ވާހަކަ

ކޮންމެ ހިނދެއް - 17

3

ދޮރާއި ހަމައަށް އާވާއަށް ދެވުނުތަނާ ކިޔާންގެ ވޭނީ އާހެއްގެ އަޑު އާވާއަށް އިވިގެން ދިޔައެވެ. އޭނާ ސިހިފައި އެނބުރި ބަލައިލިއެވެ. އެހިނދު ބުރިކޮށްލާފައިވާ ކިޔާންގެ ވައަތުން ފައިބައިގެން ދިޔަ ލޭތައް ހަލުވިކަމާއެކު ޓްއިލްސްތަކުގެ މައްޗަށް ފައިބައި މަންޒަރު ފެނުމުން އާވާގެ ދެލޯ ބޮޑުވެ އަނގަމަތީގައި ދެއަތް އެޅިއްޖެއެވެ. އިސާހިތަކު އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ކޮނޑުގައި އޮތް ދަބަސް ތިރިއަށް ދޫކޮށްލުމަށްފަހު އޭނާ ކިޔާނާ ދިމާލަށް ދުއްވައިގަތެވެ. ކިޔާން އަތުގައި ކުޑަ ވަޅި އާވާ ޖަހައިގަތެވެ. އަދި އަތުގެ ކޮޅަށް ހޫރާލިއެވެ.

"މޮޔަވީތަ؟؟ ފާފަމަތިން ފާފަ ތިކުރަނީ؟" އާވާ ކިޔާންގެ އަތުގައި ހިފެހެއްޓިއެވެ. ކިޔާން ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެސް އާވާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ބޭނުންވާ ގޮތަށް ކަންތައްވުމުން ތުންފަތްމަތިން ފެންނަން ހުރީ ކުރެވުނު ކަންތަކާމެދު އޭނާ ފަޚްްރުވެރިވާ ފަދަ ހިނިތުންވުމެކެވެ.

"މިއީ ﷲ ތަޢާލާ ނުފުއްސަވާ ފާފައެއް. ކޮންމެ ނަފްސަކީވެސް ހުރުމަތްތެރިވެގެންވާ އެއްޗެއް. ކިޔާންގެ މި ހަށިގަނޑަކީ އެފަރާތުގެ މިލްކެއް" އާވާ ހަޅޭއްލަވަމުން ގޮސް ކިޔާން ގޮނޑީގައި ބޭންދިއެވެ. އަދި ބަދިގެއާއި ސިޓިންރޫމް ގުޅޭ ގޯޅިގަނޑުގެ އެއްފަރާތުގައި މާޓުކުރި ބަހައްޓާފައިވާ ކަބަޑުގެ ތިރިން ވަތްގަނޑެއް ދަމާލާފައި ފަސްޓްއެއިޑް ބޮކްސް ނެގިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ކިޔާން ކައިރީގައި އިށީނެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ވަނީ އަވަސްކަމެވެ.

"އެވީ ދެން ދުވަހަކުވެސް އަހަރެންނާ އެހާ ރޫޑްކޮށް ވާހަަނުދައްކާތި އިނގޭ" ކިޔާން ބުނެލިއެވެ. ހާލަތަށް ވިސްނާފައި އާވާ އެއްވެސް އެއްޗެއް ނުބުނެއެވެ. އާވާ އިނީ ކިޔާނާ މެދު މާބޮޑަށް ހިތްހަމަޖެހިފައެއް ނޫނެވެ. އޭނާ ކިޔާންގެ އަތުން ޒަޙަމްވި ތަނުގައި ބޭސްއަޅާ ބަންދުކުރިއެވެ.

"މާބޮޑަށް ތަދުވަންޏާ ހޮސްޕިޓަލަށް ދާތި" އާވާ ބުނެލިއެވެ.

"ސޮރީ އެވީ! އަހަރެންނަކަށްވެސް ނޭނގުނު ވީގޮތެއް" ކިޔާން ބުނެލިއެވެ.

