އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 29

އަބްދުﷲ ފާރޫގް ހަސަން

4

(25 ޖެނުއަރީގެ އަދަދާ ގުޅޭ)

އިރުކޮޅެއްގެފަހުން مثــنّـى ހަނި ކުޑަދޮރެއްގެ ކައިރީގައި ބޭރުބައްލަވަން ހުންނެވިއެވެ. حسّان އެތެރެއަށް ވެދެވަޑައިގެންފިއެވެ. مثــنّـى "السّـلام عليكم" އެވެ ވިދާޅުވެފައި ސިކުންތެއްހައިއިރު حسّان އާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު އަނެއްފަރާތަށް މޫނުފުޅު އަނބުރައިލައްވައިފިއެވެ.

حسّان ކުޑައިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ހިނިފުޅުވެޑުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "ޢިއްޒަތްތެރި އަމީރެވެ. އަޅުގަނޑުގެ ހުރިހާ އެކުވެރީން ހެޔޮޙާލުގައި އެނބުރި އަތުވެއްޖައީމުއެވެ."

"އަޅުގަނޑު ތިޔަކަން ދެނެހުރީމެވެ. مثــنّـى ކޯފާގެ ލޯފުޅަކުން حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާ ވަޑައިގަތީ ހުސްއަތްޕުޅަކާ ނޫންކަމަށްވެސް އަޅުގަނޑަށްވަނީ ޚަބަރު ލިބިފައެވެ."

حسّان ކޮންމެވެސްއެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް مثــنّـى ހުންނެވި މޫޑު ފެނިވަޑައިގަތުމުން އޭނާއަށް އެއްޗެކޭ ވިދާޅުވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. مثــنّـى އިރުކޮޅަކު ހިމޭނުން ހުންނެވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑުމެން ހަނގުރާމަ ފަށައިގެން މިއުޅެނީ އަޅުގަނޑުމެންނަށްވުރެ އެތައް ގުނައެއް ވަސީލަތްތައް ގިނަ ރަސްކަމަކާ ދެކޮޅަށްކަން އަޅުގަނޑަށް ކަލާއަށް ޔަޤީންކޮށް ނޭރުވެނީކަން ނޭނގެއެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ބޮޑުކަން ހާމަކުރުމެއް ނޫނެވެ. މާތް اللّـه ގެ ދީން މަތިވެރިކުރުމެވެ. މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ހިތްވަރާއި ޖެހިލުންކުޑަކަމަށް ބޭނުންވާ ވަރަށް އަމުރަށް ކިޔަމަންވުމާއި ޤަވާޢިދުތައް ހިފެހެއްޓުންވެސް ބޭނުންވެއެވެ. އަޅުގަނޑު ކަލާގެ ހިތްވަރުފުޅު އިމްތިޙާނުކުރާން ބޭނުންނަމަ ކަލާގެ އަރިހުގައި ފޮނުވީހީ އެންމެ އަށް މީހުންނެއް ނޫނެވެ. ޚާއްޞަކޮށް ފައިމަގަކުވެސް ނޫނެވެ. ކަލާ ފޮނުވުނީ ބައެއް ޤަބީލާތަކާބެހޭ މަޢުލޫމާތު ހޯއްދެވުމަށާއި ފާރިސީ ލަޝްކަރު ޙަރަކާތްތެރިވާ ގޮތާބެހޭ ޚަބަރުތައް ހޯއްދެވުމަށެވެ. އަޅުގަނޑު އަޅުގަނޑުމެންގެ ބާރުގަދަކަން ދައްކާން ބޭނުންނަމަ އެތަކެއް ކޯހެއްގެ ދުރުގައި ކަލާގެ މަސައްކަތްޕުޅުގެ ނަތީޖާގެ އިންތިޒާރަކު ނުހުރީމުހެވެ. އަޅުގަނޑު ކަލާއަކަށް ދުޝްމިނުންނާ ޙަމަލަދެއްވުމުގެ ހުއްދައެއް ނާރުވަމެވެ. އަޅުގަނޑު ހުއްދަ ދީފައިވާނީ ހުރުމުޒުގެ ދިދައިގެ ދަށަށް ޖަމާވަމުންދާ ލަޝްކަރާ ބެހޭ މަޢުލޫމާތު އެ ޤަބީލާއެއްގެ އިތުބާރުހުރި ބަޔަކު މެދުވެރިކުރައްވައި ހޯއްދެވޭފަދަ ޤަބީލާއެއްގެ މީހުންގެ ގާތަށް ވަޑައިގަތުމަށެވެ. ކަލާ އިއްޔެނޫން އިހަށްދުވަހު އެނބުރި ވަޑައިގަންނަވާން ޖެހެއެވެ. ނަމަވެސް އެމުއްދަތު ހަމަވެ އޭގެފަހުން ދެދުވަސްވީއިރުވެސް އަޅުގަނޑަކަށް ކަލާ ވަޑައިގެންވީ ކޮންތަނަކު ކަމެއްވެސް ނޭނގުނެވެ. ކޯރުގެ އައްސޭރީގެ އަވަށެއްގައި ކަލާގެ މުޙްސިނުން ކަލާ ވަޑައިގަންނަވާތޯ މަގު ބަލަބަލައި ތިބިކަން އަޅުގަނޑު ދެނެހުރީމެވެ. ނަމަވެސް އެތަނަށް ވަޑައިގަތުމުގެ ޝައުޤުގައި ކަލާ އަޅުގަނޑުގެ އަމުރަށް ފަރުވާލެއް ނުބަހައްޓަވާނެކަމަށް ކުޑަކޮށްވެސް ހީކުރެވިފައި އޮތްނަމަކަ މި މަސްއޫލިއްޔަތު ކަލާއަކާ ޙަވާލެއް ނުކުރީމުހެވެ. ކަލާ އަޅުގަނޑު މާޔޫސް ކުރައްވައިފީމުއެވެ."

