ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން - 4

އަބްދުﷲ ފާރޫގް ހަސަން

ޢައްލާމާ އިބްނު ތައިމިއްޔާ އިތުރަށް ލިޔުއްވައިފައިވެއެވެ. ކީރިތި ޤުރްއާނާއި ޙަދީޘުފުޅުތަކުގައި ތަކުރާރު ކުރައްވައިވަނީ ހެޔޮކަންތަކަށް އަމުރު ކުރުމަށާއި ނުބައިކަންތައް މަނާކުރަން އަންގަވައިފައެވެ.

"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުންވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ." (އާލުޢިމްރާން : 110)

އަޅުގަނޑުމެންނަށް ސަރީޙުކޮށް އެނގޭފަދައިން އަމުރުކުރުމަކީ ވެސް މަނާކުރުމަކީ ވެސް އޭގައި ޙުކުމުގެ ބާރު އެކުލެވިފައިވައި ދެކަންތަކެވެ. އެއީ ހަމައެކަނި ނުކުޅެދިތިބެ ކުރާ އިލްތިމާސެއް ނުވަތަ އާދޭހެއް ނޫނެވެ. އެހެންކަމުން އެކަމަށްޓަކައި ވެރިކަމާއި ބާރު ނުވަތަ ނުފޫޒާއި ބާރު ގެ ނިޒާމެއް ބޭނުންވެއެވެ. ވެރިކަމުގެ އާރާއި ބާރު ނެތިއެއް ޖިހާދެއް ނުކުރެވޭނެއެވެ. ވެރިކަމުގެ ބާރާއި ނުފޫޒާ ނުލައެއް ޢަދުލު އިންސާފު ގާއިމެއް ނުކުރެވޭނެއެވެ. މާތްﷲގެ ހުކުމްފުޅުތައް ތަންފީޒެއް ނުކުރެވޭނެއެވެ. އައްލާމާ އިބްނު ތައިމިއްޔާ އަލްހިސްބާ ފިލްއިސްލާމް ގައި ރަސްކަމާއި ވެރިކަމުގެ އަހަންމިއްޔަތު ބަޔާންކުރައްވަމުން ލިޔުއްވައިފައިވެއެވެ.

"ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ޝަރުޢީގޮތުން ދޭންޖެހޭ އަދަބުތައް ދީގެންމެނުވީ ފުރިހަމަ ކުރެވޭނެކަމެއް ނޫނެވެ. ޤުރްއާނުގެ ޒަރީއާއިން ހުއްޓުވައި މަނާނުކުރެއްވޭ އެތައް ކަންތައްތަކެއް އަރަހުށި މާތްﷲ ވެރިކަމާއި ދައުލަތުގެ ބާރު މެދުވެރި ކުރައްވައި ހުއްޓުވައި މަނާކުރައްވައެވެ." (އަލްޙިސްބާ ފިލްއިސްލާމް)

މަތީގައި ބަޔާންކުރި އިޤްތިބާސުން އަޅުގަނޑުމެންނަށް ބަޔާންވަނީ އިސްލާމްދީނުގައި ވެރިކަމާއި ދައުލަތުގެ މުހިންމު ކަމެވެ. އެހެންކަމުން ދީނާއި ސިޔާސަތަކީ އެއްވެސް ގާތްކަމެއް ނެތް ތަފާތު ދެކަމެއްގެ ގޮތުގައި ކުރެވޭ ތައުބީރަކީ ކިހައި ޙަޤީޤަތާ ޚިލާފު ތައުބީރެއްކަން އަޅުގަނޑުމެންނަށް ޞަރީޙުކޮށް އެނގެއެވެ.

