ޓެކްނޮލޮޖީ

ސިންގަލް ކްލިކް: ފެމިލީ ހަބް/ސުމާޓް އައިސް އަލަމާރީ ވަރަށް ވެސް ގެވެހި

އާދަމް ނަސީރު

ރާއްޖޭގައި އައިސް އަލަމާރިއެއް ނުހުންނަ ގެއެއް މަދުވާނެއެވެ. ރާއްޖެއަކީ ހޫނު ގައުމަކަށް ވެފައި ދިވެހިންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާއި ގުޅިގެން މުޅި ބަދިގޭގެ ދިރުމަކީ ހެޔޮވަރު އައިސް އަލަމާރިއެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އާއިލީ ގުޅުން ބަދަހި ގިނަ އާއިލާތަކުގެ ފޯރި އެންމެ ގަދަވާ ތަނަކީ ވެސް ބަދިގެތެރެއެވެ. މަޖާ ކުރުމާއި ސަކަރާތް ޖެހުމާއި އާއިލީ ގިނަ ވާހަކަތައް އެންމެ ފޯރިގައި ދައްކާ މައިދާނަކީ ބަދިގެތެރެއެވެ. މި ހުރިހާ ކަމެއް ސަމްސަން އިން އުފެއްދި ފެމިލީ ހަބް/ނުވަތަ ސުމާޓް އަލަމާއިއަށް އެނގޭ ކަހަލައެވެ. މި އައިސް އަލަމާރި ބަދިގޭގައި ހުރެގެން މި ހުރިހާ ކަމެއް ކޮށްދޭނެއެވެ. ނުވަތަ އެ ހުރިހާ ކަމެއް ކުރުމަށް އެހީތެރިވެދޭނެއެވެ.

ކޮންމެ ގެއެއްގައިވެސް އެގޭގެ ކެއްކުމަށް ބޭނުން ކުރާ ގިނަ ސާމާނުތައް ހުންނާނީ އައިސް އަލަމާރިއެއްގައެވެ. ގެއަށް މަދުވާ އެއްޗެހީގެ ލިސްޓު ގަނޑުކޮޅެއްގައި ލިޔެ ތަތްކޮށްލާނީވެސް އައިސް އަލަމާރީގެ ދޮރުފަތުގައެވެ. ކަންމަތީ ފިހާރައިގެ ނަމްބަރުތައްވެސް ގިނަ ފަހަރު ލިޔެފައި ހުންނާނީ އައިސް އަލަމާރީގެ ދޮރުފަތުގައެވެ.

ދިވެހިންގެ މި ދިރިއުޅުމުގެ ވައްޓަފާޅި ސަމްސަން ކުންފުނިން ދަސްކޮށްފިއެވެ. އެ ހުރިހާ ކަމެއް ސަމްސަންގެ ސުމާޓް އައިސް އަލަމާރި ގަތުމުން ސުމާޓްކޮށް ކޮށްލެވޭނެ އެވެ. އައިސް އަލަމާރީގެ ދޮރުގައި ތަތްކުރަމުން އައި ކަރުދާސްކޮޅު ތަކަކުއެއް ނޫނެވެ. ޓަޗު ޑިސްޕުލޭ އެއްގެ މެމޯގައެވެ. ވޮއިސް މެމޯ ނުވަތަ އެކި ކުލަ ކުލައިންވެސް ލިޔެލެވޭނެއެވެ. މި ސުމާޓް އައިސް އަލަމާރި ނުވަތަ ފެމިލީ ހަބްގެ އެތެރެ އާންމުކޮށް ގޭގައި ގެންގުޅޭ އައިސް އަލަމާރިއާ މާބޮޑު ތަފާތެއް ނުހުރެދާނެއެވެ. އެހެން ނަމަވެސް މިއައިސް އަލަމާރީގެ އެކި ބައިތަކުން ފިނި ހޫނު މިން އެކި ވަރަށް ބަދަލު ކޮށްލެވޭނެއެވެ.