حسّان އިސްދަށަށް ޖައްސަވައިގެން مثــنّـى ގެ ވާހަކަފުޅު އަޑުއައްސަވާން ހުންނެވިއެވެ. مثــنّـى ވާހަކަފުޅު ނިންމަވައިލެއްވުމުން حسّان މަޑުމަޑުން އިސްއުފުއްލަވައިލެއްވިއެވެ. حسّان ވަރަށް މޮޅިފުޅުން ހުންނެވި ރާގެއްގައި ވިދާޅުވިއެވެ. "އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ނަފްސާމެދު ނިޔާކަނޑައެޅުމުގެ ބާރުލިބިފައިވާނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އަޅުގަނޑު އެތަނަށް ދިޔަނުދީއެއް ނުހިފެހެއްޓުނީހެވެ. އަޅުގަނޑުގެ އަވަށްއޮތީ އަޅުގަނޑުމެން ދަތުރުކުރި މަގާ އެންމެ ދެމަންޒިލް ދުރުގައެވެ. قبــاد ގެ ގޭގެ ޚަބަރުތައް އަޅުގަނޑަށް އޮޅުންފިލުވައިދޭނެ އިތުބާރުހުރި ބައެއްގެ ގާތަށް އެއްވެސް ނުރައްކަލަކާ ކުރިމަތިލުމަކާނުލައި އަޅުގަނޑަށް ދެވިއްޖައީހެވެ. ނަމަވެސް އަޅުގަނޑަށް ކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާކަށެއް ނުކެރުނެވެ."