މުސްލިމުންގެ މަތިވެރި އާލިމު އަދި އައްބާސީ ދައުލަތުގެ އުއްތަމަފަނޑިޔާރު އައްލާމާ އަލްމާވަރުދީގެ ވާހަކަ އިސްވެދިޔަތާނގައި ވެސް ވަނީ ބަޔާންކުރެވިފައެވެ. އައްލާމާމާވަރުދީ އެކަލޭގެފާނުގެ އަލްއަހްކާމުއް ސުލްޠާނިއްޔާގައި ލިޔުއްވައިފައިވެއެވެ. "ހެޔޮކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުމަކީ ބާރާއި ވެރިކަމުގެ ނުފޫޒާ ނުލައި އަމަލީ ސިފަގެނެވޭނެ ކަންކަމެއްނޫނެވެ. އެހެންކަމުން ވެރިކަމަކީ ނުވަތަ މުސްލިމުންގެ ވިލާޔަތަކީ ދީނުގެ އެންމެމަތީ ދަރަޖައިގެ ވާޖިބުތަކުގެ ތެރެއިން ހިމެނޭކަމެކެވެ." (އަލްއަޙްކާމުއްސުލްޠާނިއްޔާ)

މުންކަރާތުގެ މަފްހޫމަކީ ވެސް ފަހަކަށް އައިސް ކުށްގޮތެއްގައި ވިސްނައިގަނެވޭކަމެކެވެ. ވަރަށް ގިނަ ބަޔަކު ހީކުރާގޮތުގައި މުންކަރާތުގެ ތެރޭގައި ހިމެނެނީ ޒިނޭކުރުމާއި، ރާބުއިމާއި، މިނޫންވެސް މިބާވަތުގެ ނުބައިކަންކަމެވެ. ފާފަވެރި އަމަލުތަކެވެ. ނަމަވެސް ޙަޤީޤަތަށް ވާސިލުވާއިރު އިންތިޚާބު ތަކުގައި މަކަރު ހެދުމާއި ވޯޓުއޮޅުވުމާއި، ރިޝްވަތުގެ ބޭނުންކުރުމަކީވެސް މުންކަރާތެވެ. ކަމާއެކަށީގެންނުވާ މީހުނާ ވެރިކަމުގެ އަމާނަތް ހަވާލުކުރުމަކީ ވެސް މުންކަރާތެވެ. އަނިޔާވެރީންގެ އަތްތަކުގައި ނުހިފެހެއްޓުމާއި އަނިޔާއާ ދެކޮޅަށް އަޑު ނުއުފުލުމަކީ ވެސް މުންކަރާތެވެ. މީހަކު ނުވަތަ ބަޔަކު އިންސާނީ ހައްޤުތަކުން މަހްރޫމު ކުރެވޭއިރު ހައްޕުކިޔައިގެން ތިބުމާއި،އަނިޔާވެރިކަން ހުއްޓުވަން މަސައްކަތްނުކޮށް ދެއަތް އުރައިލައިގެން ތިބުމާއި، ވެރިޔަކު ބައިތުލްމާލަކީ އޭނާގެ ހިންނައެއް ކަމުގައި ބަލައިގެން ކައިހުސްކޮށް މަޖާކޮށް ތިމާގެ ދަރީންނަށް ދައުލަތުގެ މުއްސަނދިކަން ތަޅައި ބުރުއްސަން ފުރުސަތު ދީގެންއުޅޭއިރު އެމުންކަރާތްތަކާމެދު ފެންނަތަން ނުފެންނަކަމަށް ހަދައިގެން ތިބުމާއި މިހިރީހައްތާވެސް މުންކަރާތްތަކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައިވަނީ މުންކަރާތެއް ނުވަތަ ނުބައިކަމެއް ފެންނަ މީހާ އެމީހާގެ މުލައްދަނޑީގެ ބާރުގައި އެކަން މަނާކުރުމަށެވެ. އެކަމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ އޭނާގެ ދުލުން އެކަންމަނާކޮށް ހުއްޓުވުމަށެވެ. އެކަމަށްޓަކައި މަސައްކަތް ކުރުމަށެވެ. އެވަރުވެސް ނުކުރެވުނު މީހާ ތިމާގެ ހިތުން އެއީ ނުބައި ކަމެއްކަމުގައި ބެލުމަށެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ.

