ގްރޭންޑް ހަފްލާއެއްގައި ދެ ދުވަހުގެ މަތިން ދީޕިކާ ޕަޑުކޯން އަދި ރަންވީރު ސިންގް ގެ ކައިވެނި ލޭކް ކޮމޯ ގައި ބާއްވާފައި ވާއިރު، މި ތަރިންގެ ކައިވެނީގެ ފޮޓޯތައް މިހާރު މިވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ފެޝަނަށް ލޯބިކުރާ ދެތަރިންގެ ކައިވެނީގެ ހުރިހާ ހެދުންތަކެއްގެ ޑިޒައިންތައް ބެލެހެއްޓީ އިންޑިޔާގެ މަޝްހޫރު ޑިޒައިނަރު ކަމަށްވާ ސަބްޔަސަޗީ މުކަރްޖީ އެވެ. ހެދުންތަކާ ބެހޭ މާ ބޮޑު މައުލޫމާތެއް މީގެ ކުރިން ހިއްސާ ކޮށްފައި ނުވިއަސް އޭރުގެ ރިޕޯޓް ތަކުން އެނގޭ ގޮތުގައި ސަބްޔާސަޗީ ވަނީ ދީޕްވީރުގެ ދެ ކައިނީގެ (ކޮންކާނީ ސްޓައިލް އަދި ސިންދީ ގޮތަށް) އާއި ޕްރީ ވެޑިން އަދި ޕޯސްޓް ވެޑިންގެ ހުރިހާ ހަފުލާތަކަށް ވެސް އެމީހުން ސްޓައިލްކޮށްފައެވެ.
މިހާރު ދެތަރިންވެސް ބެންގަލޫރުގައި އެމީހުންގެ ވެޑިން ރިސެޕްޝަނަށް ތައްޔާރުވަމުން އަންނައިރު، ސަބްޔާސަޗީ މިވަނީ ދީޕިކާގެ ކޮންކާނީ ސްޓައިލްގެ ކައިވެނި ހަފްލާގައި އޭނާ ލާފައި ހުރި ސާރީއާ ބެހޭ ގޮތުން މީގެ ކުރިން ނޭނގޭ މައުލޫމާތެއް ސަބްޔާސަޗީގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ސަބްޔާސަޗީ ބުނެފައިވާ ގޮތުގައި އެ ދުވަހު ދީޕިކާ ލާފައި ހުރީ އޭނާގެ ޑިޒައިނެއް ނޫނެވެ. އަދި އެ ސާރީ އަކީ ދީޕިކާގެ މަންމަ އުޖާލާ ޕަޑުކޯން ދީޕިކާއަށް ދިން ހަދިޔާއެއް ކަމަށެވެ. އެއީ ކޮންކާނީ ޓްރެޑިޝަންގައި އެކަން ހިނގަން ޖެހޭ ގޮތް ކަމަށްވެސް ސަބްޔާސަޗީ ވަނީ ފާހަގަ ކޮށްފައެވެ. އެ ސާރީ އުޖާލާ ގަނެފައި ވަނީ ބެންގަލޫރުގައި ހުންނަ އަންގަދީ ގެލެރިޔާ އިން ކަމުން ސަބްޔާސަޗީ ވަނީ އެމީހުނަށް ވެސް ޝުކުރު އަދާކޮށްފައެވެ.
ކައިވެންޏަށް ފަހު ދީޕްވީރު ފެނިގެން ދަނީ ޓްރެޑިޝަނަލް ހެދުން ތަކުގައެވެ. މި ހެދުން ތަކަކީ ހުސް ސަބްޔާސަޗީގެ ޑިޒައިންތަކެވެ. މިއަދު އިރުއޮއްސޭއިރު ދީޕްވީރުގެ ވެޑިން ރިސެޕްޝަން ބެންގަލޫރުގައި ބާއްވާ އިރު، ދެ ތަރިން ލާނެ ހެދުމަކީ ކޮބައިތޯ ބަލަން ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.