ވާހަކަ

ކޮންމެ ހިނދެއް - 18

6

އެތެރެއަށް ވެއްދުމަށްފަހު އާވާ ނާދިޔާއަށް އިށީންނަން ގޮނޑި ދެއްކިއެވެ. އަދި ބަދިގެފަރާތަށް ދިޔައީ ނާދިޔާއަށް ބޯލާނެ އެއްޗެއް ބަލައެވެ. މާގިނައިރެއް ނުވަނީސް އޭނާ އެބައިވެސް ފުރިހަމަކޮށްފިއެވެ.

"ތަނަކަށް ދާން އުޅެނިކޮށް ދޯ އުނދަގޫ މިކޮށްލެވުނީ" މޫނުފޮތިކޮޅު ނަގާ ފަހަތަށް އެއްލަމުން ނާދިޔާ ބުނެލިއެވެ.

"ރަނގަޅަށް ތިބުނީ. ކޮންވާހަކައެއް ދައްކަން އުޅުނީ" އާވާ އަހައިލިއެވެ.

"އެދުވަހު މާހިލް އޭ ކިޔައިގެން އަހަރެންނަށް ދެއްކުނީ ރަނގަޅު ވާހަކަތަކެއްނޫން. އަހަރެން މަޢާފަށްއެދެން. އަހަރެންނަށް އިނގޭ ތިދެކުދިން އެކަކުއަނެކަކު ދެކެ ލޯބިވާވަރު" ނާދިޔާ ވާހަކަދެއްކިއެވެ.

އާވާ ހިތުންރުހުމުން ނާދިޔާއަށް މަޢާފްކުރިއެވެ.

"އަހަރެމެން ގެ މިތާ ކައިރިއަށް ބަދަލުވެއްޖެ. ތިހެން އުޅޭއިރު ޖައްސާލަންވާނެ އިނގޭ. ގުޅުންބަދަހި ކުރަންވާނެއްނު" އާވާގެ އަތުގައި ހިފައިލަމުން ނާދިޔާ ބުނެލިއެވެ.

"މާލް ކައިރީގަ އަހާފައި ހުއްދަ ލިބުނިއްޔާ ދާނަން އިނގޭ" އާވާ ބުނެލިއެވެ. ނާދިޔާގެ ތުންފަތަށް ވެރިވީ ޒާތެއްގެ ހިނިތުންވުމެކެވެ. އާވާގެ ހަރަކާތްތަކުން އޭނާ ތަނަކަށް ދާން ލަސްވެގެން އުޅޭކަން ނާދިޔާ ދެނެގަތެވެ.

"ދެކުދިން ޙާއްސަ ތަނަކަށް ދާން އުޅޭހެން ހާދަ ހީވެޔޭ" ނާދިޔާ ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ.

"ދެން ދަނީ. އުފާވެއްޖެ މަޢާފްކުރީތީ. ދެކުދިންނަށް ވަރަށް ސަލާން އިނގޭ. ވަރަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން" ތެދުވެ ހިނގައިގަންނަމުން ނާދިޔާ ބުނެލިއެވެ.

"މިގޭ ހަތަރުފާރުން އެތެރޭގައި ދިރިއުޅެނީ އުފާވެރި އާއިލާއެއް. އެކަމަކު އަހަރެން ހިތަށް އަރަނީ ކީއްވެގެންބާއޭ އެއްވެސް ދިމާލަކުން ތި ދެމަފިރިންގެ ފޮޓޯއެއް ނުފެންނަނީ" ނާދިޔާ ބުނެލިއެވެ. ވަގުތުން އާވާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ގެއްލުނެވެ. އާވާ ހީކުރީ އެސުވާލު ކުރުމުގެ ކުރިން އެކަމުގެ ޙަޤީޤަތް ނާދިޔާއަށް އިނގޭނެ ކަމަށެވެ.

"ތަންތަނުގަ ފޮޓޯ ބަހައްޓައިގެން ﷲ ތަޢާލާގެ ރަޙްމަތުން ބޭރުވާކަށް ނެތިން. އެގެއެއްގައި ސޫރަ ތަތްކޮށްފައި ނުވަތަ އެކަލާނގެ ހެއްދެވި ދިރޭ ފުރާނަތަކުގެ ސޫރަ ހުންނަ ތަންތަނަކަށް ރަޙްމަތުގެ މަލާއިކަތާ ނުވަންނާނެ. އަހަރެން ހީކުރީ އެވަރު އިނގޭނެކަމަށް" އާވާ ވާހަކަދެއްކިއެވެ.

"ހެހެހެ... އެއީ މަޖާ... ތިއީ ވަރަށް ވިސްނޭ ހިތްހެޔޮ ކުއްޖެއް" ނާދިޔާ ވާހަކަ އޮޅުވާލިއެވެ.

"އެހެންނޫނަސް ހަނދާން ރައްކާކުރެވޭނީ ފޮޓޯ ނަގައިގެނެއް ނޫނެއްނު. ހިތާއި ސިކުނޑީގައި ރައްކާކުރާ ހަނދާނަކީ މީހާ މަރުވުމުން ނޫނީ ފިލައިގެން ނުދާނެ ހަނދާންތަކެއް" އާވާ ބުނެލިއެވެ.

