ހުސެއިން ޝަމީމް

ހައިކޯޓުން އަބްދުﷲ ސައީދު މިނިވަންކުރި ހުކުމުގައިވާ ސިއްރުހެކީގެ ބައި އުނިކުރަން ޕީޖީ ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

5

ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން އިއްޔެ ބާތިލު ކުރިއިރު، ހައިކޯޓުގެ އެ ނިންމުމުގައި ހިމެނޭ، ސިއްރު ހެއްކާބެހޭ ބައި އުނި ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ނިންމައިފިއެވެ.

އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގައި، ދައުލަތުން ކުރި ދައުވާއާ ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

ހައިކޯޓުން އެ ހުކުމް ބާތިލުކޮށް މައްސަލަ ނިންމާފައިވަނީ 387/ އޭ-އެޗުސީ/2018 ގަޒިއްޔާއިންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ގަޒިއްޔާގައި، ސިއްރު ހެއްކާ ބެހޭގޮތުން ކަނޑައެޅުއްވި އުސޫލު، ގާނޫނީ ގޮތުން ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން ގަޒިއްޔާއިން އެ ބައި އުނި ކުރުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

"ދިވެހިރާއްޖޭގެ ހައިކޯޓުގެ 387/އޭ-އެޗުސީ/2018 ގަޒިއްޔާގައި ސިއްރު ހެއްކާ ބެހޭގޮތުން ކަނޑައެޅުއްވި އުސޫލު، ގާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެގަޒިއްއްޔާގެ އެބައި (ގާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް މިއޮފީހުން ނިންމައިފި،" އެކަން ހާމަކޮށް ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ސިއްރު ތިން ހެއްކެއްގެ މައްޗަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އެ ހުކުމް ބާތިލުކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ސިއްރު ހެއްކާ ބެހޭގޮތުން، ބުނެފައިވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށެވެ.

ދަށު ކޯޓުން އެ މައްސަލައިގެ ސިއްރު ހެކިބަސް ނެގީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކެއްގައި ކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އަބްދުﷲ ސައީދާ ދެކޮޅަށް ހުށަހެޅި ސިއްރު ތިން ހެކިންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތް އެނގެން ނެތް ކަން ވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ހައްޔަރު ކުރި ސިޔާސީ އިސް ބައެއް ފަރާތްތައް ދޫކޮށްލަން، އަބްދުﷲ ސައީދު އުއްތަަމަ ފަނޑިޔާރު ކަމުގައި ހުންނަވައިގެން 2018 ވަނަ އަަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން، ހައްޔަރު ކުރުމަށް ފަހުގައެވެ.