(20 ޖެނުއަރީގެ އަދަދާ ގުޅޭ)
مثــنّـى ގެ ލަޝްކަރު ޢަރަބި ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުންގެ އަވަށްތަކުގެ ތެރެއިން ދަތުރުކޮށްފައި ދާންފެށުމުން ދަނޑުވެރީންނާއި ބަކަރިގޮވީންގެ ކުލައޮއްސިފައިވާ މޫނުތައް އުއްމީދުގެ އަލިކަމުން ވިދާންފަށައެވެ. ތިންމަސްދުވަހު ހަނގުރާމަކުރެއްވިއިރުވެސް مثــنّـى އެއްވެސް ސަރަޙައްދަކަށް ވެރިވެވަޑައިގަންނަވާކަށްވެސް ނުވަތަ ތިންހަތަރު ދުވަހަކަށްވުރެ ދިގުމުއްދަތަކަށް އެއްތަނެއްގައި މަޑުކުރައްވައިގެން ހުންނަވާކަށްވެސް ނުއުޅުއްވައެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކޮށްދެއްވައިފައިވަނީ އަނިޔާ ލިބިފައިވާ މީހުންގެ ހިތްތަކުގެ މައްޗަށް އެކަލޭގެފާނު ހޯއްދަވައިފައިވާ ފަތަޙަ އަވަށްއަވަށާއި، ރަށްރަށާއި، ކިއްލާތައް ފަތަޙަކުރުމަށްވުރެ މާމުހިއްމުކަމެވެ. ދީނަށް ގޮވައިލައްވާ މުބައްލިޣުންވެސް އިސްލާމީ މުޖާހިދުންނާއެކު ދަތުރުކުރައްވައެވެ. އީރާނުގެ ފިއުޑަލިސްޓުން އެބައިމީހުންގެ އަވަށްތައް ރައްކާތެރި ނޫންކަމުގައި ބަލައިފައި ކަރަތެރެއަށް ފިލައިގެން ދިއުމުން އެތަނެއްގައި ދީން ފަތުރާނެ މަގު ހުޅުވިދެވެ. އެހައިތަނުން މުޖާހިދުންގެ ލަޝްކަރު އެހެންކޮންމެވެސް ދިމާޔަކަށް ދަތުރު ފަށައެވެ.
مثــنّـى بــن حــارثـــة رضى اللّـه عنــه ތިންމަސްދުވަހުގެ ތެރޭގައި އެކަލޭގެފާނުގެ ފައިތިލަފުޅުގެ ނިޝާން ދޫކުރެއްވި މަގުތަކުގައި ފާޅުގައި އިސްލާމްދީން ޤަބޫލުކޮށްފައިވާ އެތައްބަޔަކު ތިއްބެވެ. ވަންހަނާކަމެއްނެތި މުސްލިމުންނާ ބައިވެރިވުމަށްޓަކައި އެކަށޭނަ ވަގުތަކަށް އިންތިޒާރުކޮށްކޮށްތިބި އެތަކެއްހާސް ބަޔަކުވެސް ތިބިމެއެވެ.
حسّان އަކީވެސް ސައިރަސާއި ދާރާގެ ވާރުތަވެރީންގެ ރަސްކަމާ ދިމާޔަށް އިސްލާމީ ލަޝްކަރު ދަތުރުކުރާ މަގު ސާފުކުރެއްވުމަށްޓަކައި ޤުދުރަތުން އިންތިޚާބުކުރެއްވި ހިތްވަރުފުޅުގަދަ މުޖާހިދުގެ ދަތުރުފުޅުގެ ބައިވެރިޔެކެވެ. ސިފައިންގެ ކުޅިވަރުތަކަކީ އޭނާއަށް އާކަމެއް ނޫނެވެ. އޭނާވަނީ ރޫމީންނާއި އީރާނީންގެ ވަރުގަދަ މަޢުރިކާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ ހުންނެވީ ހަނގުރާމައިގެ ހަމަތަކާއި، އުކުޅުތަކާއި، ހުނަރުތައް ފުރިހަމަޔަށް އުނގެނިވަޑައިގެންނެވެ.
