމަތީގައި ލާން ގެންގުޅޭ ބައެއް ގަމީސްތަކާއި ޖީންސްތައް އުކާފައި ހުއްޓެވެ. އަރަން ގެންގުޅޭ ސްޓާކިންތަކާއި ނިދަން ލާއުޅޭ ކުރުތާގެ ހަރުވާޅު އޮތީ މުށިތަކުގެ މަތީގައެވެ. ޑްރެސިންގްޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނުތައް ވެސް ވަނީ ތަރުތީބު ގެއްލިފައެވެ. ފާހާނާ ދޮރުމަތީގައި އޮންނަ ފައިފުހި އޮތީ ކޮޓަރި މެދުގައެވެ. އެނދާއި ފާރުގައި ހަރުކޮށްފައި ހުރި ޓިވީއާއި ދެމެދުގައި ގުޅާފައި ހުރި ކަރަންޓްވާތައް ފެނި އަނުމްގެ ބޮލުގައި ރިއްސައިގަތެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބޮލުގެ ދެފަރާތުން އަތް އެޅުނެވެ.

"ސޮރީ. ވަރަށް އާވާހަށް ތަނަކަށް ދާން ނިކުތީ. އެހެންވެ ސާފުނުކުރެވި އަދި މިއޮތީ" އަނުމްއަށް ވީގޮތް ފެނި އާރިޔަން ބުނެލިއެވެ.

އެހުރިހާ އެއްޗެހީގެ ތެރެއިން އަނުމްގެ ނަޒަރު ހުއްޓުނީ އެނދުގެ ބޯލާ ކޮޅުން ހުސްވެފައިވާ ޖާގައިގައި ފަތުރާފައި އޮތް ގަދަ ފެހިކުލައިގެ މުސައްލައިގެ ބައެއް ފެނިފައެވެ. އޭނާ އާރިޔަންގެ މޫނަށް ބަލައިލީ ޚައިރާންކަން އެކުލެވިގެންވީ ބެލުމަކުންނެވެ.

"މިތަނުގަ ވާހަކަދައްކަން އަނުން ކޮންފޮޓަބަލް ނޫނިއްޔާ ކޮޓަރިން ބޭރަށްވެސް ނިކުމެވިދާނެ" އާރިޔަން ބުނެލިއެވެ.

"އުނހު. މިތަން އޯކޭ. އަހަރެން ބުނަން އުޅުނީ އަހަރެންގެ ކޮޓަރި ތަޅުބަދަލުކުރީ ކީއްވެތަ؟ އަހަރެން ނުބުނަމެއްނު" އަނުމް ވާހަކަދެއްކިއެވެ.

"އެއީ އަނުމް އަށް ރައްކާތެރިކަން ހޯދަދޭންވެގެން. ދޮންބައްޕަވެސް ހުރީކީނޫން. އެހެންވެ" އާރިޔަން ބުނެލިއެވެ.

"އަހަރެންނަށް ރައްކާތެރިކަން ހޯދަދޭން ތިހާވަރަށް ބޭނުންވީ ކީއްވެ؟" އަނުމް އަހައިލިއެވެ. އާރިޔަންއަށް ޖަވާބެއް ނުދެވުނެވެ. އޭނާއަށް އަނުމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"އަހަރެންގެ މި ހިމޭންކަން އަނުމްއަށް ޖަވާބަކަށް ފުދޭނެކަމަށް ހީކުރަން" ހިތުގައި އޮތް ގޮތަށް ބުނަން އާރިޔަން ބޭނުންނުވިއެވެ.

"ކިހާވަރެއް ޚަރަދުވީ" އަނުމް ބުނެލިއެވެ.

"އެއްވެސް އެއްޗެއް ބޭނުމެއްނޫން. މީހަކު ހެޔޮކަމެއް ކޮށްދިނީމަ އެހާ ފޮނިވާކަށް ނުވާނެ" އާރިޔަން ބުނެލިއެވެ. އޭނާ މަޑުމަޑުން ކުރީގެ އާރިޔަންއަށް ބަދަލުވާން މަސައްކަތްކުރާކަން އަނުމްއަށް ފާހަގަވިއެވެ.