މާ ބޮޑަށް ފިނިކޮށްގެން ފެން ބުއިމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެއް ނޫނެވެ. ކަރުތެރެ ހަލާކުވުމުގެ އިތުރުން ރޯގާ ޖެހުމަށް މަގުފަހިވަނީ މާ ފިނިކޮށް ފެން ބުއިމުންނެވެ. މާ ބޮޑަށް ފިނި ކުރުމުން ފެން މީރެއްވެސް ނުވާނެއެވެ. އެހެން ކަމުން ސުމާޓް އައިސް އަލަމާރީގެ ވަކި ބަޔަކުން ހަމަ އެކަނި ބޯފެން މީރުވަރަކަށް ފިނި ކޮށްލެވޭނެއެވެ. ދެން އޮތީ އައިސް އަލަމާރީގައި ހުންނަ ޖޫސް ފުޅި ތަކާއި ތަރުކާރީ ތަކުގެ ވާހަކަ އެވެ. އެ ހުރިހާ ބައިތަކެއްގެ ޓެމްޕަރޭޗަރުވެސް އެކި މިންގަނޑަށް ބަދަލު ކުރެވޭނެއެވެ.

އައިސް އަލަމާރި ތިޔާގިކޮށް ހުރުމަކީ ގޭތެރެއަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް ފިހާރައަކަށް ވަދެ ކާއެއްޗެހި ގަންނަން އުޅޭ އިރު އައިސް އަލަމާރީގައި ހުރި ތަކެތީގެ ތެރެއިން ހުސްވެފައި ހުރީ ކޮންޗެއް ކަމެއް ނޭނގެއެވެ. ނުވަތަ މުހިއްމު އެއްޗެއް ނުގަނެ އާދެވުމަކީ ވަރަށް އާންމު ކަމެކެވެ. ސުމާޓް އައިސް އަލަމާރިއެއް ހުރުމުން އެ ކަންބޮޑުވުމެއް ނޯންނާނެއެވެ. ވަގުތުން އައިސް އަލަމާރީގެ އެތެރެ ބަލައިލެވޭނެއެވެ. މަދުވެފައި ހުރި ތަކެތީގެ ލިސްޓް ވެސް ހޯދައިލެވޭނެއެވެ.

ދެން އޮތީ އައިސް އަލަމާރީގައި ހުންނަ ޓަޗް ހަބް (ޑިސްޕުލޭ) ގެ ވާހަކައެވެ. މި ޓަޗްހަބް ޑިސްޕުލޭއިން ބަދިގޭގައި އުޅޭ އިރު ރީތި ލަވައެއް ވެސް ޖަހާލަން ވީއެވެ. ގޭގެ ވައިފައި ހުންނާނީ އައިސް އަލަމާރި އާވެސް ގުޅިފައެވެ. އާ އެއްޗެއް ކައްކަން ބޭނުން ނަމަ އެކަން ވެސް އައިސް އަލަމާރީގެ ސުކުރީނުން ބަލައިލެވޭނެއެވެ. ޔޫޓިއުބު ނުވަތަ ކައްކާ ވެބް ސައިޓަކަށް ވަދެގެންނެވެ. ކޮންމެހެން ފުއްގަނޑު މޮޑެމުން ސުކުރީންގައި އިނގިލިން ކޮށްޓާކަށް ނުޖެހޭނެއެވެ. އައިސް އަލަމާރި އާއި ވާހަކަ ދެއްކޭނެއެވެ. ވޮއިސް ކޮމާންޑުން އެކަން ކުރެވޭނެއެވެ.

ކުއްލިޔަކަށް އެއްޗެއް ބޭނުންވެއްޖެ ނަމަ ކަންމަތީ ފިހާރައަށް ގުޅޭނެއެވެ. ބޭނުންވާ އެއްޗެހީގެ ލިސްޓު ފޮނުވޭ އިރު ކިޔަވަން ފޮނުވި ދަރިންކޮޅު ވީ ހިސާބެއްވެސް ބަލައިލެވޭނެއެވެ. މި ހުރިހާ ކަމެއް ސުމާޓު އައިސް އަލަމާރިން މިހާރު ކޮށްލެވޭނެއެވެ. ފެމިލީ ހަބް ސުމާޓު އައިސް އަލަމާރިއެއް ގޭތެރެ އިތުރަށް އުފާވެރި ކޮށްދޭނެކަން ޔަގީނެވެ. އެހެނަސް އަދި މި ސާމާނުގެ އަގު އުޅެނީ ތަންކޮޅެއް ބޮޑުކޮށެެވެ.