ދީނާއި ސިޔާސަތާ ގުޅުމެއްނެތްކަމުގައި ބަލައި ސިޔާސަތުގެ ތެރެޔަށް ނުވަދެ ދުރުގައި ކުޅި ބަލާން ތިބޭނަމަ މުންކަރާތްތައް މަނާކޮށް ނުބައިކަންތައްތައް ދަފަރާކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެކަމަށްޓކައި ދުލާއި ގަލަމުގެ ބޭނުން ކުރާންޖެހޭ ވަގުތު އައުމުން ދުލާއި ގަލަމުގެ ބޭނުން ކުރާން ޖެހޭނެއެވެ. ނުސީދާމަގުމަގުން ހިނގާ އަނިޔާވެރިވެރީންނާ ދެކޮޅަށް އާއްމު ރައުޔުބައްޓަން ކުރާން ޖެހޭ ވަގުތު އައުމުން އެކަމަށްޓަކައި ޖަލްސާތައް ބާއްވައި ޖުލޫސުތައް ނެރޭން ޖެހޭނެއެވެ. އަނިޔާވެރި އަދި ނާގާބިލުވެރީން ވެރިކަމުން ދުރުކުރުމަށްޓަކައި އިންތިހާބުތަކުގައި ބައިވެރިވާންޖެހޭނެއެވެ. އުމީދާރުންގެ ހައިޘިއްޔަތުންނެވެ. ވޯޓުދޭމީހުންގެ ޙައިޘިއްޔަތުންވެސްމެއެވެ. އިސްލާމްދީނުގައި ވެރިކަމާއި ސަރުކާރުގެ މުހިންމުކަން ދޭހަވާ ރިވާޔަތެއްގައި ވެއެވެ.

"ރަސްގެފާނު ނުވަތަ ހާކިމާޔަކީ ބިންމަތީގައިވާ މާތްﷲ ގެ ހިޔަނިފުޅެކެވެ." މާނައަކީ މާތްﷲ ގެ ހުކުމްފުޅުތައް ބިންމަތީގައި ތަންފީޒުކުރަނީ އޭނާއެވެ. ފަޟީލު ބިން ޢިޔާޟު އާއި އަހްމަދު ބިން ހަންބަލް (ރަޙިމަހުމުﷲ) ވިދާޅުވެފައިވެއެވެ. އަހަރެމެންނަށް އެންމެ ކަމަކަށް އެދި ދުއާކުރުމަށާއި އެދުއާ އިޖާބަކުރެއްވޭނެކަން އެންގިއްޖެނަމަ ދުއާކުރާންވާނީ ރަސްގެފާނު އިސްލާހުކުރައްވައި އޭނާ ހެޔޮލަފާ މީހަކު ކަމުގައި ލެއްވުން އެދިއެވެ. އެހެނީ އާއްމު ރައްޔިތުން އިސްލާޙުވުން ބިނާވެފައިވަނީ ހާކިމާ އިސްލާޙުވުމުގެ މައްޗަށެވެ. މިއީވެސް އިސްލާމްދީނުގައި ދައުލަތާއި ވެރިކަމުގެ މުހިންމުކަން އެނގިބަޔާންވާ ބަސްފުޅެކެވެ.

ވަރަށް ކުށްތަސައްވުރެއް މީހުންގެ ސިކުނޑިތަކުގައި ހަރުލައިފައިވާތާ މިހާރުމިވަނީ ވަރަށް ދިގު މުއްދަތެއް ފާއިތުވެފައެވެ. އެތަސައްވުރަކީ އެމީހެއްގެ ޚަލްވަތުގައި ތައުބާވެ އަސްތަޣުފާރުކޮށް ޒިކުރާއި ދުއާކުރާމީހާއަކީ ވަރަށް ބޮޑު ދީންވެރިޔަކު ކަމުގައި ބެލުމުގެ ތަސައްވުރެވެ. އެމީހަކީ ރޫޙާނިއްޔަތުގެ ވޮށެއްކަމުގައި ބެލުމެވެ. ސަރުކާރުގެ ދާއިރާއާއި މުޖްތަމައުގައި އަށަގެންފައިވާ ފަސާދައާއި ކުށްތައް އިސްލާހުކުރުމަށްޓަކައި ސިޔާސަތުގެ މައިދާނަށް ނުކުންނަ މީހުންނަކީ ދުނިޔެ އެދިގެން އުޅޭ މީހުންކަމުގައި ބެލުމެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާއިރު ވަނީ މިދެބައި ޖަމާކުރައްވައިފައެވެ. މާނައަކީ ފުރިހަމަ މުއުމިނެއް ކަމުގައިވާނީ އެމީހެއްގެ ކިބައިގައި މިދެބައި ވެސް އެކުލެވިފައި ހުރެގެންނެވެ. އާދޭހެވެ. މުއުމިނަކީ އަޅުވެރިޔެކެވެ. ޒިކުރުކޮށް ދުއާކޮށް އުޅޭމީހެކެވެ. ފަރުދީ ހަޔާތުގައްޔާއި އިޖްތިމާއީ ދާއިރާގައި މާތްﷲ ކަނޑައަޅުއްވައިފައި އިންތައް ރައްކާތެރިކޮށް ބަލަހައްޓަންމަސައްކަތްކުރާވެސް މީހެކެވެ. ތިމާއަށް ކެރި ފޯރިވަރަކުން ހުރިހާ މުންކަރާތްތަކެއް މަނާކުރާންވެސް އުޅޭމީހެކެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