"އަސްލު އަނުމް ވަރަށް ފިނޑި ދޯ. ހަމަ އަސްލަށްވެސް ޤާދިރާ ވަރަށް ލައިކްވޭ ދޯ. މިހެން މިބުނީ ކަމެއް ވާއިރަށް ކަމުގެ ދެކޮޅު ހޯދާލުމެއްނެތި އަވަހަށް އިންނަން ހިފާލީމަ" ސަމާސާ އެކުލެވޭ ރާގެއްގައި އާރިޔަން ބުނެލިއެވެ. އޭނާ ބޭނުންވީ އަނުމް ރުޅިއަރުވާލައިގެން ނަމަވެސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ހޯދާށެވެ.

"ތިއީ އަންހެނަކަށްވެފަ އަހަރެން ހުރި ހާލަތުގަ ތި އިންސާނާ ހުރިނަމަ ތިހެނެއް ނުބުނާނެ. އެމީހަކު އަހަރެން ރޭޕް ނުކުރިޔަސް އަހަރެންގެ ހަށިގަނޑުގަ...." އަނުމްއަށް ފުރިހަމަ ނުކުރެވުނެވެ. އާރިޔަންގެ ދެއަތް މުށްކެވިގެން ދިޔަކަމެއް އަނުމްއަށް ނޭނގެއެވެ.

"އަހަރެން މިހާރު ހިތަށް އަރާ ޤާދިރުގެ ބަދަލުގަ އަހަރެންނަށް އަނުމް ކައިރީގައި އިންނަން އެހުނު ނަމައޭ. އޭރުންވެސް ޤަބޫލެއް ނުވާނަންތަ؟" އާރިޔަން ކުޑަކޮށް އަނުމް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

"އައްޗީޑި. މަ އެބައުޅެންތަ؟" އެކޮޓަރިން ނިކުމެގެން ދިޔަ އަނުމްއަށް ވީގޮތް ފެނި އާރިޔަންގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފަނޑުވަމުން ދިޔައީ ހަމަ ކުއްލިއަކަށެވެ. އޭނާ ހިތަށް ޤާދިރުގެ ސޫރަ ސިފަވެގެން ދިޔުމާއެކު ލޭ ކެކި ގަނެގެން ދިޔައެވެ. އެހާ އަވަހަށް ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮތް ފޯނު ނަގާފައި ނަންބަރަކަށް ގުޅައިލިއެވެ.

"ކިތަށް ދުވަސް ޖެހީ" އާރިޔަން އަހައިލިއެވެ.

"ވާނުވާ... ހެހެހެ... ވަރަށް ރަނގަޅު. ބަލާނަމޭ ދެން ކިހިނެއްތޯ މީހުންގެ ދަރިން ގަޔަށް ބޮލަށް އަރަމުން ދުވާނީ. ހުވާ މިބުނީ އަހަރެން ބޭނުމީ އެ ޖަނަވާރުގެ ދެ އަތުގެ ދިހަ އިނގިލި ބުޑުން ބުރިކުރަން" އާރިޔަންގެ މޫނުމަތިން ފާޅުވަމުން ދަނީ ނުރުހުންތެރިކަމެވެ.

"އަހަރެން ހިފަހައްޓަނީ އަހަރެން ކުރި ހުވާ" އެކޮޅުން ފޯނުގައި ހުރި އާރިޔަންގެ އެކުވެރިޔާ ބުނެލި ޖުމްލައަކާއި ގުޅުވައިގެން އާރިޔަން ބުނެލިއެވެ.

އޭނާ ފޯނު ލައިގެން ހުރި ޖީންސަށް ކޮށްޕާލާފައި ކޮޓަރިން ނިކުމެ ހިނގައިގަތްއިރު މޫނުމަތިން ސީރިޔަސްކަން ފާޅުވާން ހުއްޓެވެ.

ގެއަށް ވަންއިރު އެތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަދިގެ ތެރެއިން ތަށި ތަޅުވާ އަޑު އިވުނަސް އާވާ އެދިމާލަށް ނުދިޔައެވެ. އޭނާ މިސްރާބު ޖެހީ ޙާޖަރުގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރު ހުޅުވާލާފައި ވަންއިރު އެނދުގައި އިން ޙާޖަރު ތުނބުގައި ލޮނުފެން ތައްޓެއް ޖައްސައިގެން ދާރިމް އިނެވެ. އާވާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޙާޖަރުގެ އަނެއް ފަރާތުން އިށީނެވެ.