އާވާގެ ފަހަތުގައި ހުރެ ދޮރާއި ދިމާލަށް ހިނގަމުން ދިޔަ ނާދިޔާ އެގޭތެރޭގެ ހުރިހާ ދިމާލެއް ބަލަމުން ދިޔައެވެ. އޭނާ އެއްޗެއް ދަސްކުރަން އުޅޭ ކަހަލައެވެ.

ކޮޓަރިން ނިކުމެގެން އައި އަނުމްގެ މޫނުމަތީގައި ދިރުމެއް ނެތެވެ. ރަންކިޔުމުގެ ހަފްލާއަށްޓަކައި މާބޮޑު ތައްޔާރީއެއްވެސް ވެފައި ނެތެވެ. އޭނާ ސޯފާގައި އިން ފަލަކްނާޒް ކައިރީގައި އިށީނުމާއެކު ފަލަކްނާޒް އޭނާގެ ބޮލުގައި ފިރުމާލައިފިއެވެ. އޭނާގެ ތުންފަތަށް ވެރިވި މަކަރުވެރި ހިނިތުންވުން ފެނުނީ ކޮޓަރިން ނިކުތް އާރިޔަންއަށެވެ. އަނުމްއަށްޓަކައި އާރިޔަންގެ ހިތް ހަމްދަރުދީން ފުރުނެވެ. ހަމަ އެހިނދުކޮޅު ތެރޭގައި އަމިއްލަ މައިމީހާއާއި މެދު އޭނާގެ ހިތް ޝަކުވާ އިން ފުރުނެވެ.

"އަނުމް!! ތިއީ ރަނގަޅު ގޮތެއް ނޫން. އަހަރެންނަށް ފެންނަނީ އަދި އެއްފަހަރު ވިސްނާލަން" އާރިޔަން ވާހަކަދެއްކި އަޑަށް އަނުމް ބަލައިލައިފިއެވެ. އަނުމް ފުންމައިގެން ތެދުވިއެވެ. އާރިޔަންގެ ބަސްޤަބޫކުރާށޭ އޭނާގެ ޒަމީރު ބުނެލި ކަހަލައެވެ.

"ދިމާވެދާނެ ކަމަކުން ރަށަށް ބަދުނާމުވާނީ އާރިޔަންއެއް ނޫން. މިކަހަލަ ކަމެއް ދިމާވީމަ މިކަމުގެ ހުރި ވޭން އިހުސާސްވާނީ އަންހެނަކަށް" ފަލަކްނާޒް ވާހަކަދެއްކިއެވެ. ވަގުތުން އަނުމް އިށީނދެއްޖެއެވެ. އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. އޭނާގެ ސިކުނޑި އެއްކައްޗެކޭ ނުކިޔައެވެ. ހުދު އޭނާއަށްވެސް އޭނާއަށް ވަމުންދާ ގޮތެއް ނޭނގެއެވެ.

ފަލަކްނާޒް ދެލޯ އަޅާލިތަން ފެނުމާއެކު އާރިޔަން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އަނުމް އެކަމުން ސަލާމަތްކުރަން އާރިޔަން ހުރީ ފައި ވިއްދާލައިގެންނެވެ.

ދޮރުގައި ބެލް އަޅާލި އަޑު އިވުމާއެކު އަނުމްގެ ހިތް ތެޅިގަތެވެ. މީހެއްގެ ޙައްޤަކަށް ވުމަށް ވަގުތު ކުޑަތަންވަނީއެވެ. އަނުމްއެކޭ އެއްފަދައިން އާރިޔަންގެ ހިތަށް ވެސް ތަފާތު އުނދަގޫތައް ވަމުން ދަނީއެވެ. ބެލް އަޅަމުން ދިޔަ ދޮރުން ބޭރުގައި ތިބޭނީ ޤާދިރު ރަންކިޔުއްވަން ހެކިންގެ ގޮތުގައި ފޮނުވި ދެމީހުން ކަމަށް ނިންމައިގެން މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވީ އާރިޔަންއެވެ. އޭނާގެ ދެއަތް ތުރުތުރު އަޅަމުން ދިޔަ ވަރުން ދޮރު ހުޅުވަން ވީ އުނދަގު ކަމަކަށެވެ.

އޭނާ ނިންމައިގެން ހުރީ އެއީ ހެކިންވެރިން ކަމުގައި ވާނަމަ އެގެއިން އެތެރެއަށް ފިޔަވަޅު އެޅުމުގެ ކުރިން އެމީހުން ބޭރުކޮށްލާށެވެ. އެހެންނަމަވެސް އޭނާ ހީކުރިގޮތާއި ޚިލާފަށް ދޮރުމަތީގައި ހުރީ އާވާއެވެ. އަނުމްއަށް އެތެރެއަށް ވަން އާވާ ފެނުމާއެކު ދުވެފައި ގޮސް އާވާގެ ހަށިގަނޑުގައި ބައްދައިފިއެވެ. އަނުމްއަށް ރޮވެމުން ދިޔައިރު އިހުސާސްތައް ހިފަހައްޓަން އާވާ ދިޔައީ ދެ ތުންފަތް ބާރަށް ބައްދަމުންނެވެ. އަނުމް އެވަރަށް ރޯ މަންޒަރު ފެނުމުން އާރިޔަންގެ ހިތް ހީވަނީ ތޫނު ވަޅިޔަކުން ޅިޔަ އަޅުވަމުންދާ ހެންނެވެ. އޭނާ އަނުމްއަށް ފުރަގަސްދިން އިރު ދެލޯ ފެންކަޅިވެއްޖެއެވެ. އޭނާގެ ހިތުގައި އަނުމްއަށް ދެވިފައިވާ ޖާގަ އިތުރަށް ފުޅާވެގެން ދިޔަ ކަހަލައެވެ. އެހެންނަމަވެސް ކަރުނަތައް އޭނާ ފޮރުވިއެވެ.

"އަނޫ!! އަދިވެސް ވަގުތު އެބައޮތް. ތި ވިސްނުން ދޫކޮށްލާ" އާވާ ވާހަކަދެއްކިއެވެ. އޭނާ އާވާ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ސޯފާއާއި ދިމާލަށް ހިނގައިގަތެވެ.

"އާވާ ވެސް އެމަންޖެއަށް ހެވެއް އެދެންޏާ ތިވާހަކަ ހުއްޓާލާ. އަނުމް ކަންތައް އެކުރަނީ އެންމެ ރަނގަޅަށް" ފަލަކްނާޒް ވާހަކަދެއްކިއެވެ.

"އަޅުގަނޑު އެހެން މިބުނީ ހީވަނީ ނާޒްދައްތަ ވަރަށް އަވަސް އަރުވާލައިގެން ވިޔަފާރިއެއް ނިންމަން އުޅޭހެން. އަދި އެހާ ވަރަށް ތެޅޭކަށް ނުޖެހޭހެން ހީވަނީ. ނާސިހްބެ އަންނަން ދެން މަޑުކޮށްލެވިދާނެއްނު" އާވާގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

"އާވާއަށް މިކަންތައް ދިމާވިނަމަ ހަމަ ތިހެންތަ ބުނާނީ. ބޭކާރު ވާހަކަނުދައްކާ. އަހަރެން ބުނާގޮތް ހަދައިގެން ފައިދާ ވާނީ ހަމަ އަނުމްއަށް" ފަލަކްނާޒް ވާހަކަދެއްކިއެވެ.

އިތުރަށް އެއްޗެއް ބުނަން އާވާ ބޭނުންނުވިއެވެ. ދެކުދިން އައިސް ސޯފާގައި އިށީންއިރު ހެކީންގެ ގޮތުގައި އައި ދެމީހުން ހުޅުވާލާފައި ހުރި ދޮރު މައްޗަށް އަރާ ސަލާމް ގޮވާލައިފިއެވެ.

އެދެމީހުންނާ ދިމާލަށް ސިންގާއެއް ރުޅި އައިސްގެން ބަލައިލާ އުސޫލުން އާރިޔަން ބަލައިލުމާއެކު ފަލަކްނާޒް ސަލާމް ބަލައިގަނެ އެދެމީހުން އެތެރެއަށް ވަނުމަށް ދަޢުވަތު ދީފިއެވެ. އާރިޔަން ހުއްޓުން އެރިއެވެ. އޭނާގެ ކުރިމަތިން އުމުރުން ދުވަސްވީ ދެ ފިރިހެނުން ވަދެގެން ގޮސް ފަލަކްނާޒް ދެއްކި ތަނުގައި އިށީނދެއްޖެއެވެ. އަނުމް ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުން ކުރިމަތީގައި ތިބި ދެމީހުންނަށް ނަޒަރު ބަދަލުކޮށްލައިފިއެވެ. އާރިޔަންގެ ދެއަތް މުށްކެވިގެން ދިޔައިރު އޭނާގެ އެތެރެހަށީގައިވާ ލޭ ކެކި އަރަމުން ދިޔައެވެ. އިސާހިތަކު އޭނާގެ މޫނުމަތިން އެކަން ފާޅުވަމުން ދިޔައެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އޭނާ ދިޔައީ ކެތްކުރަމުންނެވެ.

"މިއައީ ޤާދިރު ފޮނުވައިގެން ރަންކިޔުއްވަން ވެގެން" އެތަނުން އެކަކު ބުނެލައިފިއެވެ.

"ސީރިޔަސްލީ އަނޫ. އެނޫނީ އެހެން މީހަކު ނުފެނުނީތަ އަނޫއަށް" އާވާ ތަން ހިމޭންވި ވަގުތު ބުނެލައިފިއެވެ. އަނުމް އިންނަން އުޅެނީ ޤާދިރާ ކަން އާވާއަށް އިނގުނީ ހެކިވެރިންގެ ގޮތުގައި އައިސް ތިބި ދެމީހަކު އެނަން ކިޔާލުމުންނެވެ.

"އާވާ އިނީ އުމުރާ އެއްވަރުގެ މީހަކާތަ؟" ފަލަކްނާޒް ބުނެލިއެވެ. ފަލަކްނާޒް ހީވަނީ އާވާ ދައްކާ ކޮންމެ ވާހަކައަކަށް ހުޝިޔާރު ވެގެން އިންހެންނެވެ. އާވާ ފަލަކްނާޒަށް ބަލައިލީ އަލިފާން ބެލުމަކުންނެވެ. އެ ކައިވެނި ކުރުވަން އެ އުޅެނީ ފަލަކްނާޒްގެ ރޭވުމަކުންނޭ ފުރަތަމަ ފަހަރަށް އޭނާގެ ހިތް ބުނެލައިފިއެވެ.

"އަޅުގަނޑު ކައިވެނި ކުރީ އަޅުގަނޑު ކާފަ ކިޔާ އުމުރުގެ މީހަކާ ނޫން" އެއްޗެއް ނުބުނެ އާވާއަށް ކެތެއް ނުވިއެވެ.

"ކިހާ ވަރަކަށްތޯ ރަން ކިޔާނީ" ދެވަނަ ފަހަރަށް އެތަނުން އެކަކު އަހައިލިއެވެ. އެއްޗެއް ބުނަން އަނުމް ދެ ތުންފަތް ފޭކޮށްލި ހިނދު އޭނާގެ އެއްވެސް އިޚުތިޔާރަކާ ނުލާ ދުރުގައި ހުރި އާރިޔަންއަށް ނަޒަރެއް ދެވިއްޖެއެވެ.

ފާރުގައި އެއް އަތް ވިއްދާލައިގެން ހުރި އާރިޔަންއަށް އަނުމްއަށް ބަލައިލެވުނީ ވެސް ހަމަ އެ ހިނދުގައެވެ. އަނުމްގެ ދެލޮލުގައިވި އާދޭސް އޭނާއަށް ފެނުނު ކަހަލައެވެ. އޭނާގެ ހަށިގަނޑަށް ހިތްވަރެއް ލިބިގެން ދިޔައެވެ. އިހުސާސްތައް ހިފެހެއްޓޭނެ އެންމެ ބޮޑަކަށް ހިފެހެއްޓުމަށްފަހު އޭނާ އެނބުރިލިއެވެ. އަދި އިތުރު މީހަކުގެ މޫނަށް ބެލުމެއްނެތި ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އެ ދެމީހުން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނެގިއެވެ.

"ކަލޭމެންގެ މިވަރުގެ އަންހެން ދަރިއެއް ހުރިނަމަ މުސްކުޅިޔަކާ ދެވަން ހެކީން ފޮނުވާނަންތަ؟" އާރިޔަންއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި މާނޭވާ ލެވެމުން ދިޔައެވެ.

"އާރިޔަން..." ފަލަކްނާޒްގެ ބާރު އަޑުން މުޅި ގެ ގުގުމައިގެން ދިޔައެވެ. އާރިޔަންއަށް ކަމެއްވީހެންވެސް ހިއެއް ނުވެއެވެ.

އެ ދެމީހުންގެ ދަމަމުން ކަހަލަ ގޮތަކަށް ގޮވައިގެން ގޮސް ގެއިން ބޭރަށް ނެރުމާއެކު ބިރުން ދޮރުމަތީގައި ހުރި ފައިވާން އަތަށް ނަގައިގެން ދުއްވައިގަނެއްޖެއެވެ. ފަލަކްނާޒް ހުރީ އެފަދަ އަމަލެއް އާރިޔަންގެ ފަރާތުން ފެނުނީތީ އިންތިހާދަރަޖައަށް ރުޅި އައިއްސައެވެ.

"ހަނދާންކުރާތި. މިގެއާއި ވީކޮޅަށް ދެން މޫނު އަނބުރާވެސް ނުލާތި. މިއީ އަހަރެންގެ ދޮންބައްޕަގެ ގެއެއް" ދޮރުމަތީގައި ހުރެ އާރިޔަން އެދެމީހުންނަށް އިވޭ ވަރަށް ހަޅޭއްލަވަމުން ދިޔައެވެ.

"އާރިޔަން" ފަލަކްނާޒް އާރިޔަން ކައިރީގައި ހުއްޓުމަށްފަހު އެއް އަތުގެ މީދާ މަސްގަނޑުގައި ހިފާ އޭނާއާއި ވީކޮޅަށް އަނބުރުވާލިއެވެ. އިތުރު އެއްޗެއް އާރިޔަންއަށް ނުބުނެވެނީސް ފަލަކްނާޒް އަތުގެ ބާރުގަދަ އެތިފަހަރެއް އާރިޔަންގެ މޫނުމައްޗަށް ވިހެލައިފިއެވެ. އެހިނދު ސޯފާގައި ތިބި އާވާއާއި އަނުމްއަށް އެއްކޮށް ކޮޅަށް ތެދުވެވިއްޖެއެވެ.

"އަހަރެންނާ ދޭތެރެ ނުވިސްނިޔަސް އެ ނިކަމެތި އަންހެންކުއްޖާ އާމެދު ވިސްނާލަބަލަ. އެއީ އާރިޔަންގެ ކޮއްކޮއެއް ކަހަލަ ކުއްޖެއްނޫންތަ؟" ފަލަކްނާޒްގެ އަޑު ބާރެވެ. އާރިޔަންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ.

"މަންމަ ވިސްނަބަލަ ފުރަތަމަ އެ ނިކަމެތި އަންހެންކުއްޖާ އާ މެދު" އާރިޔަން ފުރަތަމަ ފަހަރަށް އޭނާގެ މަންމަ ކުރިމަތީގައި އަޑުހަރުކޮށް ބަހެއް ކިއިއެވެ.

"އަނުމް!! އަޑުއަހާ... އަނުމްއަށް ހީވެގެން ތިއުޅެނީ މުޅިއަކުން ޙަޤީޤަތެއްނޫން. އަނުމްގެ ކޮޓަރިއަށް ފިރިހެނަކު ވަން. އެކަމަކު އަނުމްގެ އިއްޒަތާއި އަބުރު އެމީހަކަށް ނަގައެއް ނުލެވުނު. އަދިވެސް ތިއީ ވާރޖިންއެއް. އެނުލަފާ މީހާއަށް ކަމެއް ކުރެވުމުގެ ކުރިން އެކަލާނގެ ގަދަ ނިދީގެ ތެރެއިން އަނުމް ހޭލައްވާލީ..." އާރިޔަން ހުރިހާ ވާހަކައެއް ދެއްކިއެވެ. ދެއަތް ދެއަތާއި މޮޑެމުންދިޔަ ފަލަކްނާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ޤަބޫލުނުކުރެވިފައި ހުރި އަނުމްގެ ކަރުނުން ފުރިފައިވި ދެލޯ އަމާޒުވެފައި ހުރީ އާރިޔަންގެ މޫނަށެވެ. އޭނާއަށްޓަކައި މީގެ ކުރިން އާރިޔަން އެ ތެޅުން ތެޅިފައިވާ މަންޒަރު އޭނާއަށް ފެނިފައެއް ނުވެއެވެ.

"އާރިޔަން...! އާރިޔަންއަށް ކޯޗެއް އެނގިގެން ތި ވައްތަރަށް ތި ތެޅެނީ. ތިއުޅެނީ އަހަރެންގެ އަތުންފައިން ގޯހެއް ހަދުވަންތަ؟" ފަލަކްނާޒްގެ ރުޅިމަޑެއް ނުވިއެވެ.

"އަހަރެންނަށް ރަނގަޅީ މިވަގުތު މަންމަ އެއްވެސް ވާހަކައެއް ނުދެއްކިއްޔާ. އަދިއެއްވާހަކަ މަންމައަށް އޮޅުންފިލުވައިދޭން ބޭނުން. ދުވަހަކުވެސް، ދުވަހަކުވެސް އަހަރެންގެ ހިތުން އަނުމްއަށް ކޮއްކޮއެއްގެ ދަރަޖަ ނުދެން. ނުވެސްދޭނަން..." އާރިޔަން ބާރު ހިނގުމުގައި ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ. ރުޅިން ފަޅައިގެންދާން ގާތްވެފައި ހުރި ފަލަކްނާޒް އަނުމްއަށް ބަލައިލީ ރުޅިވެރި ލޮލަކުންނެވެ.

"ވަރަށް ތާހިރެއްނު. ދެން ހުރޭ ރަށްމެދަށް ބަލިވެއިނދެ ވިހަން" ފަލަކްނާޒް ރުޅި ބޭލީ އަނުމްއަށެވެ. އޭނާވެސް ގޮސް އަމިއްލަ ކޮޓަރިއަށް ވަނުމާއެކު އާވާ އަނުމްއަށް ބަލައިލިއެވެ. ފާއިތުވެދިޔަ ވަގުތުތަކުގައި ވެގެންދިޔަ ކަންތައްތައް ނަގައިގަންނަން އަދިވެސް އަނުމް ހުރީ ނުކުޅެދިފައެވެ. ހުރިހާކަމެއް ވެ އެދިޔައީ އިންސާނަކު ފެންބޮއެފަ ވައެއް ލާނެހާ އަވަހަށެވެ.

"އެވީ! ކިހިނެއް މިވީ؟" އަނުމް ސުވާލުކުރީ އާވާއާއެވެ.

"ވީ ކަމެއް އެވީ ހަމަ ރަނގަޅަށް. އަލްޙަމްދުލިﷲ" އާވާ އަނުމް ގޮވައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

"އަނޫގެ ތި ވިސްނުންތައް އެއްފަރާތްކުރޭ. އާރިޔަން އެބުނީނު އަނޫ ރޭޕް ނުކުރެއޭ. އެމީހަކަށް އެކަން ކާމިޔާބުނުވިއޭ" އާވާ ބުނެލިއެވެ.

"ތިބުނީ ފުރޭތައެއްގެ ވާހަކަ. އަހަރެންނަށް އޭނައަށް ޤަބޫލެއްނުކުރެވޭ އޭނަ ދައްކާ ވާހަކަ. އެހެންނޫނަސް މިކަން ވެގެންދިޔަ ގޮތް އޭނައަށް ކިހިނެއް އިނގޭނީ" އަނުމް ވާހަކަދެއްކިއެވެ.

"އެވީ...!! އަހަރެން ބޭނުން އަންހެނުންގެ ޑޮކްޓަރަކަށް ދައްކަން ދާން. ޔަޤީންކުރަން ބޭނުން. މިހާރުން މިހާރަށް. އެވީ ދާނަންތަ އަހަރެންނާއެކު" އަނުމް އެނދުގައި އިނދެފައި ފުންމައިގެން ތެދުވިއެވެ.

"ދެވިދާނެ. އެކަމަކު މާލް ކައިރިގައި އަހާލާފަ ޔަޤީންކަމެއް ދެވޭނީ. ހުންނާނެ ފުރާވަރު ކްލިނިކް. އެތަނަށް ދޯ ދާނީ. މިހާރު ރާއްޖޭގަ ހުރި އެންމެ މޮޅު ގައިނީއަކީ ޑރ.ނުޝައިބާ" އާވާ ވާހަކަދެއްކިއެވެ.

"މި އަންނަނީ އިނގޭ ރެޑީވެލައިގެން" އަނުމް ފާހާނާއަށް ވަނެވެ.

އަނުމްގެ ހަރަކާތްތައް މިހާރު ބަދަލުވެއްޖެއެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް އާރިޔަންގެ ވާހަކަތަކަށް އޭނާއަށް ކުޑަ މިންވަރެއް ނަމަވެސް އިތުބާރު ކުރެވިއްޖެއެވެ. އެހެންނަމަ އޭނާ އެކަން ޔަޤީންކުރަން އެހާ އަވަހަށް ތެޅިއެއް ނުގަންނާނެއެވެ. ހިތާމައަކީ މިއަދު އާރިޔަންގެ ދެލޮލުން އާވާއަށް ފެނުނު އަސަރުތައް އަނުމްއަށް ފެންނާނެ ދުވަހެއް ނޭނގުމެވެ. ފެނުނަސް އަނުމް ޤަބޫލެއްވެސް ނުކުރާނެއެވެ.

"އަދިއެއްވާހަކަ މަންމައަށް އޮޅުންފިލުވައިދޭން ބޭނުން. ދުވަހަކުވެސް، ދުވަހަކުވެސް އަހަރެންގެ ހިތުން އަނުމްއަށް ކޮއްކޮއެއްގެ ދަރަޖަ ނުދެން. ނުވެސްދޭނަން" އާރިޔަންގެ މި ވާހަކަކޮޅު އާވާގެ ކަންފަތުގެ ހިނދުރީގައި ވަނީ ހަރުލާފައެވެ. އެ ބަސްކޮޅުގައި ފޮރުވިފައިވި މާނައެއް ވާކަން އާވާއަށް ވިސްނިއްޖެއެވެ.

ޑޮކްޓަރުގެ ކޮޓަރިން ނިކުތްގޮތަށް އަނުމްއަށް އާވާގެ ހަށިގަނޑުގައި ބައްދައިގަވިއްޖެއެވެ. ހެއްދެވިފަރާތަށް ޙަމްދު ކުރެވުނެވެ. ލިބުނު އުފާވެރި ހަބަރުން އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. އޭނާގެ ހައްޓަށް ލުުއިފަސޭހަކަމެއް ވެރިވި އެތެރެހަށީގައި ތާށިވެފައިވާ ނޭވާތައް ފަސޭހަކަމާއެކު ބޭރަށް ދަތުރުކުރަން ފަށައިފިއެވެ. މޫނުމަތީގައި ވަށާލާފައިވި އުދާސްތައް ފިލާ ރީތި ހިނިތުންވުމަކުން މޫނުމަތި އުޖާލާ ކޮށްލައިފިއެވެ.

"އަދިވެސް އާރިޔަންގެ ބަސްތަކަށް އަނޫއަށް އިތުބާރެއް ނުކުރެވޭ ދޯ" ދެކުދިން އެކު މަގުމައްޗަށް ނިކުމެފައި އާވާ ބުނެލައިފިއެވެ.

"މިފަހަރު އޭނާ އެކުރީ ރަނގަޅުކަމެއް. އޭނަ ދައްކާ ވާހަކަތައް ސަތޭކައިން ގުނާނަމަ ތެދެއް ނިކުންނާނީ އެއްފަހަރު" އަނުމް ބުނެލިއެވެ.

"އަނޫއަށް ހިއެއްނުވޭތަ އަނޫ މިފަހަރު އޭނާއަށް ޝުކުރުއަދާކުރަން ޖެހޭހެނެއް" އާވާ ބުނެލިއެވެ.

"ނޭނގެ" ދުލުން ބުނަން ބޭނުންވި ޖުމްލަ އޭނާގެ ދުލާއި ހަމައަށް ނައެވެ.

"ދެންވެސް ވިސްނައިގެން އުޅޭތި. ނާސިހްބެ އައުމާއެކު ކޮޓަރީގަ ވަރުގަދަ ތަންޑެއް އަޅުވާތި. ތަޅުދަނޑި ބާއްވާނީ ހަމައެކަނި އަނޫ އަތުގަ. ޑަބަލް ކީ ގެނޭ މަގޭ އަތަށް." އާވާ ވާހަކަދެއްކިއެވެ.