ނަމަވެސް مثــنّـى ގެ އަރިހުގައި ޢިރާޤަށް ދަތުރުކުރައްވަމުން ތަޖުރިބާކާރު ސިފައިންގެ މީހެއްގެ ސިކުނޑިފުޅުން އޭނާ މިހަނގުރާމަޔާމެދު ވިސްނައިވަޑައިގެން ސަބަބުތަކާއި ނަތީޖާތަކުގެ ކަފިތައް ގުޅުއްވައިލެއްވުމުން މަދުމީހުންކޮޅަކަށް ޢިރާޤުގައި އީރާނީ ވެރިކަމުގެ ބާރަށް މާކަބޮޑު ބުރުލެއް އަރުވައިލެވުމަކީ އެކަށީގެންވާ ކަމެއްކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ. އޭނާވަނީ އީރާނުގެ ކޮމާންޑަރުންތައް ދެކެވަޑައިގެންފައެވެ. އެބޭފުޅުންނަކީ ހަނގުރާމައިގެ މައިދާނަށް މިސްރާބު ޖައްސަވާއިރު ޝާހީ ޢިއްޒަތުގައި ޝާންޝައުކަތާއެކު ވަޑައިގަންނަވާ ބޭފުޅުންނެވެ. އެބޭފުޅުންގެ އަމިއްލަފުޅު އެއްޗެހިކޮޅުތައް އުފުލުމަށްޓަކައިވެސް އެތަކެއް ގެރިގާޑިޔަލާއި ޖަމަލުތަކަކަށް ބޭނުންވާ ބޭފުޅުންނެވެ. އެހެންކަމުން ޤަބީލާއެއްގެ ރައީސަކު އީރާނުގެ ރަސްކަމަށް ގޮންޖައްސަވަން ތެދުވެވަޑައިގެންނެވީތީ އޭނާ އަޖައިބުފުޅުވިއެވެ. އެބޭކަލެއްގެ ސިފައިންގެ ޢަދަދަކީ ފަސްސަތޭކަ ކަމުގައި ހިމެނޭ ބޭކަލެކެވެ. އަނެއްކާ އެސިފައިންނަކީ ކޮންކަހަލަ ބައެއްތޯއެވެ؟ އެއީ ގަވައިދުން ޢަސްކަރީ ތަމްރީނު ލިބިފައިވާ ބައެއްނޫނެވެ. ނުރައްކަލެއް ދިމާވެއްޖެނަމަ ފަހަތުން ކާބޯތަކެތި ލިބޭނެމަގެއްވެސް ފަހިވެފައި ނެތްބައެކެވެ. މިހައި ބޮޑުހަނގުރާމަޔަކާ މިހައި ކުޑަކުޑަ، މިހައި ހަތިޔާރު މަދު ލަޝްކަރެއް ކުރިމަތިލީތަން މީގެކުރިޔަކު حسّان ދެކެވަޑައިގެންފައެއް ނުވެއެވެ. އެހިތްވަރުގަދަ އިންސާނުންގެ ހިތްތައް ފުރިފައިވާފަދަ ޢަޒުމާއި ޔަޤީންކަމުގެ އަލިކަމެއްވެސް މިހާތަނަކަށް އޭނާ ދެކެވަޑައިގެންފައެއް ނެތެވެ. އިންތިހާދަރަޖަޔަށް ކަންބޮޑުވާންޖެހޭ ވަގުތުތަކުގައިވެސް އޭނާ އެ އިސްލާމީ މުޖާހިދުގެ މޫނުފުޅަށް ބައްލަވައިލެއްވުމުން އޭނާގެ ހިތްޕުޅުގައި އުތުރިގަންނަނީ އޭގެމައްޗަށް ފަތަޙަ ނުހޯދޭނެ ޔަޤީންކަމަކާއި ޢަޒުމެއްގެ އުއްމީދުތަކެވެ. އެއަމީރާއެކު ދިރިހުންނެވުމާއި އެއަމީރާއެކު އަވަހާރަވުމުގެ ޢަޒުމު އެހެން ހުރިހައި އެދުންތަކަކާއި އުއްމީދުތަކެއްގެ މައްޗަށް