"މަންމާ! ދޮންތަ އެ އައީ. ދެން އަޅުގަނޑު މިދަނީ އެސައިމަންޓްތައް ނިންމަން. އޯކޭތަ؟" ސައިޑްކަބަޑު މަތިން ނެގި ޓިޝޫއަކުން ޙާޖަރުގެ ތުންކޮޅު ފޮހެދެމުން ދާރިމް ވާހަކަދެއްކިއެވެ.

"މަންމާ!! ކީއްވެތަ ހޮސްޕިޓަލަށް ނުދާން ތިއުޅެނީ؟ އަވަހަށް ރަނގަޅުވާން ބޭނުންނުވަނީތަ؟" ޙާޖަރުގެ ބޮލުގައި ފިރުމައިލަމުން އާވާ އަހައިލިއެވެ.

"ނޫނޭ ދަރިފުޅާ! އެއީ މަންމަ އެއްގޮތަކަށްވެސް ދާހިތްވާ ތަނެއް ނޫން. ލޮނުފެން ބުއީމަ މިހާރު ހީވޭ ކުޑަކޮށް ރަނގަޅުވާހެން. ފާހާނާއަށް މިހާރު ގުޅާގުޅާކޮށް ނުދެވޭ. އެކަމަކު އަދިވެސް މޭނުބައިކޮށްފަ ހުންނަނީ" ބަލި އަޑަކުން ޙާޖަރު ވާހަކަދައްކަމުން ދިޔައެވެ.

ކޮންމެސް އެއްޗެއް ކާލެވޭތޯ ބަލަންވާނެއްނު. އަޅުގަނޑު އެއްޗެއް ތައްޔާރުކޮށްދޭންވީ ދޯ" އާވާ އަހައއިލިއެވެ. ޙާޖަރު ބޯޖަހައިލިއެވެ.

"ދަރިފުޅާ! މާހިލް ރަނގަޅުތަ؟ މަންމަ ބަލިކަން އިނގޭތަ؟" ޙާޖަރު އަހައިލިއެވެ.

"ލައްބަ މަންމާ. މާހިލް އަންނާނެ މެންދުރުފަހު ވަގުތެއްގަ. މިއަދު މެންދުރުގެ ކެއުން އަޅުގަނޑު މިގޭގަ ތައްޔާރުކުރާނީ" އާވާ ވާހަކަދެއްކިއެވެ.

"އެކަމަކު ބޮޑުދައިތަމެން ތިބޭނެ. ދަރިފުޅު އެއްވެސް އެއްޗެއް ނުކިޔާތި އިނގޭ" ޙާޖަރު ބުނެލިއެވެ.

"އަޅުގަނޑު ނުކިޔާނަން. އަނެއްހެން މާހިލްއަށް އެހާ ގިނައިރު ނުވެސް ހުރެވޭނެ. މިރޭ މިއީ ޓިވީ ޗެނަލް ލޯންޗު ކުރާ ރޭ. ކޮންމެހެން އެ އަންނަނީވެސް މަންމަ އާ ބައްދަލުކޮށްލަން" އާވާ ވާހަކަދެއްކިއެވެ.

"އެހެންތަ؟ ދަރިފުޅާ އަދި ވަގުތު އެބައޮތެއްނު ކާއެއްޗެއް ރޯފިލުވަން. އިހަށް މަންމަގެ ފައި މޮޑެލަދީފާނަންތަ؟" ޙާޖަރު ބުނެލިއެވެ. އާވާ އެއްވެސް ފަސްޖެހުމެއްނެތި ޙާޖަރު ބުނި ކަންތައް ކުރަން ފެށިއެވެ.

"ރަސްމިއްޔާތުގަ މަންމައަށް ބައިވެރިނުވެވޭނެ ދޯ. ވަރަށް ދެރަވޭ އެހެންވެ. ނަސީބެއް މިރެއަށް ބައްޕަ ދުރުވާކަން. ދާމްއަށްވެސް ނާދެވޭނެ ދޯ މަންމަ އެކަނި ބާއްވާފަ. އަޅުގަނޑު އަންނާނަން އިނގޭ ގެއަށް ދިޔުމުގެ ކުރިން މަންމަ ކައިރިއަށް" ހުއްޓާނުލާ އާވާ ވާހަކަދައްކަމުން ގޮސް ޙާޖަރުގެ މޫނަށް ބަލައިލީ އެއްވެސް ހަބަރެއް ނުވުމުންނެވެ. އޭރު ޙާޖަރަށް ނިދިފައި އޮތުމުން އޭނާ މަޑުމަޑުން އެނދުން ފޭބިއެވެ. އަދި ކުއިލްޓުން ޙާޖަރުގެ ހަށިގަނޑުގެ ބޮޑު ބައެއް ފޮރުވާލިއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން އޭނާ ކޮޓަރިން ނިކުމެ ދޮރުލައްޕާލާފައި ބަދިގެއާއި ދިމާލަށް ދިޔައެވެ.

