ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މޭކަޕް ބްރޭންޑެއްގެ މޮނޯ އައުޓްލެޓަކަށް ނޯޓް ކޮސްމެޓިކްސް

މަރިޔަމް ޝަހުދާ

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މޭކަޕް ބްރޭންޑެއްގެ މޮނޯ އައުޓްލެޓަކަށް ނޯޓް ކޮސްމެޓިކްސްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި އެވެ.

ރޭ ކުރިއަށްދިޔަ ހަފުލާއެއްގައި މާލޭގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. މި އައުޓްލެޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކް ވިއްކަމުން އަންނަ ނިއު އެޑިޝަނުން ރާއްޖޭގައި ހުޅުވި އައުޓްލެޓެކެވެ.

ނިއު އެޑިޝަނުން ބުނި ގޮތުގައި "ނޯޓް" ބްރޭންޑަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. އަދި އެ ބްރޭންޑްގެ މޮނޯ އައުޓްލެޓާއެކު ރާއްޖޭގެ "ބިއުޓީ އެންޑް ފެޝަން" ދާއިރާ އިތުރު ހަރުފަތަކަށް ކުރިޔަށް ދިޔުމުގެ އިތުރުން އެދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އާ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ވެސް ނިއު އެޑިޝަނުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިއު އެޑީޝަންގެ ޗީފް މާކެޓިން އޮފިސަރު އިސްމާއީލް އަޒްމީ ވިދާޅުވީ މި މޮނޯ އައުޓްލެޓަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް ކަމަށެވެ. އަދި ނޯޓްގެ މޮނޯ އައުޓްލެޓް ހުޅުވުމަށް މަސައްކަތް ކުރެއްވި ޓީމަށް އަޒްމީ ޝުކުރު ދެންނެވިއެވެ.

ނޯޓް ބްރޭންޑަކީ ދުނިޔޭގެ އެންމެ ފުރަތަމަ ހަލާލް މޭކަޕް ލައިނެވެ. ނިއު އެޑިޝަނުން މި ބްރޭންޑްގެ މޭކަޕް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފުކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.