ވިޔަފާރި ފީޗާރޑް

އެލައިޑަށް 35 : ހުނަރުވެރިންނާއެކު ޑިޖިޓަލް އިންޝުއަރެންސްގެ އެންމެ އުހުގައި

އެއީ އިސްތިހާރެއް ހެދިޔަސް، ކަމެއް އަލަށް ތައާރަފު ކުރިޔަސް ތަފާތު ދައްކާ ނަމޫނާ ހިދުމަތްތެރިޔެކެވެ. ވިޔަފާރިތަކުގެ އެހީތެރިޔެކެވެ. މީހުންނާއި މުދަލަށް ލިބޭ މާލީ ގެއްލުންތަކުން ރައްކާތެރިކޮށްދޭ ހަށިފާރިވެރިޔެކެވެ. އިންޑަސްޓްރީއެއްގެ ގޮތުގައި އިންޝުއަރެންސް ވިޔަފާރި ރާއްޖެއަށް އުފަން ކުރުވި ދިވެހި ފުރަތަމަ ކުންފުންޏެވެ. އެއީ އެލައިޑް އިންޝުއަރެންސް އެވެ.

އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް އާއި ދިވެހިންގެ ވިޔަފާރި ކުންފުނި އެސްޓީއޯ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން 1985ގައި އުފެއްދި އެލައިޑަކީ ރާއްޖެއަށް ޒަމާނީ އިންޝުއަރެންސްގެ ހިދުމަތް ތައާރަފުކުރަން އެޅި ބިންގަލެވެ. ނަމަވެސް ކުންފުނީގެ އުމުރުން މިއަދު 35 އަހަރު ފުރުނު އިރު، އެއީ ރާއްޖޭގައި އިންޝުއަރެންސްގެ މައި ތަނބެވެ. ގައުމީ ހިިމާޔަތްތެރިޔާ އެވެ.

ޔޫނިއަން އިންޝުއަރެންސްގައި އޮތް ހުރިހާ ހިއްސާއެއް ގަނެ، ސައްތައިން ސައްތަ ދިވެހީންގެ ކުންފުންޏަކަށް ހަދައި، އެލައިޑުގެ މިވީ ކުރު ތާރީހުގައި އެ ކުންފުނިން ނުހޯދާ ކާމިޔާބެއް ނެތެވެ. ދިވެހިން ހިންގާ ދިވެހިންގެ ކުންފުންޏެކެވެ. އިންޝުއަރެންސްގެ އިންޑަސްޓްރީގައި އިޖާދީ އަދި ފަންނުވެރި ޕްރޮޑަކްޓުތަކެއް ތައާރަފު ކުރުމުގައި ނަމޫނާއެކެވެ. އުފެއްދުންތެރިކަމުގައި އެވަރުގެ ކުންފުންޏެއް ނެތެވެ.

އޭގެ ތެރެއިން ވެސް އެންމެ ކަމެކެވެ. ކިޔާލަން ފަސޭހައަކަށް، މުޅިން އާ އިންޑަސްޓަރީއެއް ޑިޖިޓަލައިޒްކޮށް، ސޮފްޓްވެއާ ތައްޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ޑިޖިޓަލައިޒޭޝަން އޮފް އިންޝުއަރެންސް ނުވަތަ އިންޝުއަރެންސްގެ ހިދުމަތްތައް ޒަމާނީކޮށް އެލައިޑުން މިވަނީ އިންގިލާބީ ބަދަލެއް ގެނެސްފައެވެ.

މިއަދު އެލައިޑުން ހިދުމަތްތައް ފޯރުކޮށްދެނީ އެއްވެސް ކަރުދާހެއް ނެތި، އޮންލައިން ސިސްޓަމެއްގެ ތެރެއިންނެވެ. އެއީ ކަސްޓަމަރުންނާއި އެޖެންޓުން އެދޭ ހިދުމަތެއް ނަމަވެސް އަދި ކުންފުނީގެ ވެރިން އެޕްރޫވް ކުރަންޖެހޭ ކަމެއް ނުވަތަ ޕޮލިސީއެއް ވިޔަސް އެކަމެއް ނިމިގެންދަނީ ޑިޖިޓަލް ސިސްޓަމުގެ ތެރެއިންނެވެ.

މިސާލަކަށް އެލައިޑުގެ ހެލްތު އިންޝުއަރެންސަށް އެދޭ ކަސްޓަމަރުންނަށް މިފަދަ ސިސްޓަމެއް ނެތުމުން ދިމާވާ ދަތިތައް އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު (ނިއުއްކޮ) ވިދާޅުވިއެވެ.

"ނޯމަލީ ވާގޮތަކީ ކުންފުންނަކުން ހެލްތު އިންޝުއަރެންސް ނެގީ. ހެލްތު އިންޝުއަރެންސް ބޭނުން ކުރަން މި އޮންނަނީ ދެގޮތެއް. އެއް ގޮތަކީ އެގްރިމެންޓް ހަދާފައި ހުންނަ ތަންތަނަށް ފައިސާ ނުދައްކައި، ކާޑު ނުވަތަ އައިޑީކާޑު ދައްކާލުން. އަނެއްބައި ހިދުމަތްތަކަކީ އަމިއްލައަށް ޕޭކޮށްފަ، ކުންފުންޏަށް ބިލުތައް ދެއްކުން. ގިނަ ފަހަރު ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ އެކުންފުންޏެއްގެ އެޗްއާރު ޑިޕާޓްމަންޓަށް. އެތަނުގައި ފޯމުތައް ފުރާފަ އެ ފޯމުތައް އިންޝުއަރެންސް ކުންފުންޏަށް ފޮނުވައިގެން އެތައް ދުވަހެއް ފަހުން ލާރި ލިބޭ ގޮތް މިވަނީ،"

ނިއުޝާދު ވިދާޅުވި ގޮތުގައި، މިއަދު އެލައިޑުގެ ސިސްޓަމުގެ ތެރެއިން އިންޝުއަރެންސް ނަގާފައިވާ ކުންފުންޏެއްގެ މުވައްޒަފުންނަށް ފޯނުން ވިޔަސް، އަމިއްލައަށް ލޮގިންވެ، ހިދުމަތް ހޯދި ބިލުތައް އަޕްލޯޑުކޮށް އިންޝުއަރެންސް ފައިސާ ހޯދޭނެ އެވެ. މެދުވެރިއެއް ނެތި، ސީދާ ކަސްޓަމަރުން އެލައިޑަށް ބިލުތައް ފޮނުވުމުން، ހޮސްޕިޓަލަށް ފައިސާ ފޮނުވުން އަވަސްވެ، ހޮސްޕިޓަލުގެ ހިންގުން ވެސް ހަރުދަނާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އަތޮޅުތެރެ ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ ހޮސްޕިޓަލަކުން ފައިސާ ދައްކަން ނުޖެހި ނުވަތަ "ކޭޝްލެސް"ކޮށް އެލައިޑުގެ ހިދުމަތް ހޯދޭއިރު، ޕްރައިވެޓް ސެކްޓަރުގެ 90 އިންސައްތަ ތަންތަނުން ވެސް މިއަދު އެކަން ވާން އެބައޮތެވެ. އެއީ ހޮސްޕިޓަލުތަކާއި އެލައިޑުގެ ސިސްޓަމާ ގުޅާލާފައި ވާތީ އެވެ.

އިތުރު ކުޑަ މިސާލެކެވެ. އެލައިޑް ހޯމް އިންޝުއަރެންސް ކޮންޓެންޓުގެ ހިދުމަތެވެ. ގޭގައި ހުންނަ އެއްޗެއް އިންޝުއާ ކޮށްލަން ބޭނުންވާ ކަސްޓަމަރަކަށް، އިންޓަނެޓް ލިބޭ ކޮންމެ ތަނެއްގައި ހުރެގެން ވެސް އިންޝުއާ ކޮށްލަން ބޭނުންވާ އެއްޗެއްގެ ފޮޓޯ ނަގައި، އަގު ޖަހައި އިންޝުއާ ކޮށްލެވިދާނެއެވެ. އެހާވެސް ފަސޭހައެވެ.

ނިއުޝާދު ވިދާޅުވި ގޮތުގައި ބޭރުގެ އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ، ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަށް އެލައިޑުން ގެނައި މި އިންގިލާބަކީ އެކުންފުނިން ތަމްރީނުކޮށްގެން، އިންޝުއަރެންސް ކޮންސެޕްޓް ދަސްކޮށްގެން އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ހުނަރުވެރިކަމެވެ. ދިވެހީންގެ އުފެއްދުންތެރިކަމެވެ.

މީގެ ދެ އަހަރު ކުރީން އެލައިޑުން ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް "އިންޝުއަރެންސް އެޖެންޓު، އެޖެންޓް 1600 އަކީވެސް މުޅި ގައުމުގެ ސަމާލުކަން ދަމައިގަތް ތަފާތު ޕްރޮޑަކްޓެކެވެ.

އެޖެންޓް 1600 އަކީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ކަސްޓަމަރުންގެ ސުވާލުތަކަށް އަމިއްލަ އަށް ޖަވާބުދޭ އިންޓެލިޖެންޓް ބޮޓެކެވެ. މިހާރު އެ ބޮޓުގެ ހިދުމަތް ވައިބާ، ފޭސްބުކް، މެސެންޖާ، ޓުވިޓަރު އަދި ޓެލެގްރާމުން ލިބެ އެވެ. މި ބޮޓުގެ ހިދުމަތް ލިބޭނީ އެލައިޑުގެ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ އޭޖެންޓް 1600 ސާޗް ކުރުމުންނެވެ.

ވާދަވެރި މާކެޓަކަށް ރާއްޖޭގެ އިންޝުއަރެންސް ވެގެން ގޮސްފައިވާ އިރު، އެލައިޑްގެ ވިސްނުމަކީ، މި ހިދުމަތް ޒަމާނީކޮށް، ޑިޖިޓަލް ކުރުމެވެ. އެމީހަކު ހުރިތާކުން ހިދުމަތަށް އެދި ހިމާޔަތްވެސް ހޯދޭ ހިދުމަތަކަށް ހެދުމެވެ. ފަސޭހަ ކަމާއެކު އިންޝުއަރެންސްގެ ފައިދާ ހޯދޭ، މީހުންނާ ރައްޓެހި ހިދުމަތަކަށް ހެދުމެވެ. މާލީ ގެއްލުންތަކުން ހިމާޔަތްކޮށްދޭ، އިންޝުއަރެންސް ކުންފުނީގެ ގޮތުގައި ދެމިއޮވެ، ހިދުމަތްތައް އަތްފޯރާ ފަށަށް ކައިރިކޮށްލަދިނުމަށް ކުރި މަސައްކަތް އެލައިޑުން މިއަދު މި ވަނީ ފުރިހަމަ ކަމާއެކު ކާމިޔާބުކޮށްފަ އެވެ.