"އިޓްސް އޯކޭ... އަހަރެން ގެއަށް މިދަނީ. މަންމަ އައިމަ ބުނާތި އަހަރެން އައޭ" އާވާ ގެއިން ނިކުންނަން ހިނގައިގަތެވެ. އިތުރަށް އެތަނުގައި މަޑުކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

ގެއަށް ދިޔުމަށް ޓެކްސީ ތެރޭގައި އިނދެވެސް އާވާއަށް އެހެން ކަމަކާ ނުވިސްނެއެވެ. މިއަދު ކިޔާންގެ ފަރާތުން އޭނާއަށް ފެނިގެން އެދިޔައީ މީގެ ކުރިން ފެނިފައިނުވާ އަމަލެކެވެ. އެކަމުގެ ހުރި ނުރައްކާތެރިކަން އެވަގުތު ކިޔާނަށް ނުވިސްނުނަސް އާވާއަށް ވިސްނެއެވެ. ކިޔާން ހުރީ ހަމަ ހެޔަކު ނޫންކަން އާވާއަށް އިނގެއެވެ. އިސާހިތަކު އޭނާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.

"ކިޔާން! އަހަރެންނަށް މިހާރު ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އަހަރެންނަކީ މާހިލްގެ އަނބިމީހާ. އަހަރެން ހުސްކޮށް ހުރި ނަމަވެސް ކިޔާންގެ މީހަކަށް ވާން ނުވިސްނާނަން. އައިމް ސޮރީ" އާވާ އަމިއްލަ ހިތަށް އަޑުއިވޭވަރަށް ބުނެލައިފިއެވެ. އޭނާއަށް ނޭނގުނީ އޭނާއަށް ފާއިތުވެގެން ދިޔަ ވަގުތުުކޮޅުގައި ކިޔާންގެ ފަރާތުން ފެނިގެން އެދިޔައީ އޭނާގެ ދިރިއުޅުމަށް އަންނަން އުޅޭ ބޮޑު ކަންތައްގަނޑެއްގެ ފެށުން ކަމެވެ. ހަށިފުރާ ނޭވައެއް ދޫކޮށްލަމުން އޭނާ ޝީޓުގައި ބުރަކަށިޖައްސާ ދެލޯ މަރާލައިފިއެވެ.

ފެންޖަގު ހިފައިގެން ކޮޓަރިއަށް އާވާ ވަންއިރު މާހިލް ފެންނާކަށް ނެތެވެ. ފާހާނާއިގައި ކަން އިނގުނީ ލައްޕާލާފައި ހުރި ދޮރު ދަށުން ހުދު ކުލައިގެ އައްޔެއް ފެންނަން ހުރުމުންނެވެ. އެނދުގެ ބެޑްޝީޓް ރީތިކޮށްލަމުން އާވާ މަޑުކޮށްލައިގެން ހުރީ ފެންވަރާލައިގެން ނޫނީ ނިދަން އެނދަށް ނާރަން ވެގެންނެވެ. މާހިލް ގޮވައިލި އަޑު އިވުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އާވާ ތެދުވެގެން ގޮސް ވަކިން ހުރި ހަރުގައި އޮތް ހުދު ކުލައިގެ ތުވާލި ހިފައިގެން ހިނގައިގަތެވެ. މާހިލް ގޮވާލާނީ ތުވާލި ބޭނުންވެގެންކަން އޭނާއަށް އިނގޭ ކަހަލައެވެ.

ފާހާނާގައި ޓަކި ޖަހާލުމާއެކު މާހިލް ދޮރު ހުޅުވައިލިއެވެ. އާވާ ތުވާލި ދިއްކޮށްލުމުން މާހިލް ހިފީ ތުވާލީގެ ބަދަލުގައި އާވާގެ އަތުގައެވެ.

"ކީއްތިކުރަނީ؟ އަން... މިއޮތީ ތުވާލި" އާވާ ބުނެލިއެވެ.