" (އެއީ) ތައުބާވާމީހުންނެވެ. (ﷲ އަށް) އަޅުކަންކުރާ މީހުންނެވެ. (އެކަލާނގެއަށް) ހަމްދުކުރާ މީހުންނެވެ. ރޯދަހިފާމީހުންނެވެ. ރުކޫޢުކޮށް ސަޖިދަ ކުރާ މީހުންނެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރާމީހުންނެވެ. އަދި ﷲ ކަނޑައަޅުއްވައިފައިވާ އިންތަކަށް ރައްކައުތެރިވާ މީހުންނެވެ." (އައްތައުބާ : 112)

އިސްލާމްދީނުގެ މިޒާޖަކީ މަގުދެއްކުމެވެ. ތެދުމަގަށް ގޮވައިލުމެވެ. ޤައުމުތައް އިސްލާޙުކޮށް އިސްވާރުކަމުގެ ވާޖިބު އަދާކުރުމެވެ. މިކަންކަމަކީ ހަމައެކަނި ހަނދާންކޮށްދީގެންނާއި، ވަޢުޡު ބުނެ ނަސީހަތްދީގެން ހަމަޖައްސައިލެވޭނެ ކަންކަމެއް ނޫނެވެ. އެކަމަށްޓަކައި ބާރާއި ހަކަތަ އާއި ބުންވަރާއި ކެރުންވެސް ބޭނުންވެއެވެ. އެކަންކަމަކީ ހަމައެކަނި މީސްތަކުންގެ ޒަމީރު އެދޭ އެދުމާއި ރުހުމާއި ނުރުހުމުގެ މައްޗަށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. އިންސާނިއްޔަތުގެ ހެވާއި ލާބަޔަށްޓަކައި އިސްލާމްދީން އެކަންކަން ފުރިހަމަކުރާން އެދެއެވެ. މީސްތަކުންގެ ޒަމީރު މަރުވެފައިވިޔަސް މީހުންގެ ހިތްއެދޭ ހެޔޮ ގޮތްތައް ބަލިއެދުގައި އޮތްކަމުގައިވިޔަސްމެއެވެ. އާއްމު އިންސާނުންގެ ހިއްސިއްޔާތުގައި ހެޔޮކަމެއް އެކުލެވިފައިނުވި ކަމުގައި ވިޔަސް މެއެވެ. އެކަމަށްޓަކައި ސިޔާސި ނިޒާމަކަށް ބޭނުންވެއެވެ. ބާރުހުރި ނިޒާމެކެވެ. އެނިޒާމެއްގެ ހުކުމްތައް އަޑުއަހައި ކިޔަމަންވާންޖެހޭފަދަ ކީރިތިކަން ހުރި ނިޒާމެކެވެ. އެނިޒާމެއްގެ އަމުރު ހިނގާފަދަ ޝާނާއި ޝައުކަތުހުރި ނިޒާމެކެވެ.