އަޅުގަނޑުމެން ލަސްވި ސަބަބަކީ ހުރުމުޒުގެ ޢަސްކަރީ ތައްޔާރީތަކުގެ ޚަބަރު ސާފުކުރަން އަޅުގަނޑު އެބައެއްގެ ޚިދުމަތްހޯދި ވޮލަންޓިޔަރުން ހުރުމުޒުގެ އަވަށާ ހަމަޔަށްހުރި ހުރިހައި ޢަސްކަރީ މަރުކަޒުތަކެއް ބަލައިފައި އަންނާންދެން މަޑުކޮށްގެން ތިބޭންޖެހުމުގެ ސަބަބުންނެވެ. އެއަވަށުގައި ފިލައިތިބުންނޫން އެހެންކަމެއް އަޅުގަނޑުމެން ކުރާންޖެހިފައެއް ނެތެވެ. އެކަމަކުވެސް އަޅުގަނޑު قبــاد ގެ އަވަށަކަށް ނުދަމެވެ. އަދި އަޅުގަނޑުގެ ކޮއްކޮގެ ހާލުކޮޅަކީ ކޮބައިތޯ އޭނާއަށް ޙިމާޔަތްދެއްވި ބޭފުޅުންނަށް އަޅުގަނޑު އައިފަހުން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ކޮންކަންތައްތަކަކާތޯ ބަލާކަށް މީހަކުވެސް ނުފޮނުވަމެވެ. އިވޭ ޚަބަރެއްގެ ސަބަބުން ކަލޭގެފާނުގެ އަމުރުފުޅާ ޚިލާފަށް އެތަނަށް ދާން އަޅުގަނޑަށް މަޖުބޫރު ކޮށްފާނެތީއެވެ."

އެންމެފަހުގެ ބަސްފުޅުތަކާއެކު حسّان ގެ އަޑުފުޅު ބެދިއްޖެއެވެ. އޭނާ އިސްދަށަށް ޖައްސަވައިލެއްވިއެވެ. مثــنّـى ކުރިޔަށް ޖެހިވަޑައިގެން حسّان ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މާތް اللّـه ގެ ރުހިވޮޑިގަތުން އެދޭމީހުންގެ ކުރިމައްޗަށް އެތަކެއް އިމްތިޙާނުތަކެއް ހުރަހެޅެއެވެ. ބަޙުރައިނުން އަޅުގަނޑާއެކު އައިސް މިތިބަ މުޖާހިދުންގެ ތެރޭގައި އެމީހެއްގެ ގެ ޙަޔާތުގެ އުފާތަކުން ހުސްވެގެންވާ އެކަކުވެސް ނެތެވެ. އަޅުގަނޑުމެންގެ އެކުވެރީންކުރެ ކޮންމެ މީހަކަށްވެސް އެމީހެއްގެ ކޮންމެވެސް ގާތްމީހެއްގެ ހަނދާން އުނދަގޫކުރަމުން ގެންދާނެކަން ކަށަވަރެވެ. މި އިމްތިޙާނާއި ޢަޖުމަބެއްލެވުމަށް ހުށަހެޅިފައިވަނީ ކަލާ ގިނިކަންޏާއެއް ނޫނެވެ. އަނެއްކޮޅުން ކަލާ ވިދާޅުވެފައިވާ ގޮތުގައި ކަލާގެ ކޮއްކޮ ހުންނެވީ އިތުބާރު ކުރެއްވޭފަދަ މާތްމީހެއްގެ ޙިމާޔަތުގައެވެ. قبــاد ގެ ގަނޑުވަރު ސަލާމަތުން ހުރިހައި ހިނދަކު ކަލާގެ ކޮއްކޮއަކަށް ނުރައްކަލެއް ނެތެވެ. ކަލާ އެތަނަށް ވަޑައިގެންނެވިނަމަ ކަލާގެ ކުރިފުޅުމަތީގައި އޮތީހީ ކަލާގެ ކޮއްކޮ އެގެއިން ނެރުއްވާނެ ގޮތެއްގެ މައްސަލަ އެކަންޏެއް ނޫނެވެ. ފަހަރެއްގައި މަގުމަތީން ކަލާ ހައްޔަރުވެވަޑައިގެން ކަލާ ފިލައިވަޑައިގެން ހުންނެވީ قبــاد ގެ ގަނޑުވަރުގައިކަމާއި ކަލާގެ ކޮއްކޮއަށް ޙިމާޔަތް ދެއްވީވެސް قبــاد ކަން ހުރުމުޒަށް އެނގިވަޑައިގެންފިނަމަ އޭނާ قبــاد ގެ ޢާއިލާއާމެދު ކަންތައް ކުރައްވާނެ ގޮތަކާމެދުވެސް ކަލާ ވިސްނައިވަޑައިގަންނަވަން ޖެހޭނެއެވެ. حسّان އެވެ! ހިތްވަރުގަދަ ކުރައްވާށެވެ. ކަލާގެ ކޮއްކޮ قبــاد ގެ ގަނޑުވަރުގައި ހުންނެވީ ނުރައްކަލުގެ ތެރޭގައި ކަމަށްވިޔަސް ކަލާއަށް ގިނިކަންޏާ އެތަނަށް ވަޑައިގެން ވެދެއްވޭނެ އެހީފުޅެއް ނޯންނާނެއެވެ. އޭނާއަށް ކުއްލި ނުރައްކަލެއް ކުރިމަތިނުވެއްޖެނަމަ މާތް اللّـه ގެ އިރާދަފުޅާއެކު ކަލާއަށް ފަތަޙަ ލިބިފައިވާ ލަޝްކަރަކާއެކު އެތަނަށް ވަޑައިގެންނެވޭނެ ދުވަސް މާދުރެއްނޫނެވެ. އެދުވަހަކުން ހަމައެކަނި ކަލާގެ ކޮއްކޮޔަކަށް ނޫނެވެ. ކަލާއަށް ޢަރަބި ދަނޑުވެރީންގެ ކޮންމެ ކުއްޖަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވިދާނެއެވެ. އަހަރެމެން ޢިރާޤުގެ ދިގާއި ހުރަހުން އީރާނުގެ ގޮށްމުށު ބާރުގެ ވެރިކަން ނައްތައިލައިފީމުއެވެ. މިހާރު ތިޔަކުދީންނަށް މިނިވަންކަމާއެކު ނޭވާލެވިދާނެއެވެ. ބޮޑެތި ކަންތައްތަކަށްޓަކައި ބޮޑަށް ކެތްތެރިވާން ބޭނުމެވެ. ކަލާ އަޅުގަނޑު މާޔޫސް ނުކުރެއްވީތީ އަޅުގަނޑު ވަރަށް އުފާކޮށްފީމެވެ. ދެން އަޅުގަނޑު އޮޅުންފިލުވާން ބޭނުންވަނީ ހުރުމުޒާމެދު ކަލާ ހޯއްދެވި މަޢުލޫމާތެވެ."

