ޚަބަރު

އުމަރު، މާރިޔާއަށް: ހެލިކޮޕްޓަރު ހިންގޭނެ މުއްސަނދިކަމެއް ނެތް ކަމަށް ވިދާޅުވުމަކީ މިގައުމަށް ކުރެވޭ މަލާމާތެއް

3

އަމިއްލައަށް ހެލިކޮޕްޓަރު ހިންގޭނެ މުއްސަނދިކަމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމަކީ މިގައުމަށް ކުރެވޭ މަލާމާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިމިވަނީ ދިވެހި ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދިކަމެއް ދައުލަތުގައި ނެތް ކަމަށް ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނިކޮށެވެ.

އުމަރުގެ ފޭސްބުކް ޕޭޖުގައި އޭނާ ވިދާޅުވެފައިވަނީ މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި "މަތިންދާ ބޯޓު ދުއްވާ ސެކްޝަން"ގެ ނަމުގައި އެއާ ވިންގެއް އޮތް ކަމަށާއި ދިވެހި ސިފައިން މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވައި، އެތަކެތި ބެލެހެއްޓި ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގާ ގައުމަށް މިއަދު މިކަން ނުކުރެވޭނެ ކަމަށް ވިދާޅުވުމަކީ މިގައުމަށް ކުރެވޭ މަލާމާތެއް. ލޭގައި ގައުމީ ވިންދު ނުޖަހާ ނަމަ، އިސްތިއުފާ ދެއްވާ،" އުމަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކޮލި އަލި މަނިކުގެ މޭސްތިރިކަމުގައި ކުދި މަތިންދާ ބޯޓާއި ހެލްކޮޕްޓަރު ދައުލަތުން ގަނެފައިވާ ކަމަށާއި އެތަކެތި ބަލަހައްޓައި ދުއްވުމަށްޓަކައި ދިވެހި ސިފައިން ތަމްރީނުކުރުމަށް ސްރީލަންކާގެ ރިޓަޔާޑް ޕައިލެޓުން ރާއްޖެ ގެނެސް، ސިފައިން ތަމްރީނުކުރި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭގެ އަހަރުތަކެއް ފަހުން ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) އެއާ ވިންގުގެ ނަމަށް ބަދަލުވެ، ދިވެހި ޕައިލެޓުންނާއި އިންޖިނިއަރުންގެ އެހީތެރިކަމުގައި "ޕައިޕާ ސެނެކާ" ބްރޭންޑުގެ ދެ އެއާކްރާފްޓާއި "ޗެރޮކީ" ބްރޭންޑުގެ އެއާކްރާފްޓަކާއި "ސެސްނާ 172" ބްރޭންޑްގެ އެއާކްރާފްޓަކާއި "ބެލް 47ޖޭ" ބްރޭންޑްގެ ދެ ހެލިކޮޕްޓަރު އަދި "ސްކައިވޭން" ބްރޭންޑްގެ އެއާކްރާފްޓެއް އުދުއްސަމުން ގެންދިޔަ ކަމަށެވެ. އަދި 1992 ވަނަ އަހަރު އެއާ މޯލްޑިވްސްގެ ދަށަށް އެ އުޅަނދުތަކާއި ޕައިލެޓުން އަދި އިންޖިނިއަރުން ބަދަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.