"ތުވާލި ބޭނުންނަމަ ހިފާނީ ތުވާލީގައެއްނު" މާހިލް ބުނެލިއެވެ.

"ދެން މިގަޑީގަ ސަކަރާތްނުޖަހާ އަވަހަށް ނިކުމޭ. އަހަރެންވެސް ނިދުމުގެ ކުރިން ފެންވަރާލަން ބޭނުން" އާވާ ބުނެލިއެވެ.

"ތިވީ މާ ރަނގަޅަކަށްނު. އާދޭ އަވަހަށް" މާހިލް ލުއްކެއް ޖަހާލުމާއެކު އާވާ ގޮސް ޖެހުނީ މާހިލްގެ ހާމައަށް ފެންނަން ހުރި މޭމަތީގައެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އާވާ މާހިލްގެ މޭގައި ދެއަތްއަޅާ މަޑުމަޑުން ފަހަތަށް ކޮށްޕާލިއެވެ.

"ކިހާ ދުވަހެއް އެވީ ފެންވަރާ ގަޑިއަށް ފިލައިގެން އުޅޭތާ. ދެން އާދޭ މިރޭ ދެކުދިން އެކީގަ މަޖާކޮށްލަން" އާވާގެ ހަށިގަނޑު ފަހަތުން ބައްދައިލަމުން މާހިލް ބުނެލިއެވެ.

"ފާހާނާއިގަ މީހުން މަޖާކުރޭތަ؟" އާވާ ބުނެލިއެވެ.

"ކޮން ފޮތެއްގަ އޮތީ ދެމަފިރިން މަޖާކުރަން ޖެހޭނީ ހަމައެކަނި އެނދުގައޭ. އަހަރެން މިރޭ އެވީއަށް ދަސްކޮށްދޭނަން ފާހާނާއިގަ މަޖާކުރަނީ ކިހިނެއްކަން" އާވާ ގޮވައިގެން ގޮސް މާގަނޑު ދަށުގައި ބަހައްޓާ ފެން ދޫކޮށްލަމުން މާހިލް ބުނެލިއެވެ. އާވާ ލައިގެން ހުރި އަންނައުނުތައް އެ ހަށިގަނޑާ ވަކިކުރަމުން ދިޔައީ މާހިލްއެވެ.

އާވާ ހިމޭންކަމާއެކު ލަދުގަނެފައި ހުއްޓަސް މާހިލްގެ އެފަދަ ލޯބިވެތި ކޮންމެ ހަރަކާތަކަށް އޭނާގެ ހިތް ފިދާވަމުން ދިޔައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ހިތްފުރި ބަންޑުންވާވަރަށް މާހިލްގެ ފަރާތުން އޭނާއަށް ލޯބި ލިބިއްޖެއެވެ. ދުވަހަކުވެސް މާހިލް އާ ނުލާ ނޫޅެވޭވަރަށް އޭނާއަށް މާހިލްދެކެ ލޯބިވެވިއްޖެއެވެ. މާހިލް ކުރަމުންދިޔަ ލޯބީގެ ކޮންމެ ސަމާސާއެއްގައި އޭނާ ބެހެމުން ދާން ފަށައިފިއެވެ.

ފަތިސް ނަމާދަށްފަހު އާވާ ބޭރަށް ނިކުތުމުގެ ކުރިން އޮފީހަށް ދިޔުމަށް މާހިލް ލާނެ ހެދުމެއް އަލާމާރިން ނަގާ އެނދުގައި ބޭއްވިއެވެ. އިސްޓާކީނާ ބެލްޓްވެސް ނަގާ މާހިލްއަށް ފެންނާނެހެން ބޭއްވިއެވެ. މާހިލްގެ ވޮލެޓާއި އަތުކުރީ ގަޑި ނަގާ ސައިޑްކަބަޑް މަތީގައި ބޭއްވިއެވެ. ޖޮގިން ނިންމާފައި މާހިލް ކޮޓަރިއަށް ވަނުމާއެކު އޭނާގެ އެއްޗެހި ތައްޔާރުކުރަމުން ދިޔަ އާވާ ފެނުނެވެ. ތުވާލި ހިފައިގެން އޭނާ ފާހާނާއަށް ވަނީ ލޯތްބާއެކު އާވާގެ ކޮލުގައި ހިފާލައިފައެވެ.