ކައްކަން ވެގެން އާވާ ބަދިގެއަށް ވަންއިރު ފުރިޖު ކައިރީގައި ޒެރީން ފެން ފުޅިއެއް ހިފައިގެން ހުއްޓެވެ. އާވާ ފެނުމުން އާދައިގެމަތިން ޒެރީން ބަލައިލާފައި އަޅައެއް ނުލިއެވެ. މިފަހަރު އާވާ ހިތުގައި ޖެހުނެވެ. ބަހެއް ނުބުނެ ކުރިމަތިން ހުރަސްކުރަން އޭނާއަށް ނުކެރުނެވެ. އެހެންކަމުން ފިޔަވަޅު އަޅާލީ ޒެރީން އާ ގާތަށެވެ.

"ބޮޑުދައިތާ!! އަދިވެސް ރުޅި ދޯ އަޅުގަނޑާ" އާވާ ބުނެލިއެވެ. ނަމަވެސް ޒެރީން އަނގައިން ނުބުނެ އެނބުރުނީ އަނެއް ފަރާތަށެވެ.

"ބޮޑުދައިތަ ހިތްހަމަނުޖެހިފަ އަދިވެސް. އެކަމަކު އަޅުގަނޑަށް އިނގޭ ތިއީ ހިނދުކޮޅެއްގެ ކަމެއްކަން.... ކޮބާތަ ކިޔާން؟؟ މިއަދު އަދި ނުވެސް ފެނޭ މިގެއަށް އައި ފަހުން" އާވާ ބުނެލިއެވެ. ވަގުތުން ޒެރީން އާވާ އާ ވީކޮޅަށް އެނބުރިއްޖެއެވެ. އާވާގެ ދުލުން ކިޔާންގެ ނަން ކީ އަޑު އަހާފައި ހިތަށް ހިތްހަމަޖެހުން ލިބިއްޖެއެވެ.

"ދާމް ޓިޔުޝަނަށް ލާފަ ދެންމެ ގެއަށް އައިސް އެވަނީ. އިރުކޮޅަކުން އަންނާނެ ކޮފީ ހޯދަން. އެވީ ހަދާލަދޭންވީން ކިޔާންއަށް ކޮފީ ތައްޓެއް" ޒެރީން ވާހަކަދެއްކިއެވެ. ޒެރީންގެ މަޤްސަދަކީ ކޮބައިކަން އާވާއަށް ވިސްނުނެވެ. އެހެންނަމަވެސް ޒެރީން އެހާ ރީތިކޮށް ވާހަކަދެއްކުމުން އިންކާރު ކުރާހިތެއް ނުވިއެވެ. އޭނާ ހީލާފައި ބޯޖަހައިލިއެވެ.

ޒެރީން ދިޔުމުން ކިޔާންއަށް ކޮފީ ތައްޔާރުކޮށްދިނުމުގެ ބަދަލުގައި އާވާ އެންމެ ފުރަތަމަ ބެލީ ޙާޖަރު ހޭލަންވާއިރަށް ތަރުކާރީ ސޫޕެއް ތައްޔާރު ކޮށްލެވޭތޯއެވެ. ކިޔާން އައިސް ބަދިގެއަށް ވަނީ އާވާ ކެރެޓްކޮށަން ހުއްޓައެވެ.

"ހޭއި އެވީ!! ވަރަށް އުފާވެއްޖެ ފެނުނީމަ. ކިހާ އިރަކު ދާން ތިއައީ" ވަދެގެން އައި ކިޔާން ހުއްޓުނީ އާވާ ކުރިމަތީގައެވެ. ހިނިތުންވުމަކާއެކު އާވާ ކިޔާންއަށް ބަލައިލިއެވެ.

"ތަންކޮޅެއް ފަހުން ދާނީ. މަންމަ ބައްޔެއްނު" އާވާ އުނދުން ކައިރިއަށް ޖެހިލިއެވެ.

"އާނ އިނގޭ. އަހަރެން މިއައީ އެވީއަށް ހެލްޕްވާން. ބުނޭ ކޮންކަމެއް ކޮށްދޭންވީ؟" ކިޔާން އަހައިލިއެވެ.

"އޯކޭ. މާ ބައިވަރު މަސައްކަތެއްނެތް. މަންމައަށް ސޫޕް ހަދާފައި ސްޕެގެޓީ ހަދަން މިއުޅެނީ އެންމެންނަށް" އާވާ ބުނެލިއެވެ.

"އެހެންތަ. އެހެންވީމަ އަހަރެން މިފަށަނީ" ކިޔާން ހުރީ މަޖާ މޫޑެއްގަކަން އާވާއަށް އިނގުނެވެ. އޭނާ ފަރުވާވެ ކިޔާންގެ ހަރަކާތްތަކަށް ބަލައިލިއެވެ. އަދިވެސް އަތުގައި ބޭސްގަނޑު ހުއްޓެވެ. އޭނާ ކިޔާން ހުއްޓުވަން މަސައްކަތެއް ނުކޮށް އުނދުން ކައިރީގައި ހުއްޓެވެ.

އެހެން ކަމެއްގައި ޒެރީން ބަދިގެއަށް ވަންއިރު ހިނިތުންވެފައި ހުރި އާވާ ކިޔާންއާއި ވާހަކަދައްކަމުން ދިޔަ މަންޒަރު ފެނުމުން ޒެރީންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދުރުގައި ހުރި ޒެރީން އާވާގެ ފައިން ފެށިގެން ބޮލައި ހަމައަށް ނަޒަރު ހިންގައިލިއެވެ. ދެއަތްތިލައާއި މޫނު ނޫނީ އާވާގެ ހަށިގަނޑުގެ ހުރިހާ ހިސާބެއް ވަނީ ފޮރުވިފައެވެ.

"އެވީ!! ބަދިގެ ތެރޭގައި ހުންނައިރު ތި ސްޓާކީން ބާލައިގެން ހުންނަންވީނުން. ބޮޑުދައިތަ މިހެން މިބުނީ އެވީއަށް އުދަގުވާނެތީ" ޒެރީން ވާހަކަދެއްކިއެވެ.

"ނޫނޭ ބޮޑުދައިތާ. މިހާރު އަޅުގަނޑަށް ކިތަންމެ އުނދަގުލެއް ވިޔަސް އާޚިރަތުގައި އެކަމުގެ ފޮނިމީރުކަން ލިބޭނެ. އަންހެނާގެ ފައިތިލަ ވެސް އައުރައިގެ ތެރޭގައި ހިމެނޭ." އާވާ ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ. ޒެރީން އިތުރަށް އެއްޗެއް ނުބުންޏެވެ.

އާވާގެ ދަޢުވަތަށް މިރޭ އޮތް ރަސްމިއްޔާތަށް ދިޔުމަށްޓަކައި އަނުމް ތައްޔާރުކުރި ހެދުން ހިފައިއިގެން ބެލަކްނީގައި ހިއްކަން އަޅުވަން ނިކުތް ވަގުތަކީ ފަލަކްނާޒްވެސް އޭނާގެ ކޮޓަރިން ނިކުތް ވަގުތެވެ. އަނުމް ފެނުމާއެކު ފަލަކްނާޒް ފޫހިކަމާއެކު ބަލައިލިއެވެ. އަނުމް ބެލްކަންޏަށް ނިކުމެ ކޮނޑާއެކު ރެއިލިންގައި ހެދުން އަޅުވާފައި އެނބުރިލިއިރު އާރިޔަން ކާ ބަޔަށް ވަންނަ މަންޒަރު ފެނުނެވެ. ބަނޑުހައިވެފަ ހުރިވަރުން އޭނާވެސް ދިޔައީ އެދިމާލަށެވެ.

"މިއަދުވެސް ކާއެއްޗެއް ނަހަދަންތަ މަންމާ" މޭޒު ކައިރީގައި އިށިން އާރިޔަން ވާހަކަދެއްކީ ކަބަޑު ކައިރީގައި ކޮފީ ހަދަން ހުރި ފަލަކްނާޒާއެވެ.