حسّان ޖަވާބު ދެއްވިއެވެ. "ހުރުމުޒު ވަރަށް ފޯރިއާއި ޖޯޝާއެކު ހަނގުރާމައަށް ތައްޔާރުކުރައްވަމުން އެބަގެންދަވައެވެ. އަޅުގަނޑުމެންދެކެ ބިރުން ފިލައިގެންދިޔަ އީރާނީ ބިންވެރީންކުރެ ގިނަމީހުން މަދާއިނަށް މިސްރާބު ޖެހުމުގެ ބަދަލުގައި ޙިމާޔަތް ހޯދަނީ ހުރުމުޒުގެ އަރިހުންނެވެ. ހުރުމުޒު އީރާނުގެ ބިންވެރީންނަށް އަންގަވައިފައިވަނީ މުސްލިމުންނާ އެއްބައިވާކަމަށް ޝައްކުވެއްޖެ ކޮންމެ ޢަރަތްބަކު ވަގުތުން މަރަމުން ގެންދިޔުމަށެވެ. ހުރުމުޒުގެ އަނިޔާއިން ސަލާމަތްވުމަށްޓަކައި ޢަރަބީންގެ ބައެއްމީހުން ހުރުމުޒުގެ ސިފައިންގެ ތެރެއަށް ވަންނަމުންވެސް އެބަގެންދެއެވެ. ނަމަވެސް ޢަރަބީންގެ ތެރޭގައި ގިނައީ އަޅުގަނޑުމެން ޢިރާޤުގެ ތެރެއިން ކުރިއަރަމުން ދިޔުމުގެ އިންތިޒާރުގައި ތިބިމީހުންނެވެ. އެކަމަކުވެސް އަޅުގަނޑުމެންގެ ސަރުކާރުން އީރާނީ ރަސްކަމާ ސީރިއަސްކޮށް ހަނގުރާމަކުރާން ގަސްދުކޮށްފިކަމާއި އަޅުގަނޑުމެންނަށް ފަތަޙަ ލިބޭނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަން ނޭނގޭހައި ހިނދަކު އެބައިމީހުން ފާޅުގައި ބަޣާވަތްކުރާކަށް އެއްބަހެއް ނުވާނެއެވެ. ޢަރަބީންގެ ބޮޑު ލަޝްކަރެއް ޢިރާޤުގެ ސަރަޙައްދަށް ވަދެއްޖެނަމަ އީރާނީން އެބައިމީހުންގެ އެންމެ މޮޅު ބިންތަކުގެ ދިފާޢުގައި ފުރިހަމަ ބާރާއެކު މައިދާނަށް އަންނާނެކަންވެސް އެބައިމީހުންނަށް އެނގެއެވެ. އަޅުގަނޑުމެންނަށް ފަހަތަށްޖެހޭން ޖެހިއްޖެނަމަ ހުރުމުޒުކަހަލަ އަނިޔާވެރީން އަޅުގަނޑުމެންނާ ބައިވެރިވީ މީހުންގެ ވަސް ފިލުވައިލާނެކަންވެސް އެބައިމީހުން ދަނެއެވެ. ވޭތުވެދިޔަތާނގައި އަޅުގަނޑުމެން ހޯދި ކާމިޔާބާމެދު ޢިރާޤުގެ ޢަރަބީން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް އަޅުގަނޑުމެންނަށް އިރާނާ ހަނގުރާމަ ކުރެވިދާނެކަން ޤަބޫލުކުރާން އެބައިމީހުންނަށް ވަރަށް ދައްޗެވެ. ޢަރަބި އަމީރުންކުރެ އެބޭފުޅުންގެ ގާތްތިމާގެފުޅު މީހުން އީރާނުގެ އަނިޔާ ބަރުދާސްކުރަމުންގެންދާ އަމީރުންނާވެސް އަޅުގަނޑު ބައްދަލުކުރީމެވެ. އެބޭފުޅުން ޚިޔާލު ފާޅުކުރެއްވި ގޮތުގައިވެސް އަޅުގަނޑުމެން އީރާނާ ހަނގުރާމަކުރަން ފުރިހަމަޔަށް ތައްޔާރުނުވެ ޢިރާޤުގެ ސަރަޙައްދަށް ވަދެގެނެއް ނުވާނެއެވެ. އެފަދަ ޙާލަތެއްގައި ޢިރާޤުގެ ޢަރަބީންނަކަށް ކެރިތިބެގެން އަޅުގަނޑުމެންނާ ބައިވެރިއެއް ނުވެވޭނެއެވެ. އީރާނީންނަކަށެއް އަޅުގަނޑުމެންގެ ޙަޤީޤީ ޢަދަދެއް އޮޅުމެއްނުފިލައެވެ. އެހެންނޫންނަމަ މިހާގިނަދުވަހު މިސަރަޙައްދުގައި އަޅުގަނޑުމެން ޙަރަކާތްތެރިވިޔަކަ ނުދިނީހެވެ. އެބައިމީހުން ހީކޮށްގެންތިބީ އަޅުގަނޑުމެންގެ ފަހަތުން ވަރަށްބޮޑު ލަޝްކަރެއް އެބައަންނަ ކަމަށެވެ.

މަދާއިނުގެ ޚަބަރުތައް އޮޅުންފިލައިފައިވާ ޢަރަބީންގެ ބައެއް މީހުންނާވެސް އަޅުގަނޑު ބައްދަލުވީމެވެ. ބަނޫ ތަޣުލަބުގެ މީހުންގެ އަވަށެއްގެ އަމީރަކު އަޅުގަނޑު ގާތު ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ ޙަމަލައިގެ ސަބަބުން ފިލައިގެންދިޔަ އީރާނު މީހުން އެބައިމީހުންގެ ފިނޑިކަމާއި ބަލިކަށިކަން ފޮރުވުމަށްޓަކައި އަޅުގަނޑުމެންގެ ޢަދަދާމެދު ވާހަކަ ދައްކަނީ އެތަކެއް ގުނައެއް އިތުރުކޮށްގެންނެވެ. އީރާނު ސަރުކާރަށް އަޅުގަނޑުމެންނާމެދު މިހާތަނަށް ފިޔަވަޅެއް ނޭޅިގެން އުޅެނީ އެހެންވެގެންނެވެ. ނަމަވެސް ހުރުމުޒު ކަހަލަ ބޭފުޅުން މާގިނަ ދުވަސްތަކެއް ވަންދެނެއް އީރާނުގެ ސަރުކާރު ހިމޭނުންއޮތަކަ ނުދެއްވާނެއެވެ. ހުރުމުޒު އިޢުލާނުކުރައްވައިފައިވަނީ އޭނާއާ އެހީވާން މަދާއިނުން ވަރަށްބޮޑު ލަޝްކަރެއް އެބައަންނަކަމަށެވެ. ޢިރާޤަށް ވަދެގެންއުޅޭ މުސްލިމުންނަށް އަލުން އެދިމާޔަށް ބަލައިލަންވެސް ނުކެރޭވަރުގެ އަދަބެއް ވަރަށް އަވަހަށް ދެއްވާނެކަމަށެވެ. އިސްލާމްދީނާއި މަޖޫސީދީނާ ދެމެދުގައި ނިޔާކަނޑައެޅޭ ހަނގުރާމައެއް ޢިރާޤުގެ ބިމުގައި ނުހިނގައި ނުދާނެކަން އަޅުގަނޑަށް ކަށަވަރެވެ. ނަމަވެސް ކަލޭގެފާނަށް ޚިލާފަތުގެ ދަރުބާރު މިހަނގުރާމަޔަށް ތައްޔާރުކުރުއްވޭނެކަމާއި ބޭނުންވެއްޖެ ހިނދެއްގައި މަދީނާއިން އަޅުގަނޑުމެންނާ އެހީވާނެ ބޮޑު ލަޝްކަރެއް އަންނާނެކަމުގެ ހިތްހަމަޖެހުންވެސް އަޅުގަނޑަށް ލިބޭނެ ނަމައެވެ. ކަލޭގެފާނަށް މަދީނާއިން އެއްވެސް ޚަބަރެއް ލިބިވަޑައިގެންފިތޯއެވެ. އަޅުގަނޑުމެން ފޮނުވި ސަފީރު އެނބުރި އަންނަހައި ދުވަސްވެއްޖެއެވެ."