މީސްތަކުންގެ ޠަބީއަތަކީ ތަފާތު އެއްޗެކެވެ. ބައެއް މީހުން ހަމައެކަނި ވިސްނައިދިނުމުން ދަނެގަނެއެވެ. ބުނެދިނުމުން ބަސްޤަބޫލުކުރެއެވެ. ބައެއް މިހުންނަކީ ވިސްނައިދިނުމާއެކު އަޑުލައި އިންޒާރުކުރާން ޖެހޭމީހުންނެވެ. އަނެއްބަޔަކީ އަދަބުދީގެން ހަމަމަގަށް އަޅުވަންޖެހޭ މިހުންނެވެ. ދުނިޔޭގެ ނިޒާމު ބަރާބަރަށް ހިންގުމަށްޓަކައި މިދެބައިވެސް ބޭނުންވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި މިދެބައިގެވާހަކަ ވަނީ އެކުއެކުގައި ބަޔާންކުރައްވައިފައެވެ.

" ހަމަކަށަވަރުން ފުޅާވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު ފޮތާއި ޢަދުލު އިންސާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި މިސްތަކުންނަށް މަންފާތަކެއްވެއެވެ." (އަލްޙަދީދު : 25)

ބަޔާންކުރެވިދިޔަ ކީރިތި އާޔަތުގައި ފޮތާއި ޢަދުލުގެ ތިލަފަތާއެކު ދަނޑާއި މަންފާހުރި ބާރު ގެ ވާހަކަ އެކުއެކީގައި ގެންނަވައިފައިވުމަކީ ވަރަށް ފުން މާނަތަކެއް އެކުލެވިފައިވާކަމެކެވެ. މި މާތް އާޔަތުން އިރްޝާދު ލިބޭގޮތުގައި މުޖްތަމައެއް އިންތިޒާމު ކުރުމަށްޓަކައި ތިންކަމެއް ބޭނުންވެއެވެ. އެއްކަމަކީ އިލާހީ ހިދާޔަތުގެ މަޖްމޫޢާއެއްކަމުގައިވާ ފޮތެވެ. ދެވަނަ އެއްޗަކީ މީޒާނެވެ. އަދުލުވެރި ޤާނޫނުތަކާއި، ޝަރީއަތެވެ. ތިންވަނަ އެއްޗަކީ ދަގަނޑެވެ. ތަންފީޒީ ބާރެވެ. ދީނަކީ ހަމައެކަނި ހަނދާންކޮށްދިނުމާއި ވައުޡު ބުނުމެއްނޫނެވެ. ދީން ގާއިމުކުރުމައްޓަކައި ސުލްޙަމަސަލަސްކަން ބެނުންވާފަދައިން ހަނގުރާމަ ކުރަންވެސް ބޭނުންވެއެވެ. ޝަބްނަމާއި ފަށުތްވާއެކު ކަނޑިޔަށްވެސް ބޭނުންވެއެވެ. މައިތިރިކަމާއި އޯގާތެރިކަމާއެކު ސިޔާސަކަމާއި އަބުއިކަމާއި ހަރުކަށިކަމަށްވެސް ބޭނުންވެއެވެ. ޖިހާދުކުރާންވެސް ބޭނުންވެއެވެ. އިސްލާމީ ދައުލަތް ހިމާޔަތްކުރުމަށެވެ. އަނިޔާވެރިކަން ހުއްޓުވުމަށްޓަކައެވެ. އެހެނީ މިމާތް ދީނަކީ ފުރިހަމަ ޝަރީއަތެކެވެ. ހަޔާތުގެ ތިލަފަތް ހަމަނިޒާމެކެވެ. މިދީނުގެ މިޒާޖަކީ އެއްކޮޅުން ރޫޙާނިއްޔަތެވެ. އެއާ ހަމައެކުއެކުގައި އަނެއްކޮޅުން ޤާނޫނާއި، ސިޔާސަތާއި ދައުލަތެވެ. ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލު ވިދާޅުވެފައިވަނީ ހަމަހެޔޮކޮށެވެ.

" އެނުބުއްވަތެއްގައި އާރާއި ބާރާއި ކީރިތި މޫރިތިކަން އެކުލެވިފައިނުވާ ނުބުއްވަތަކީ މުސްލިމުންނަށްޓަކައި އަފިހުން ގަހުގެ ފަތްތަކެއް ފަދައެވެ. "

(ނުނިމޭ)