އަލަމާރީގެ ތަޅުގައި އަޅުވާފައިވާ އިތުރު ކޯޓް ފަޓްލޫނެއް ހިފައިގެން އޭނާ ހިނގައިގަތީ ޝާނިމްގެ ކޮޓަރިއާއި ދިމާއަށެވެ.

ޓަކި ޖަހާލުމާއެކު ޝާނިމް ދޮރު ހުޅުވާލިއެވެ. އާވާ ދިއްކޮށްލި ހެދުމުގައި ހިފަމުން ޝާނިމް ހިނިތުންވެލިއެވެ.

"ޕާރފެކްޓް. އަހަރެން ހީކުރީ އެވީ ކައިރީގައި މިއަދު ލާނެ އެއްޗެއް ނުބުނެވޭތީ އިސްތިރިކުރާނީ އާދައިގެ ގަމީހެއް ކަމަށް" ދޮރު ލައްޕާލުމުގެ ކުރިން ޝާނިމް ބުނެލިއެވެ.

"ހިތަށް އެރީ ޝާނިމްސަރ ވެސް މާލްސަރ އާއި އެއްކަލަ އެއްޗެކޭ މިއަދު ލާނީ. ހިތުގެ ލަފައަށް އިސްތިރިކުރީ" އާވާ ބުނެލިއެވެ.

މާހިލްއާއި ޝާނިމް އޮފީހަށް ދިޔުމުގެ ކުރިން ހެނދުނު ނާސްތާއަށް އާވާ ތައްޔާރުކުރީ ފަތު މައްސުންޏާއި ރޮށްޓެވެ. އެދެމީހުން ސައިބޮންދެން ކައިރީގައި އާވާ މަޑުކޮށްލި ވަގުތު މޭޒު މަތީގައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ބަލައިލިއިރު ޙާޖަރެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނުގުޅާ ގަޑިއެއްގައި ޙާޖަރު ގުޅުމުން އޭނާ ހިތުގައި ސުވާލު އުފެދުނެވެ.

"މަންމާ....!!" ފޯނު ނަގަފައި ކަންފަތުގައި ޖަހާލަމުން އާވާ ޙާޖަރަށް ގޮވައިލިއެވެ.

ޙާޖަރު ދައްކަންފެށި ވާހަކައަކުން އާވާއަށް އެއްޗެއް ނުބުނެވި ސައިބޯން އިން މާހިލްއަށް ބަލައިލެވުނެވެ. ފޯނު ހިފައިގެން އެތަނުން ދުރަށް ޖެހިލަންވެސް އޭނާއަށް ނުކެރުނެވެ. މާހިލް ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ.

"އެއީ އޭނައަށް އެއްޗެއް ނުވިސްނޭކަން. ބޮޑުދައިތަ ކައިރީގައި މަންމަ ބުނެބަލަ އޭނައަށް ހެވާއި ނުބައި ބުނެދޭށޭ. މިހާރު އޭނާއަކީ މީހަކު އެއްޗެއް ބުނީމަ ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫނޭ" އާވާ ވާހަކަދެއްކިއެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން އިނީ އެކޮޅުން ފޯނުގައި އިން ޙާޖަރު ވާހަކަތަކެއް ދައްކަމުން ދާތީއެވެ.

"އަޅުގަނޑު ކީއްކުރާނީ އެކަމުގަ. އޭނަގެ އަތުގަ ބޭސްއަޅާދިނިން. ބުނިން މާބޮޑަށް ތަދުވަންޏާ ހޮސްޕިޓަލަށް ދާށޭ" އާވާ ބުނެލިއެވެ. މިފަހަރު މާހިލް އާވާއަށް ބަލައިލިއެވެ. އާވާގެ ލޮލާއި މާހިލްގެ ލޯ ބައްދަލުވުމާއެކު ލޮލުގެ އިޝާރާތުން މާހިލް ވީ ކީއްހޭ އަހައިލިއެވެ.

"ދާރިމްއަށް ކަމެއްވީތަ؟" އާވާ ފޯނު ބޭއްވިކަން އިނގުމުން މާހިލް އަހައިލިއެވެ.

"ނޫން. ކް... ކިޔާން އަމިއްލައަށް އަތުގަ ވަޅި އެޅީ ކުރިންދުވަހު" އާވާ ބުނެލިއެވެ. މާހިލް އާވާއަށް ސީރިޔަސް ނަޒަރެއްދިނެވެ. އާވާ ތެދު ހާމަކުރީ މާހިލްއަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާތީއެވެ.

"އެއީ ހަމަ ކުއްޖެއްތަ؟" ޝާނިމް އަހައިލިއެވެ.

"އެއީ ކަޒިންއެއް. އޭނަ ސިކުނޑި ބަރާބަރަށް މަސައްކަތްކުރާނަމަ އެކަހަލަ ކަންތައްތަކެއް ނުކުރާނެ ދޯ. ވަރަށް ފޫހިވޭ އޭނަ އުޅޭ ގޮތުން. ޝާނިމްސަރ އޭނަގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ" އާވާ ބުނެލިއެވެ. އޭނާ ފުރިޖު ކައިރިއަށް ފެންފުޅިއެއް ނަގަން ޖެހިލި ވަގުތު މާހިލްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އާވާ ގެއްލިދާނެކަމުގެ ބިރު ހިނދުކޮޅަކަށް އޭނާއަށް ހީވެއްޖެއެވެ. ނަމަވެސް އޭނާ އޮފީހަށް ދިޔައީ ހިތަށް ވެރިވި ޝުޢޫރުތައް އެއްފަރާތްކޮށް އާވާއާއި ލޯބީގެ ހަދިޔާއެއް ބަދަލުކޮށްލުމަށް ފަހުގައެވެ.

އަނުމްއަށް ދިމާވި ކަންތަކާއި ހުރެ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހުނީ ފަލަކްނާޒަށެވެ. ބަނޑުހައިވެގެން މީހާއަށް ހޮޑުލެވި ދެން އެހެން ގޮތެއް ނެތިގެން ނޫނީ އަނުމް ކޮޓަރިން ނުނިކުމެއެވެ. ނިކުތަސް ފަލަކްނާޒް ރޯފިލުވާފައި ހުންނަ ކާއެއްޗެއްގައި އޭނާ އަތްނުލައެވެ. ނާސިހް ފުރައިގެން ދަމުން އެގެއަށް ގަތް ދެ ކޭސް ނޫޑްލްސް އަދި ހުސް ނުވެއެވެ. އޭނާ ދިރި ދުނިޔޭގައި ހުންނަނީ ދުވާލަކު އެއްފަހަރު ނޫޑްލްސް ޕެކެޓެއް ފެނުމަޑުކޮށްގެން ކައިގެންނެވެ.

"ބޭނުމީ ގާތްގަނޑަކަށް ތިން ވަރަކަށް ދުވަސް. އެއީ ކުޑަ ކަމަކު" ފޯނުގައި ހުރެ ކާ ބަޔަށް ވަން އާރިޔަން ވާހަކަދައްކަމުން ދިޔަ އަޑު ކައްކަން ހުރި ފަލަކްނާޒަށް އިވެމުން ދިޔައެވެ.

"ސަރ ކައިރީގައި ބުނެދީ އެގޮތަށް" އާރިޔަން ބުނެލިއެވެ.

އަތުގައި އޮތް ފޯނު ލައިގެން ހުރި ޖީންސުގެ ޖީބަށް ކޮށްޕާލާފައި އާރިޔަން މޭޒު މައްޗަށް ބަލައިލިއެވެ. މެންދުރުގެ ކެއުން އަރުވާފައި ހުއްޓެވެ. ހިކިކޮށް ބަށި ހަދާފައި ހުރިތަން ފެނުމުން މިފަހަރު އޭނާ ކާހިތެއް ނުވިއެވެ.

"ބޭނުމީ ކަޅު ކޮފީއެއް" އާރިޔަން ބުނެލިއެވެ.

"އާޔަން ތިއުޅޭގޮތް މަންމައަށް ކަމަކުނުދޭ. މިގޭގަ ކައްކާ އެއްޗެހި ކަނީއެއް ނޫން. ހުރިހާ އެއްޗެއް މިޖެހެނީ އުކާލަން. އަބަދު ތިހުންނަނީ ކޮފީ ބޮއެގެން" ފަލަކްނާޒް ހަޅޭއްލަވައިގަތެވެ.

"ކާހިތެއްނުވޭ" އާރިޔަން ބުނެލިއެވެ. ފަލަކްނާޒް ބަލައިލީ ތަފާތު ބެލުމަކުންނެވެ.

"އަހަރެން ދެން ނުކައްކާނަން މިގެއަކު. އަލަމްއަށް ވާވަރަށް މަދު އެތިކޮޅެއް ރޯފިލުވާލާނީ. އެހެރެ ފެންނަ ކޮޓަރީގަ އެ އޮތީ މިގޭ ރާނީ. މިހާރު އެކޮޓަރިން ނިކުމެގެން މިހިސާބަށް އާދެވޭ ކަމަކަށްނުވޭ. ބޮޑުވަރެއްނު. މިހާވަރުން އަހަރެން ކާއެއްޗެހި ހެދީމަ އާރިޔަންވެސް ތިބުނަނީ ނުކާނަމޭ" ފަލަކްނާޒް ހަޅޭއްލަވަމުން ދިޔައެވެ.

"އަނުމްއަށް ދިމާވެގެން އެ އުޅޭ ކަހަލަ ކަމެއް މަންމައަށް އެ އުމުރުގަ ދިމާވެފަ ވާނަމަ ތިކަހަލަ އެއްޗެހި އޭނާ އާ ދިމާލަށް ނުކިޔާނެ" އާރިޔަން ބުނެލިއެވެ.

"އަހަރެން އެ އަނުމްއަށް ހީނުވާ ރަހުމެއް އާޔަން ތި ހީވަނީ ކީއްވެ؟ ތިއީ ލޯބީގެ ކަންތައްގަނޑެއްތަ؟" ފަލަކްނާޒް އަހައިލިއެވެ. އޭނާ ހުރީ ހަމައިން ނައްޓާފައެވެ.

"ބަނޑު ފުރިއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ" އާރިޔަން ތެދުވެގެން ހިނގައިގަތެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރިލެއް ބޮޑުކަމުން ސައިކަލް ތަޅުދަނޑިއާއި ހެޑްސެޓް މޭޒު މައްޗަށް ދޫކޮށްލެވުނު ކަމެއް ހަނދާނެއް ނެތެވެ.

"މި އާރިޔަން މިހާރު މިއުޅޭ ގޮތުން އަހަރެންގެ ބޯ ފަޅައިގެން ދާވަރުވޭ. އަނެއްކޮޅުން މިރޭ ކަންނޭނގެ ނާސިހް އަންނާނީ. އަދިވެސް އަނުމް އެހުންނަނީ މިގޭގަ. އެ ޤާދިރުވެސް މަލުން ފޮނިކޮޅު ބޯލައިގެން ގޮސް ހަބަރެއްވީކީ ނޫން" ބަދިގެ ތެރޭގައި ހުރެ ފަލަކްނާޒް އަނގަ ހަލުވަމުން ދިޔައެވެ. އަވަން މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން އައިސް މޭޒު ކައިރީގައި އިށީނުމަށްފަހު އޭނާ ޤާދިރަށް ގުޅައިލިއެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަތައް އިވޭ ހިސާބުން ހިޔަންޏެއް ފާޅުވިތަން ފަލަކްނާޒަށް ނުފެނެއެވެ.

ފަަލަކްނާޒް ކޮޓަރިއަށް ވަންއިރު އެނދުގައި އަނުމް ރޮވިފައި އިނެވެ. އޭނާގެ ދެކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލި މަންޒަރު ފަލަކްނާޒަށް ފެނުނެވެ. ކައިރީގައި ދިއްލިފައިވާ ފޯނުން ފެންނަން ހުރީ 'ބައްޕަ' ގެ ނަމުން އޭނާ ސޭވްކޮށްފައިވާ ނާސިހްގެ ނަންބަރެވެ. އަނުމްއަށް ނާސިހްގެ ފޯނުކޯލެއް ލިބުނީކަން ފަލަކްނާޒަށް އިނގުނެވެ. ފަލަކްނާޒް ކަންބޮޑުވީ އެދެމެދުގައި ދެކެވުނު ވާހަކައެއް ނޭނގޭތީއެވެ.

"މަންމަ މިއައީ ވަރަށް ވިސްނާފަ ވާހަކައެއްދައްކަން" އަނުމް ކައިރީގައި އިށީންނަމުން ފަލަކްނާޒް ބުނެލިއެވެ. އޭނާ އަނގައިން ނުބުންޏެއް ކަމަކު ކަރުނަވީ ލޮލަކުން ފަލަކްނާޒަށް ބަލައިލިއެވެ.

"މާދަމާވެސް ނިކުމެދާނެ ނަތީޖާއެއްގެ ސަބަބުން އަނޫ ރަށު ތެރެއަށް ގިނަވެދާނެ" ފަލަކްނާޒް ބުނެލިއެވެ.

"އަހަރެންނަށް އިނގޭ އަހަރެން ބަނޑުބޮޑުވާނެކަން. ދެން އަހަރެން ކިހިނެއް ހަދާނީ؟" އަނުމްގެ މޫނުމަތިން ފެންނަމުން ދަނީ މައުސޫމްކަމެވެ. އެ މައުސޫމް ކަމުގެ ފައިދާ ނަގަން ތައްޔާރަށް އިން ފަލަކްނާޒްގެ ތުންފަތަށް މަކަރުވެރިކަމުން ފުރިގެންވީ ހިނިތުންވުމެއް ވެރިވިއެވެ.

"އެބައިން ވިސްނުމެއް. ކައިވެންޏެއް ކުރަންވީނުން. ފަހުން ވަރިވާން ވިޔަސް ބަދުނާމުނުވެ ސަލާމަތްވާނެ މަގެއް އެއީ" ފަލަކްނާޒް ބުނެލިއެވެ.

"އަހަރެންނާ އެގޮތަށް މީހަކު އިނދެފާނަންތަ؟" އަނުމް އަހައިލިއެވެ.

"އެބަހުރި. ޤާދިރު..." ފަލަކްނާޒް ބުނެލިއެވެ. އަނުމްއަށް ޝޮކެއް ލިބި ޚައިރާންކަމާއެކު ފަލަކްނާޒްގެ މޫނަށް ބަލައިލެވިއްޖެއެވެ.

"ޚައިރާންނުވޭ. ބޭނުންވަނީ ދިމާވެދާނެ ހާލަތަކުން އަރައިގަންނަން. އެއްވެސް މީހަކަށް ނޭނގޭނެ. އަނޫއަށްޓަކައި މި މަންމަ އެކަން ސިއްރުކޮށްދޭނަން" ފަލަކްނާޒް ވާހަކަދެއްކިއެވެ. އަނުމްއަށް ޖަވާބެއް ނުދެވުނެވެ. އޭނާ ހިތަށް ކުރި ފުންއަސަރުތަކެއްގެ ސަބަބުން އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ.

