ޗައިނާގެ ވުހާން ސިޓީގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު "ވަން"އަށް ވިދާޅުވީ ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހިންގެ ހާލު ބަލަމުން އަންނަ ކަމަށާއި ޗައިނާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވެސް ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި ހަ ދިވެހިންނާ ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅިފައިވާ ކަމަށާއި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށާއި ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުން އަންނަކަމުގެ ޔަގީންކަންވެސް އެގައުމުން ދީފައިވާ ކަމަށެވެ. އަދި އެ ޕްރޮޓޮކޯލްތަކުގެ ދަށުން ވުހާނަށް ވަދެ ނުކުތުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށާއި ވުހާން ސިޓީގެ އެ ނިންމުމަކީ ކުއްލި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޗައިނާގެ އެހެން ހިސާބުތަކަށްވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓަރީ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ވުހާންގައި ހުރި ދިވެއްސަކު "ވަން" އަށް މައުލޫމާތުދެމުން ބުނީ ފިހާރަތަކުން ކާބޯތަކެތި ހުސްވެފައިވުމުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.