مثــنّـى ޖަވާބު ދެއްވިއެވެ. "އިއްޔެ މަދީނާއިން އަޅުގަނޑުމެންގެ ސަފީރުގެ ސިޓީއެއް ހިފައިގެން މީހަކު އައެވެ. އޭނާ ލިޔެފައިވަނީ ޚިލާފަތުގެ ދަރުބާރުން އަޅުގަނޑުމެންގެ އެދުމަށް ހިތްވަރު ލިބޭފަދަ ޖަވާބެއް މިހައިތަނަށް އަދި ލިބިފައި ނުވާކަމަށެވެ."

حسّان ގެ މޫނުފުޅު މައްޗަށް ހިތާމަފުޅުގެ އަސަރު ވެރިވެގެންދިޔައެވެ. އޭނާ އިރުކޮޅެއްވަންދެން އޭނާގެ ޒަޢީމުގެ މޫނުފުޅަށް ބައްލަވާން ހަނުހިމޭނުން ހުންނެވިއެވެ. مثــنّـى އޭނާއަށް ހިތްވަރު ދެއްވަމުން ވިދާޅުވިއެވެ. "ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. عاصم بــن عمـرو އަޅުގަނޑަށް ލަފާދެއްވައިފައިވަނީ ޚަލީފަތުލް މުސްލިމީންގެ އަރިހަށް ޚުދު އަޅުގަނޑު ހާޒިރުވުމަށެވެ. އަޅުގަނޑު އެކަލޭގެފާނުގެ އަރިހަށް މިދަނީ އެކަލޭގެފާނު އަޅުގަނޑުގެ ދެންނެވުން އަނބުރައި ރައްދު ނުކުރައްވާނެކަމުގެ ޔަޤީންކަމުގައެވެ."

"ކަލޭގެފާނު ވަޑައިގަންނަވާނީ ކޮންއިރަކުތޯއެވެ؟"

مثــنّـى ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މި އިންތިޒާރުކުރީ ކަލާ ވަޑައިނުގަންނަވައިގެންނެވެ. އަޅުގަނޑު މިތާނގައި ނެތިދާ ދުވަސްވަރު ލަޝްކަރު ބަނޑަހަ ޖަހައިގެން ތިބޭނީ ޢަރަބިކަރައިގެ ސަރަޙައްދާ ވީހައިވެސް ކައިރިއެއްގައެވެ. ނަމަވެސް އަޅުގަނޑުމެން ކުރިއެރުން ހުއްޓައިލައިފައި ފަހަތަށް ޖެހިއްޖެކަމަށް ދުޝްމިނުން ހީކުރިޔަދީގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ދީން ފެތުރުމުގެ ޙަރަކާތާއި ޢަސްކަރީ ޙަރަކާތް ހުއްޓައިނުލައި ކުރިޔަށް ގެންދަންވާނެއެވެ. ފާރިސީން ދެވަނަފަހަރަށް މިސަރަޙައްދުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނޫއެވެ. އަޅުގަނޑުމެންގެ ސަވާރުން ކުދިކުދި ކޯޅިކޯޅިޔަށް އެކިދިމަދިމާޔަށް ކުރިޔަށް ގޮސްފައި އެނބުރި އަންނާނީއެވެ. އީރާނުގެ ފަރާތުން ބޮޑު ނުރައްކަލަކާ ކުރިމަތިވެއްޖެނަމަ ސަހަރާގެ ތެރެއިން ޙިމާޔަތް ހޯދާނީއެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށްވާނީ އީރާނުގެ ގޮށްމުށާ ބާރާއި އަނިޔާއިން ސަލާމަތްވުމަށް ޢަޒުމު ކަނޑައަޅައިގެން މިހާރު އެތިބަ ޢަރަބީންގެ ހިތްވަރު އެލުނަނުދިނުމެވެ. އަޅުގަނޑުމެންނަށް އެމަޤްޞަދު ޙާޞިލުވާނީ އަޅުގަނޑުމެންނަކީ އެބައިމީހުންގެ ރަޙުމަތްތެރީންކަމާއި ހިތާމައިގައި ބައިވެރިވާ ބައެއްކަން ޢަމަލީގޮތުން ސާބިތުކޮށްދެވިގެންނެވެ. އަޅުގަނޑު މަދީނާއަށް ދިޔުމުން ކަލާގެ ލީޑަރަކަށް ހުންނަވާނީ معـنّـى އެވެ. އަޅުގަނޑު ޔަޤީންކުރަނީ ކަލާއަކީ އޭނާގެ ރަނގަޅު މުޝީރެއްކަން ސާބިތުކުރައްވާނެ ކަމުގައެވެ. އަޅުގަނޑު އެނބުރި އައުމުން ކަލާ އަސްތަކެއް ހޯއްދެވުމަށްޓަކައި ނުރައްކަލަކާ ކުރިމަތިލެއްވިކަން އެނގިއްޖެނަމަ އަޅުގަނޑު ވަރަށް މޮޅިވާނެއެވެ."

(ނުނިމޭ)