އިނގިރޭސި ޕްރިމިއާ ލީގު

ފަހުވަގުތު ފިރްމީނޯ ޖެހި ލަނޑުން ވުލްވްސް އަތުން ލިވަޕޫލަށް މޮޅެއް

ފަހުވަގުތު ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދިން ލަނޑުން ވުލްސް އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ވުލްސް އަތުން ލިވަޕޫލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ އަށްވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެލެކްސެންޑާ އާނޯލްޑް ނަގައިދިން ކޯނަރަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެ މެޗުގެ 11 ވަނަ މިނެޓުގައި ވުލްވްސްއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޖޮއާއޯ މުޓީނިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، މެޓް ޑޮހާޓީ ބޮލުން ފޮނުވާލި ހަމަލާ ލިވަޕޫލުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފިރްމީނޯ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ، ވުލްވްސްގެ ޑިފެންޑަރު ޑޮހާޓީ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓު ފަހުން ލިވަޕޫލަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ވުލްވްސްއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ސަލާހު ފޮނުވާލި ހަމަލާ، ވުލްވްސްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައެވެ.

އެ މެޗުގެ 51 ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެޑަމާ ޓްރައޯރޭ ނަގައިދިން ހުރަހަކުން ވުލްވްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މެކްސިކޯ ފޯވަޑް ރައުލް ޖިމެނޭޒްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލުގެ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އަލުން ލީޑު ހޯދުމަށް ލިވަޕޫލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޓަކުމީ މިނަމީނޯ ފޮނުވާލި ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައިން ފިރްމީނޯ ފޮނުވާލި ހަމަލާ ވުލްވްސްގެ ކީޕަރު ޕެޓްރީސިއޯ ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ހެންޑަސަން ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފިރްމީނޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވުލްވްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ނަތީޖާއާއެކު ލިވަޕޫލުން ވަނީ އަނެއްކާވެސް 16 ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 24 މެޗުން 51 ޕޮއިންޓު ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 24 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.