ޚަބަރު

ސަރުކާރުން ބޭނުންވާ ދުވެލީގައި ރައްޔިތުންނަށް ހިދުމަތް ނުދެވެނީ އެމްޑީޕީގައި އޮތް ބައިބައިވުމުގެ ސަބަބުން: ގާސިމް

7

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ މިންވަރަށް ރައްޔިތުންނަށް ހިދުމަތް ނުދެވެނީ އެމަނިކުފާނު ނިސްބަތްވާ އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެންބަރުންތަކެއް ސޮއިކުރުމަށް އެޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިއިރު ވެސް ރައީސް ސޯލިހު ގެންދަވަނީ ސާބިތުކަމާއި ކެތްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވަމުން ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ބޭނުންވާ ދުވެލީގައި ސަރުކާރު ހިންގުމަށް އޮތް ހުރަހަކީ އެމްޑީޕީގެ އެތެރޭގައި އޮތް ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ވިދާޅުވިއެވެ.

"އެމަނިކުފާނު ބޭނުންވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން. އާދެ އޭނގެ ސަބަބުންކަން އަޅުގަނޑަށް ކަށަވަރު،" ގާސިމު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގައި އޮތީ ކޮން ބައިބައިވުމެއް ކަމެއް ގާސިމު ވިދާޅެއް ނުވެއެވެ.

ގާސިމު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ކަންކަން ލަސްވަނީ ރައީސް ކަމަކާ ދެކި ވަޑައިގަންނަވާ ގޮތާއި ސަރުކާރުގައި ތިއްބަވާ ވުޒާރާތަކާއި ބައެއް މުއައްސަސާ ތަކުގައި ތިއްބަވާ، ބޭފުޅުން ކަންކަން ކުރިއަށް ގެންދަވަން ދެކެވަޑައިގަންނަވާ ގޮތާ ފުށުއަރާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ކ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތީ އިއްތިހާދެއްގައި ކަމަށްވީ ނަމަވެސް ބައެއް ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ހިިންގަނީ އެޕާޓީގެ މެންބަރުން ނޫން ކަމަށެވެ.

އެކަމުގެ ސަބަބުން ސަރުކާރުގެ މަޝްރޫއު ތަކަށާއި އެމްޑީޕީގެ އަމާޒުތަކާ ބެހޭ ގޮތުން އޮންނަ ރައީސް ގެ ވިސްނުންފުޅަށް ހުއްޓުން އައިސް ހުރަސް އެޅޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވެރިކަމުގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުން ނުލިބެނީ އިއްތިހާދުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ.