ސްޕެނިޝް ލަލީގާ

ބާސާ ފަހަތަށް ޖައްސާލައި، ރެއާލް އެއްވަނައަށް

ރެއާލް ވަޔަޑޮލިޑް ބަލިކޮށް، ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ވަޔަޑޮލިޑް އަތުން ރެއާލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ރެއާލުން ވަނީ ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލައި، ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ވަނީ ވަޔަޑޮލިޑްގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލައިފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ބެލުމަށްފަހު ރެފްރީ ނިންމީ، ކަސެމީރޯއަށް ބޯޅަ ލިބުނު އިރު އޭނާ އޮފްސައިޑުގައި ހުރި ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން ރެއާލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން 19 އަހަރުގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯ ފޮނުވާލި ހަމަލާ، ވަޔަޑޮލިޑްގެ ކީޕަރު ޔޯޑީ މަސިޕް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ރެއާލަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އިސްކޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާގައި ބާރެއް ނެތުމުން، ވަޔަޑޮލިޑްގެ ކީޕަރު މަސިފް ވަނީ ފަސޭހަކަމާއެކު ބޯޅަ ހޯދައިފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ޑިފެންޑަރު ނާޗޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވަޔަޑޮލިޑްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައަށް ޖެހިލި ރެއާލާއި ދެވަނައަށް ވެއްޓުނު ބާސާއާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ކުޅުނު 21 މެޗުން ރެއާލަށް 46 ޕޮއިންޓް ލިބިފައިވާ އިރު، ބާސާއަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް 21 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.