ގަދަވެގަނެއެވެ. ކުރީކޮޅުގައި އޭނާއަށް އަސަރުކޮށްފައިވަނީ مثــنّـى ގެ ފުރިހަމަ ޝަޚުޞިއްޔަތާ ހުރެއެވެ. އޭނާގެ ހިތްޕުޅުގައިވާ އިޙުތިރާމާއި، ލޯތްބާއި، ކަމޭހިއްތެވުމުގެ ޝުޢޫރަކީ އޭނާއަށް އިންސާނިއްޔަތުގެ މަތިވެރި މަޤާމު އޮޅުންފިލުއްވައިދެއްވި ލީޑަރަށް އަދާކުރެވޭ ޖިޒީއެކެވެ. ނަމަވެސް ޢިރާޤުގައި ބައެއް މަޢުރިކާތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު އޭނާއަށް އިޙުސާސްކުރެއްވުނީ ޤުދުރަތުން އެމަޤްޞަދެއް ފުރިހަމަކުރެއްވުމަށްޓަކައި مثــنّـى އިންތިޚާބުކުރައްވައިފައިވާ މަޤްޞަދު مثــنّـى ގެ ޒާތަށްވުރެ މާމަތިވެރިވެފައި މުހިއްމުކަމެވެ. مثــنّـى ގެ ހިންމަތާއި އަމިއްލަފުޅު ނަފްސަށް އޮންނަ އިތުބާރާއި އާދަޔާޚިލާފު ކާމިޔާބީގެ އަޞްލަކީ ހަމައެކަނި އެސީދާވެގެންވާ މަގަށް ތަބާވެވަޑައިގަތުމުގެ ނަތީޖާކަމެވެ. އެމަގަކީ މާތް اللّـه ގެ ދީނުގެ ދިދަ އުފުއްލަވާ މުޖާހިދުންގެ ލޯފުޅުތަކަށް މެނުވީ ނުދައްކަވާ މަގެކެވެ. ޢިރާޤުގެ ސަރަޙައްދަށް ވެދެވަޑައިގަތުމުގެ ދަތުރުފުޅުގައި އޭނާގެ އެކުވެރިޔަކު އޭނާޔާ ސުވާލުކުރިއެވެ. "حسّان އެވެ. ކަލާއަށް ޢިރާޤުގެ މަސްރަޙު މާބޮޑަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންގެ މަސައްކަތުގެ ކާމިޔާބީގެ އެކަށޭނަކަންއޮތީ ކިހައިވަރަކަށްތޯއެވެ؟" حسّان ވަގުތުން ޖަވާބުދެއްވިއެވެ. "މުޖާހިދުންގެ މިކުޑަކުޑަ މީސްކޮޅު އެތަނަށް މިދަނީ ކޮން އުއްމީދެއްގައިކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް އެނގޭހައިވެސްކަމަކީ مثــنّـى ގެ އަރިހުގައި އަޅުގަނޑު އަލިފާނުގެ ކަނޑަކަށްވެސް ފުންމައިލާން ފަސްނުޖެހޭނެކަމެވެ."
ނަމަވެސް މިހާރު އޭނާގެ ހިތްޕުޅުން ވިދާޅުވެވެއެވެ. "مثــنّـى ގެ އަތްޕުޅުގައިވަނީ މާތް اللّـه ގެ ދީނުގެ ދިދައެވެ. މާތް اللّـه ގެ ނަޞްރުވަނީ އެކަލޭގެފާނާ އެކުގައެވެ. ވޭތުވެދިޔަ ހަފްތާތަކުގައި އަހަންނަށް ފެނިފައިވާ މުޢުޖިޒާތަކަށްފަހު މި މުޖާހިދުން ފެންމަތީގައި ދުވާންފެށިކަމުގައިވިޔަސް ނުވަތަ ވައިގެ ތެރޭގައި އުދުހޭންފެށިކަމުގައިވިޔަސް އަހަރެން ޙައިރާނެއް ނުވާނަމެވެ."
مثــنّـى بــن حــارثـــة رضى اللّـه عنــه ތަޣުލަބުވަންހައިގެ އަމީރެއްގެ ގޭގައި މަޑުކުރައްވައިގެން ހުންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ދިހަ މުޖާހިދުން ތިއްބެވިއެވެ. އެކަލޭގެފާނުގެ އެހެނިހެން އެކުވެރީންތިބީ އާދަވެގެންވެސް ތިބޭފަދައިން ވަށައިގެންހުރި އަވަށްއަވަށުގެ ޢަރަބި ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުންގެ މެހުމާނުންގެ ގޮތުގައެވެ. مثــنّـى ގެ މޭޒުބާންވަނީ ޢަރަބީންގެ މެހުމާނުންނަށް ކަމޭހިތުމުގެ އާދައިގެ މަތިން އޭނާ ހުންނަވާ ގެ مثــنّـى އަށާއި އެކަލޭގެފާނުންގެ އެކުވެރީންނަށް ހުސްކޮށްދެއްވައިފައެވެ. މަށިން ހަދައިފައިވާ އެގެ އެކުލެވިފައިވަނީ ތަނަވަސް ތިންކޮޓަރީގެ މައްޗަށެވެ. ގޭގެ ހަތަރު ފަރާތުގައިވަނީ ކަދުރު ބަގީޗާއެކެވެ. ބަގީޗާގެ ތަންތަންކޮޅުގައި ޢަރަބި ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުންގެ ޖިފުޓިތައް ހުއްޓެވެ.
އެއްދުވަހެއްގެ އިރުއެރިއިރު مثــنّـى ހުންނެވީ އެގޭގެ ގޯތިތެރޭގައި ހިންގަވަހިންގަވައެވެ. އެކަލޭގެފާނުގެ މޫނުފުޅުމަތީގައިވަނީ ކޮންމެވެސްކަމަކާ ދެރަފުޅުވެފައި ހުންނެވިކަމުގެ އަސަރެވެ. ގޭގެ އިންފާރާ ޖެހިގެންހުރި އަސްގެންގުޅޭ ތަނެއްގައި އަސްތަކެއް ބަނދެފައި ތިއްބެވެ. ކައިރީގައި ފަތުރައިފައިއޮތް ސަޓައެއްގެ މަތީގައި ޒުވާނުންތަކެއް ވާހަކަދައްކަން އިށީނދެލައިގެން ތިއްބެވެ. مثــنّـى ވަރަށްބޮޑު ފިކުރުފުޅެއްގައި ހުންނަވައިފައި އިސްއުފުއްލަވައި ބައްލަވައިލެއްވުމަށްފަހު އެބައިމީހުންގެ ގާތުގައި ވިދާޅުވިއެވެ.
"معـنّـى ކޮބައިހެއްޔެވެ؟"
ޒުވާނެއް ޖަވާބު އެރުވިއެވެ. "އެތެރެއަށް ވެދެވަޑައިގެންފިއެވެ."
"އޭނާއަށް ދަންނަވާށެވެ."
ޒުވާނާ ދުވެފައި ގެއާދިމާއަށް ހިނގައްޖެއެވެ. އިރުކޮޅެއްގެ ތެރޭގައި مثــنّـى ގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ ޒުވާން ކޮއްކޮ معـنّـى ހުންނެވިއެވެ. އިސްކޮޅުފުޅާއި ހެދިހުރި ހަށިކޮޅާއި ވައްތަރުކޮޅަށް ބަލާއިރު معـنّـى ގެ ކިބައިގައި އެކަލޭގެފާނުގެ ބޭބޭފުޅުގެ ހުރިހައި އިމްތިޔާޒީ ސިފަފުޅުތަކެއް ހުއްޓެވެ.
