Close
ޚަބަރު

ރައުދާގެ މަރާއި ރޭޕްގެ މައްސަލައިގައި އޭސީޕީ ރިޔާޒްއާ ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: ފުލުހުން

1

ބަންގުލާދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އާއި ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒުއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ރައުދާގެ މަރުގެ މައްސަލައިގައި އޭސީޕީ ރިޔާޒު ހެކި ފޮރުވަން މަސައްކަތްކުރާ ކަމަށް ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ ތުހުމަތުކޮށްފައެވެ. އަދި ކަނޑުހުޅުދޫގައި ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕައާއި ރިޔާޒުއާ ގާތް ގުޅުމެއް އޮންނަ ކަމަށް ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

ފުލުހުން ބުނީ އެ މައްސަލަތަކުގައި އޭސީޕީ ރިޔާޒުއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ރައުދާގެ މަރުގެ މައްސަލައަކީ ބަންގުލަދޭޝްގެ ފުލުހުންގެ ފަރާތުންނާއި ދިވެހި ފުލުހުން އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގެ ފަރާތުން ވަކިވަކިން ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލައިގައި ތިން ތަހުގީގު ވެސް ނިންމާފައިވަނީ އެއް ގޮތަކަށް ކަމަށާއި އެ ތަހުގީގު ކުރި ގޮތާ ބެހޭގޮތުން މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި ދެ އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހިމެނޭ އެއްވެސް މީހަކާ އޭސީޕީ ރިޔާޒުއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ސޯޝަލް މީޑިއާގައި ބަޔަކު ފަތުރާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