"އެކަމަކު އަހަރެން ބޭނުން ފުރޭތަ ކައިރީގަ އަހައިގެން މިކަންތައްގަނޑު އޮޅުންފިލުވަން. އަހަރެންގެ ހިތް ބުނޭ މިކަމުގަ ކޮންމެސް ނުބައެއް އެބައުޅޭ. އެ ސަންތިގެ ކަމަކަށްވާނީ" ކްލިނިކް ދޮރު މައްޗަށް ހުއްޓި ކާރަށް އަރަމުން އަނުމް ވާހަކަދެއްކިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި ޝާނިމް މައްޗަށް އަރައިގެން ދިޔައެވެ. ޒިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި އާވާ ފަހަތް ބަލައިލީ އޭނާއަށް ބަދިގެ ތެރެއިން އިތުރު އަޑެއް އިވޭހެން ހީވެގެންނެވެ. އޭރު ފިހިގަނޑު ހިފައިގެން ފޮޅުމުގައި މާހިލް އުޅޭތަން ފެނި އާވާ ހީލިއެވެ. ކައިވެނި ކުރި ފުރަތަމަ ދުވަހުން ފެށިގެން އާވާ ކުރާ ކޮންމެ މަސައްކަތެއްގައި މާހިލް ބައިވެރިވެއެވެ. ދެމަފިރިން ދޭތެރޭގައި ވި ލޯބި އިތުރަށް ކުރިފަޅަމުންދާ އެންމެ ބޮޑު ސަބަބަކީ މިއީއެވެ.

ހުރިހާ ތަށިތަކެއް ދޮވެފައި މޭޒުމަތި ރަމަތަކޮށް ނިމުނުއިރު މާހިލް ބަދިގެތެރެއާއި ކާ ބައިގައި މޮޕްއަޅާ ނިންމާލައިފިއެވެ. ކާއެއްޗިއްސަށް ހޫނު ކުރުމަށްފަހު ލައިޓްތައް ނިއްވާފައި ދެމަފިރިން ނިކުތީ އެކީގައެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި މާހިލް ޖައްސައިލީ ސިޓިންގރޫމުގައި ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިން ޝާނިމް ކައިރީގައެވެ. މާގިނަ އިރެއްނުވެ އާވާ އައިސް މާހިލް ކައިރީގައި އިށީނދެއްޖެއެވެ.

"އެވީ މާދަމާ ރެއަށް ތައްޔާރުވާތި އިނގޭ. ބޮޑު ރެއެއް އަހަރެމެންނަށް" މާހިލް ބުނެލިއެވެ.

އެދެމީހުންގެ ވާހަކައިގައި އިރުކޮޅަކު ބައިވެރިވެގެން އިނުމަށްފަހު އާވާ ކޮޓަރިއަށް ދިޔައީ މާހިލް ކައިރީގައި ބުނެލުމަށްފަހުގައެވެ. ލެޕްޓޮޕް ހިފައިގެން ޝާނިމްއާއި މާހިލް މާދަމާ ރެއަށް ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނިންމަމުން ދިޔައިރު ގަޑީގެ ކަށިތައް ފޫހިކަމެއްނެތި ދައުރުވަމުން ދެއެވެ. އެދެމީހުން ހިތްހަމަޖެހޭވަރަށް މަސައްކަތްތައް ނިންމާލެވުނުއިރު ދަންވަރު ބާރަގަޑި ބައިވާން ކައިރިވެއްޖެއެވެ.

"ދެން މިރެއަށް ނިންމާލަމާ. ދެން ހުންނާނީ ކުދިކުދި ކަންތައްތައް. މާދަމާ އޮފީހުން އެބައި ނިންމާނީ" މާހިލް ބުނެލިއެވެ. ޓީވީއާއި ލައިޓްތައް ނިއްވާފައި ދެކުދިން ސިޑިން އަރައިގެން ކޮޓަރިތަކަށް ދިޔައިރު ޝާނިމްގެ އަތުގައި އޮފީހުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ލެޕްޓޮޕް އެލުވާލާފައި އޮތެވެ.

މާހިލް ކޮޓަރިއަށް ވަންއިރު އަތްކުރު ޓީޝާޓް ކޮޅަކާއި ކުރު ސޯޓްކޮޅެއްގައި ނިދިފައި އޮތް އާވާ ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އާވާގެ އެއްފަރާތުން ދާދި ކައިރީގައި ލެޕްޓޮޕް ހުޅުވާފައި ހުރިއިރު ކްލޯޒްނުކޮށް އިން ލިޔުމެއް ފެންނަން އިނެވެ. ކޮންމެސް އެއްޗެއް ލިޔަމުން ދަނިކޮށް އާވާއަށް ނިދުނީކަން މާހިލްއަށް އިނގުނެވެ. އާވާ އޮތް ދިމާލުން އައިސް އާވާގެ ހަށިގަނޑު ކުއިލްޓުން ނިވާކޮށްލުމަށްފަހު މާހިލް ވަނީ ފާހާނާއަށެވެ.