مثــنّـى އިތުރު ތަމްހީދަކާނުލައި ވިދާޅުވިއެވެ. "حسّان އަދިވެސް ވަޑައެއް ނުގަންނަވައެވެ. އަޅުގަނޑުމެންނަކަށް އޭނާއަށް އިތުރަށް އިންތިޒާރެއް ނުކުރެވޭނެއެވެ. ބޭބެ މިދަނީ އޭނާ ފެނޭތޯއެވެ. ބޭބެއާއެކު ގެންދާނީ އެންމެ މީހެކެވެ. ހަވީރު ވާންވާއިރަށް ބޭބެގެ ފަރާތުން އިތުރު އަމުރެއް ނާންނަކަމުގައިވާނަމަ ކޮއްކޮ މިތަނުން ދަތުރު ފަށްޓަވާށެވެ. ފަތިސްވާއިރަށް ބަކުރުވަންހައިގެ މީހުންގެ އެންމެ ދުރުގައި އޮންނަ އަވަށަށް ވަޑައިގެން ބޭބެއަށް އިންތިޒާރު ކުރައްވާށެވެ. އަޅުގަނޑުމެންގެ އެހެން އެކުވެރީންގެ ގާތުގައި އިރުއޮއްސުމާއެކު ދަތުރުފަށާން ވިދާޅުވާށެވެ. ފަތިސްވާއިރަށް އެހިސާބަށް ދާންވާނެއޭވެސް ވިދާޅުވާށެވެ. އެންމެ ރަނގަޅުވާނީ އެކިމީހުން އެކިމަގުން ދަތުރުކުރުމެވެ."
معـنّـى ވިދާޅުވިއެވެ. "ބޭބޭއެވެ! حسّان ހޯދަން އިއްޔެފޮނުވި މީހުން މާޔޫސްވެގެން އެކަކަށްފަހު އަނެކަކު އެނބުރި އަތުވެއްޖެއެވެ. އަޅުގަނޑަށް ހީވަނީ އޭނާ އަމިއްލައަށް ދެއްކިގަތުމުގެ ޝައުޤުގައި ބޭބެގެ އަމުރުފުޅަށް ފަރުވާލެއް ނުބެހެއްޓެވީހެންނެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އެންމެރަނގަޅު މީހުންކުރެ އަށްމީހަކު ނަގައިލެވުނީއެވެ."
معـنّـى ވިދާޅުވިއެވެ. "حسّان އަކީ ތިޔަހައި ވިސްނިވަޑައިނުގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ ކަމަކާނުލައެއް އެއްވެސް ނުރައްކަލަކަށް ހުރަހެޅިވަޑައެއް ނުގަންނަވާނެއެވެ."
"މީގެ ތިންދުވަސްކުރިން އޭނާ އެނބުރިވަޑައިގަންނަވަން ޖެހެއެވެ. ރޭ އަޅުގަނޑުގެ ހިތަށްއެރީ އޭނާ ފައިމަގުގައި ފޮނުވުނުކަމީ އަޅުގަނޑުމެންނަށް ހެދުނު ގޯހެއްކަމުގައެވެ. ކޮންމެވެސް ދިމާއަކުން ދުޝްމިނުންގެ އަސްވާރުންތަކެއް އެބޭފުޅުން ވަށައިލައިފިނަމަ ސަލާމަތްވެވަޑައިގެންނެވުން ފަސޭހަފުޅެއް ނުވާނެއެވެ."
مثــنّـى ވިދާޅުވިއެވެ. "އެބޭފުޅުން ފައިމަގުގައި ފޮނުވީ ދުޝްމިނުންނަށް އެބޭފުޅުންގެ ޕްރޮގްރާމުތަކުގެ ޚަބަރު ލިބުނަނުދިނުމަށްޓަކައެވެ. އެނބުރިވަޑައިގަތުން ލަސްވަނީ ކޮންމެވެސް ކުއްލި ނުރައްކަލަކާހުރެ ޢަރަބީންގެ ގެއެއްގައި ފިލައިވަޑައިގެން ތިއްބެވުމުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ."
معـنّـى ވިދާޅުވިއެވެ. "ޢަރަބީންގެ މީހަކު އިނާމު ހޯދުމުގެ ދަހިވެތިކަމުގައި އެބޭފުޅުން އީރާނު މީހުންނާ ޙަވާލުކުރީކަމުގައިވެސް ވެދާނެއެވެ."
مثــنّـى ޖަވާބު ދެއްވިއެވެ. "ތިޔައީވެސް ނުވާނެކަމެއް ނޫނެވެ. حسّان ދަނެގަތުމުގައި ބޭބެއަށް ކުށެއް ކުރެވުނީކަމުގައި ނުވާނަމަ ކިތަންމެ ނުރައްކައުތެރި ދަނޑިވަޅެއްގައިވެސް އޭނާ އޭނާގެ އެކުވެރީން ސަލާމާތް ކުރެއްވޭތޯ ބައްލަވާނެއެވެ. ... އަޑުއަހައިބަލާށެވެ! މީހަކު އަންނަ އަޑުހެން އެބަހީވެއެވެ."