"އަހަރެން ނޫނަސް މިގޭގަ އަންހެނެއް އެބަހުރި. ކޮންމެފަހަރަކު ބަދިގެއަށް ވަދެ އަހަރެން ކައްކަންވީ ކީއްވެ؟" ފަލަކްނާޒަށް ވަދެގެން އައި އަނުމް ނުފެނުނަސް މޭޒު ކައިރީގައި އިން އާރިޔަން ފެނުނެވެ. އެދެމައިންގެ މެދުގައި ދެކެވުނު ވާހަކަ އަނުމްއަށް ރަނގަޅަށް އިވުނެވެ. ހިނދުކޮޅަކަށް އަނުމްގެ ލޮލާއި އާރިޔަންގެ ލޯ ބައްދަލުވިއެވެ.

"ދެން އުޅެނީ އަނުމްއެއްނު. އަނުމް އަކީ އަޅުގަނޑުގެ އަންބެއްނޫން. އެހެންވީމަ އަޅުގަނޑަށް ކާންދޭންޖެހޭނީ މަންމައެއްނު" އާރިޔަން ވާހަކަދެއްކީ އަނުމްގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. އެއްފަހަރު އާރިޔަންގެ މޫނަށް ބަލައިލުމަށްފަހު ދެވަނަ ސިކުންތުގައި އަނުމް އިސްއޮބައިލިއެވެ.

"ވަރިހަމަ މަށަށް. މިއަދު ގޮސް ހޮޓަލުން ކާލާ. މިއަދަކު ނުވާނެ" ފަލަކްނާޒް ބުނެލިއެވެ. އާރިޔަން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ ހޮޓަލުން ކައިގެން ހުންނަތާ މިއަދަށް ތިން ދުވަހެވެ. އާރިޔަން ތެދުވެގެން ހިނގައިގަންނަން އުޅުނު ވަގުތު އަނުމް އިސްއުފުލާ އާރިޔަންއަށް ބަލައިލިއެވެ. އާރިޔަން އެހާ ބަނޑުހައިވެގެން ކާއެއްޗަކަށް ބޭނުންވެފައި އިންކަން އިނގުމުން އޭނާ ހިތުގައި ޖެހި ކުށްވެރި އިހުސާސްތަކެއް ކުރެވިއްޖެއެވެ. މީގެކުރިންވެސް އެގޭގައި ހުރިހާ ވަގުތަކަށް ކައްކކަނީ އަނުމްއެވެ. ކުއްލިއަކަށް ދިމާވި ހާލަތެއްގެ ސަބަބުން އެކަމަށް އޭނާއަށް ފަރުވާކުޑަ ކުރެވިއްޖެއެވެ. އެހެންކަމުން ކުރިން އުޅުނުގޮތަށް އެގޭތެރޭގައި އުޅެން އޭނާ ނިންމިއެވެ.

"އަހަ.... އަހަރެން މިއުޅެނީ ނޫޑްލްސް ހަދަން. މަޑުކޮށްލަންވީނުން ކައިގެންދާން. ވަރަށް އާވާސްވާނެ" އަނުމް ވާހަކަދެއްކިއެވެ. ފަލަކްނާޒް ފަހަތް ބަލައިލީ އަނުމްގެ އަޑަށެވެ. ލިބުނު ހިތްހަމަޖެހުމުގައި އާރިޔަން އަލުން ގޮނޑީގައި އިށީނެވެ. އެހެން އެބުނީ އަނުމްކަން އޭނާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އޭނާ އެކަމަށް ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތުގައި އަނުމްއަށްޓަކައި އުފެދިފައިވާ އިހުސާސްތަކަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށް ވުރެ ވަރުގަދަ އިހުސާސްތަކެކެވެ. އާރިޔަންއަށް އައި ބަދަލުތައް ފަލަކްނާޒަށް ފެނުނު ހިނދު އޭނާގެ ބޮލުގައި ރިއްސާލައިފިއެވެ. އަނުމް އެހާ ލޯބިން އާރިޔަންއަށް ކައްކާފަ ކާންދިނުން އެއީ އޭނާ އެއްގޮތަކަށްވެސް ރުހޭނެކަމެއް ނޫނެވެ.