ނިދަން ތައްޔާރުވެގެން އެނދަށް އަރާފައި އޭނާ އާވާގެ ލެޕްޓޮޕް ނަގާ ބަލައިލިއެވެ. މިހާރުވެސް އާވާ ލިޔަމުން އެދަނީ ދީނީ އާޓިކަލެކެވެ. އެ ކިޔާލުމަށް މާހިލް ޝައުޤުވެރިވީ ކީއްވެގެން ކީއްވެގެންކަމެއް ނޭނގެއެވެ. މިހާތަނަށް އާވާ ލިޔެފައިވާ ކޮންމެ ލިޔުމެއް މާހިލް ވަނީ ގަޔާވެގެން ކިޔާފައެވެ.

"އޭ އާދަމުގެ ދަރިޔާއެވެ. ތިބާ މަރަށް ތައްޔާރުވާނީ ވަގުތުފާއިތުވީމަ ހެއްޔެވެ؟" ސުރުޚީ ކިޔާލާފައިވެސް މާހިލްގެ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. އޭނާ ހަމަޖެހިލާފައި ކިޔަން ފެށިއެވެ.

"ހަނދާން ކުރާށެވެ! މަރަކީ އަންނާނޭ އެއްޗެކެވެ. ވަގުތު ނޭނގޭ ބިރުހުރި އެއްޗެކެވެ. މިއަދު، މާދަން ނޫނީ ކޮންމެސް ދުވަހަކުން ތިބާޔާ ބައްދަލުކުރާނެ ހިތި ޙަޤީޤަތެކެވެ. އޭ އަޚާއެވެ! އޭ އުޚްތާއެވެ! ތިބާ ތިޔަ އިންތިޒާރުކުރަނީ ކޮން ދުވަހަކަށް ހެއްޔެވެ؟ މާދަމާއަށް ހެއްޔެވެ؟ ނުވަތަ އަނެއް ދުވަހަށް ހެއްޔެވެ؟ ތަޢުބާވެ ހެޔޮކަންތައް ކުރަން މާދަމާޔަށް ތިޔަ ފަސްކުރަނީ ތިބާއަށް ކުރިއަށް އޮތް ސިކުންތުގައި ތިބާ ދުނިޔޭގައި ހުންނާނޭ ކަމުގެ ކޮން ގެރެންޓީއެއް އޮވެގެން ހެއްޔޔެވެ؟ ތިބާ ހަނދުމަކޮށް ފިކުރު ނުކުރަނީ ހެއްޔެވެ؟ ހަނދާން ކުރާށެވެ. މާދަމާއަކީ އަންނާނޭ ދުވަހެއް ނޫނެވެ. އަބަދުވެސް ވަނީ މިއަދެވެ. މިވަގުތެވެ. ތިބާގެ މާޒީއާއި އެކުވެފައިވާ ފަޅި ސިކުންތަކަށްވެސް ތިބާއަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. އަދި މުސްތަޤްބަލުގައި ތިބާގެ ހަޔާތަށް އަންނަން އޮތް ފަޅި ސިކުންތަކަށްވެސް ތިބާއަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. ވަގުތަކީ ހަމަ މިވަގުތެވެ. މިވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މިވަގުތުން ފެށިގެން ތައުބާވާށެވެ. މިވަގުތުން ފެށިގެން ހެޔޮ އަމަލުތަކުގައި ޝާމިލްވާށެވެ....." އާވާ ލިޔެފައި އިން ހިސާބަށް ކިޔާ ނިމުނުއިރު މާހިލްގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އޭނާ ލޯތްބާއެކު ކައިރީގައި ނިދާފައި އޮތް އޭނާގެ ދެލޯފަދަ ލޯބިވާ އަނބިމީހާއަށް ބަލައިލިއެވެ. ލެޕްޓޮޕް ލައްޕާލާފައި ސައިޑްކަބަޑް މަތީގައި ބޭއްވުމަށްފަހު މާހިލް އޮށޯތެވެ. އަދި އާވާގެ ބަނޑުމަތިން އަތް ގެންގޮސް އަނެއް ފަރާތުން އާވާގެ ބަނޑުގެ އަރިމަތީގައި އަތް އަޅުވާލުމަށްފަހު އޭނާއާއި ގާތަށް ދަމައިލިއެވެ.

"މިއަޅާގެ އަނބިމީހާއަށް ގިނަގިނައިން ތަޢުލީމާއި ތަރައްޤީ ދެއްވާށި" ހިތާހިތުން މާހިލް އާވާއަށްޓަކައި ދުޢާ ކޮށްލިއެވެ. އެފަދަ އަގުބޮޑު ޖަވާހިރެއް އެކަލާނގެ އޭނާއަށް ދެއްވީތީ ﷲ ތަޢާލާއަށް ޝުކުރުކުރިއެވެ. އާވާގެ މޫނު މައްޗަށް ފައިބާފައިވާ އިސްތަށިތައް އެއްކައިރި ކޮށްލުމަށްފަހު އޭނާ އާވާގެ ކޮލުގައި ބޮސްދީފިއެވެ. ދެލޯ މަރައިލިރު އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.

(ނުނިމޭ)