އަސްތަކެއްގެ ފިޔަވަޅުގެ އަޑުއިވޭންފެށުމުން ދެބޭފުޅުންމެ ހަވޭލީގެ ދޮރާއްޓާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ވަރަށް ބާރަށް އަސްދުއްވައިފައި އައި އަސްވާރެއް ގޯތިތެރެއަށް ވަދެއްޖެއެވެ. އޭނާ مثــنّـى ފެނިފައި ބާރުއަޑުން ގޮވާލިއެވެ. "ސާހިބާއެވެ! އޭނާ ވަޑައިގެންފިއެވެ."
مثــنّـى ދޮރާއްޓާ ދިމާޔަށް ހިންގަވައިގެންނެވިއެވެ. އެވަގުތު ސަވާރު އަސްމަތިން ފުންމައިލައިފައި ދެންނެވިއެވެ. "ސާހިބާއެވެ! އެބޭފުޅުން އަސްކޮޅުތަކަށް ފެންދެއްވުމަށްޓަކައި ކޯރުގެ އައްސޭރީގައި މަޑުކުރައްވައިފިއެވެ."
مثــنّـى ކަންބޮޑުވެވަޑައިގަތުމާއެކު ސުވާލުކުރެއްވިއެވެ. "އެއީ އަނެއްކާ ކޮންބައެއް ހެއްޔެވެ؟"
ސަވާރު ޖަވާބުދިނެވެ. "ސާހިބާއެވެ! އަޅުގަނޑު މިދަންނަވަނީ حسّان އާއި އޭނާގެ އަރިހުގައި ވަޑައިގަތް ބޭފުޅުންގެ ވާހަކައެވެ. އެހުރިހައި ބޭފުޅުން ސަލާމަތުން އެނބުރިވަޑައިގެންފިއެވެ. އެބޭފުޅުން ފެނިފައި އަޅުގަނޑުމެން އެންމެފުރަތަމަ ހީކުރީ އީރާނުގެ އަސްވާރުންގެ ބަޔަކު މިދިމާއަށް އަންނަނީ ކަމަށެވެ. އަޅުގަނޑުމެން ކޯރުގެ އައްސޭރީގައި ފާރަލައިގެން ތިއްބައި އެބޭފުޅުން ރައްކާތެރިވެވަޑައިގަތުމުގެ ގޮތުން އަސްވާރަކު މިކޮޅަށް ފޮނުއްވައިފިއެވެ. އަޅުގަނޑުމެން އަސްތަކާ ބެހޭގޮތުން ސުވާލުކުރުމުން އެނގުނީ އެއީ ޣަނީމާއެއްކަމެވެ. އެބޭފުޅުން ސަވާރުވެވަޑައިގެން ތިއްބެވި އަސްކޮޅުތަކުގެ އިތުރަށްވެސް ފަސްއަސް އެބައޮތެވެ."
مثــنّـى އެކަލޭގެފާނުގެ ކޮއްކޮއާ ދިމާޔަށް ބައްލަވައިފައި ވިދާޅުވިއެވެ.
"އަމުރަށް ކިޔަމަންވާން ނުދަންނަ މީހުންނަކަށް އަޅުގަނޑުމެންނާއެކު މާގިނަދުވަހަކު ނުއުޅެވޭނެއެވެ. ކޮއްކޮ ހުރިހާ ކޮމާންޑަރުންގެ ގާތުގައި މިރޭ ދަތުރުފަށަން ތައްޔާރުވާށޭ ވިދާޅުވާށެވެ. حسّان ވަޑައިގެންނެވިހައި އަވަހަކަށް މިތަނަށް ފޮނުވާށެވެ. ބޭބެ އެހެންމީހުންނާ ވަކީން އޭނާއާ ވާހަކަދައްކައިލަން ބޭނުމެވެ.
(ނުނިމޭ)