"ކޮންމެހެން މަގޭ ދަރިންނަށް ކައްކާފަ ކާންދޭން އުޅޭނެކަމެއް ނެތް. އަހަރެންގެ ދެއަތް އަދި އޮތީ ސަލާމަތުން. ހަށިގަނޑުގަ ވަރު އެބަހުރި" ފަލަކްނާޒް ބުނެލިއެވެ. އަނުމް ބަލައިލާފައިވެސް ބަހެއް ނުބުންޏެވެ. އާރިޔަން ކައިރިއަށް އައީ ހިންޏެވެ. ފަލަކްނާޒް އުޅުނު ގޮތުން އޭނާ އިނީ މަޖާވެފައެވެ. އެކަމަކު މިވަގުތު އޭނާ ބޭނުމީ ފަލަކްނާޒް އަތުން ރޯފިލުވާފައި ދޭ ކާއެތިކޮޅެއް ނޫނެވެ. އަނުމްގެ އަތުން ހިތްހެޔޮކަމާއެކު ފެންތައްޓެއް ދިނަސް މިވަގުތު އޭނާއަށް ފުދޭނެއެވެ.

"އަނުމްވެސް މަޑުކޮށްލަންވީނުން ކައިގެން ދާން. ވަރަށް އުފާވާނެ އަނުމް ކައްކާ ނޫޑްލްސްގެ ރަހަ ބަލާލަން ލިބުނިއްޔާ" އާރިޔަން ބުނެލިއެވެ. ދާން އުޅެފައިވެސް އަނުމް މަޑުކޮށްލިއެވެ.

"އާޔަންއަށް އެންމެ މީރު ގޮތަށް މަންމަ ނޫޑްލްސް ކައްކަދޭނަން" ފަލަކްނާޒް ބުނެލިއެވެ.

ގޭ ދޮރު ބެލް އަޅާލި އަޑު އިވުމާއެކު އާވާ ދޮރު ހުޅުވައިލިއެވެ. ސިޓިންރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަތުގައި އޮތް ފުރުޓް ކޮތަޅު އާވާ އަތަށް ދެމުން އާވާގެ ނިތުގައި އެތެރެއަށް ވަން މާހިލް ބޮސްދިނެވެ. އެމަންޒަރު ކޮޓަރިން ނިކުތް ޒެރީންއާއި ކިޔާންއަށް ފެނުނެވެ. ހިތްހަމަނުޖެހިފައި ޒެރީން އަލުން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ފެނުނު މަންޒަރުން ކިޔާނަށް އަސަރުކުރިއެވެ. އެހެންނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ސޯފާގައި އިށިންނަމުން އޭނާ ޓީވީއަށް ނަޒަރު ހިންގާލިއެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު މާހިލްއަށް ސޯފާގައި އިނީ ކިޔާން ކަން އިނގުނެވެ. އޭނާއަށް ކިޔާން ބަލައިނުލުމުން މާހިލްއަށް ގޮވާލަން ނުކެރުނެވެ. އާވާގެ މޫނަށް ބަލައިލާފައި އޭނާ ހީލިއެވެ.

"ކިޔާން! މިއީ މާހިލް. މައި ހަޒްބެންޑް" އާވާ ކިޔާނަށް ގޮވައިލަމުން ބުނެލިއެވެ. ކިޔާން ބަލައިލާފައި ބީރައްޓެހި ހިނިތުންވުމެއް މާހިލް އާ ބަދަލުކޮށްލިއެވެ.

"ކާންދާނީތަ ފުރަތަމަ. ތައްޔާރުކޮށްފައި ހުންނާނީ" އާވާ އަހައިލިއެވެ.

"އެންމެ ފުރަތަމަ ހިނގާ މަންމަ އާ ބައްދަލުކޮށްލަން" މާހިލް ބުނެލިއެވެ. މާހިލްގެ އަތް އާވާގެ އުނަގަނޑުމަތިން އަޅުވާލާފައިވާ މަންޒަރު ފެނުމުން ކިޔާނަށް ހިންދިރުވާލެވުނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނުއިރު ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

އަތުގައި އޮތް ޓީވީ ރިމޯޓް ތިރީގައި އަޅާފައި އޮތް މަހްމާ ކާޕެޓް މައްޗަށް ހޫރާލާފައި އޭނާ ދެއަތް އަޅުވާލީ އުކުޅުވަޅުގައެވެ. ނޭފަތް އެތެރެއަށް ދަމާލެވުނު އިރު ކަރުނަ ތިއްކެއް އޭނާގެ ކޯތާފަތް ހުރަސްކޮށްފިއެވެ.

(ނުނިމޭ)