ޚަބަރު

ކުށްމަދު މާހައުލެއް ގާއިމު ކުރުމަށް ވެލިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ކުށްމަދު އަދި އަމާން މާހައުލެއް ގާއިމު ކުރުމަށް ނ. ވެލިދޫގައި އެރަށު ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ކަމަށް ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓުތަކަކާ އެކު އެވެ. އަދި އެމީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 33 ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ވެލިދޫގައި ހުރި ފަޅުގެ ތަކާއި ހުސްބިން ތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕު ހަދައިގެން މީހުން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ވެލިދޫގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ދަށުން ހޮނިހިރު ދުވަހު އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ހުންނަން ޖެހޭ އަހަރީ ފީ، އިންޝުއަރެންސް އަދި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ކަންކަން ބަލައިފައިވާ ކަމަށެވެ. އަދި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ވެލިދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ރަށުގައި ދުއްވާ އުޅަނދު ތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ދުއްވާ އުނޅަނދުތަކެއްތޯ ބަލައި ފާސްކުރި ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.