ޚަބަރު

ދެ އަހަރުގެ ކުއްޖާގެ ކާފަގެ ދިފާއުގައި ތެދުވި މަދީހާގެ ކެންޑިޑަސީ ބާތިލުކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކަނޑުހުޅުދޫ ކައުންސިލަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް އެޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ މަދީހާ އަބްދުﷲގެ ކެންޑިޑަސީ އެމްޑީޕީން ބާތިލް ކުރަން ނިންމައިފިއެވެ.

މަދީހާއަކީ ކަނޑުހުޅުދޫގައި ޖިންސީ ގޯނާކުރި އުމުރުން ދެ އަހަރުގެ ކުއްޖާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ކާފައަށް ބޭބެ ކިޔާ މީހެކެވެ. ނަމަވެސް މަދީހާގެ ކެންޑިޑަސީ ބާތިލުކުރަން ނިންމާފައިވަނީ، ކުއްޖާގެ ކާފަގެ ދިފާއުގައި އޭނާ ވާހަކަ ދައްކާފައިވަނިކޮށެވެ.

މަދީހާ ވަނީ ކާފަ ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ފެތުރީ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކަމަށާއި އެކަން ހޫނުކުރީ ވެސް އެ އާއިލާއިން ކަމަށް ބުނެފައެވެ. އަދި ތިން ފިރިހެނުން ވެގެން ކުއްޖާ ރޭޕްކުރިނަމަ ކުއްޖާ އުފަލުގައި ދުވެ ނޫޅޭނެ ކަމަށް ބުނެ ޖިންސީ ގޯނާކުރި ވާހަކަތައް މަދީހާ ވަނީ ދޮގުކޮށްފައެވެ.

ބޭބެ ދިފާއުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން މަދީހާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި އޭނާގެ ކެންޑިޑަސީ ބާތިލު ކުރުމަށާއި އޭނާއަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދީފިނަމަ އެމްޑީޕީއަށް ކުރާ އިތުބާރު ވެސް ގެއްލޭނެ ކަމަށްބުނެ ޕްރައިމަރީ ބޮއިކޮޓް ކުރަން ވެސް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ދިޔައީ ގޮވަމުންނެވެ.

އެ އަޑު ގަދަވެފައި ވަނިކޮށް އެމްޑީޕީގެ ފިޔަވައަޅު އަޅާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ މަދީހާ ދެއްކި ވާހަކަތަކަށް ބިނާކޮށް އޭނާއަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމައިފައެވެ. އަދި އެމްޑީޕީން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް ހިތްވަރުދީ ވާހަކަދައްކާ އެޕާޓީގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ނިންމައިފައެވެ.