"މަންމައަށް އިރުއޮށްސެންވާއިރަށް ޖަވާބެއްދީ. އޭރުން މާދަމާ ޤާދިރު ކައިރީގައި ބުނެގެން ކައިވެނީގެ މަސައްކަތް ފަށާނަން. އެންމެބޮޑު ކަމަކީ ވަލީއެއްނުން. އަނޫ ޖެހޭނެ ބައްޕަ ރަށުގައި ނެތަސް ފޯނު މެދުވެރިކޮށްގެން ވަލީގެ ކަންތައް ނިންމަން" ފަލަކްނާޒް އަނުމްގެ އިސްތަށިގަނޑުގައި ފިރުމާލާފައި ކޮޓަރިން ނިކުތެވެ. އަނުމްއަށް ބާރަށް ރޮއެގަނެވުނީ ފަލަކްނާޒް ނިކުމެ އެކޮޓަރީ ހަތަރުފާރުން އެތެރޭގައި އޭނާ އެކަނިވި ހިސާބުންނެވެ.

އޭނާ ހިތްވަރުކޮށްފައި ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުމެ އިސްތިޚާރާ ނަމާދު ކުރިއެވެ. އޭނާއަށް ފައިދާ ބޮޑީ ކޮންކަމަކުންތޯ އެކަލާނގެ ޙަޟްރަތުގައި ދެންނެވިއެވެ. އެކައިވެނިން އޭނާއަށް ގެއްލުމެއް ކުރިމަތިވާން އިރާދައިގައި އޮތްނަމަ އެކަމުން އޭނާ ރައްކާތެރިކޮށްދިނުމަށް އެދި ދެންނެވިއެވެ. އޭނާ ޚިޔާރުކުރަންވީ ރަނގަޅު މަގު ދެއްކެވުމަށް އެދި އިޚްލާސްތެރިކަމާއެކު ދެންނެވިއެވެ.

އަރައިގެން އައި އިރާއެކު ލިބުނު ހަބަރަކުން އާވާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. އޭނާ ދުވަސްމަތިން ފޫހިވެ ވިސްނުންތަކެއްގެ ތެރެއަށް ޣަރަޤުވެއްޖެއެވެ. އެވަރުގެ ނިންމުމެއް އަނުމް އެނިންމީ ކީއްވެގެން ހެއްޔެވެ؟ އެކުއްޖާ އެ އުޅެނީ ދުނިޔެއަށް ގިނަވާނެ ގޮތެއް ނޭނގިގެން ހެއްޔެވެ؟ މާހިލް އޮފީހަށް ދިޔުމާއެކު ގޭތެރޭގެ މަސައްކަތްތައް ނިންމާލާފައި އޭނާ ބޭނުންވީ އަވަހަށް އަނުމް އާ ބައްދަލުކުރަން އެގެއަށް ދާށެވެ. އޭނާގެ އޯގާތެރި ވާހަތަކުން އަނުމްގެ ވިސްނުން ބަދަލުކުރާށެވެ.

ބޭރުގައި އުޅެފައި އާރިޔަން ގެއަށް އައިސް ވަންއިރު ހެދިލައިގެން އިން ފަލަކްނާޒް ސޯފާގައި އިންތަން ފެނުމުން އާރިޔަން ބަލައިލީ ފާޑަކަށެވެ. އޭނާ ފެނުމާއެކު ފަލަކްނާޒް ތެދުވިއެވެ.

"ކާން ހަދަންތަ؟" ފަލަކްނާޒް އަހައިލިއެވެ.

"ނުކާނަން" އެހާ އަވަހަށް އާރިޔަން ބުނެލިއެވެ.

"އެހެންވިއްޔާ އާދެބަލަ މިތާ މަޑުކޮށްލަން. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އިނގޭތަ! މީހަކާ އިންނަން އަނުމް ރުހިއްޖެ. މިއަދު ރަންކިޔާ ދުވަސް. ވަރަށް މަސައްކަތުން ނާސިހްގެ ރުހުންވެސް އޭނަ ހޯދައިފި" ފަލަކްނާޒް ދައްކަން ފެށި ވާހަތަކުން އާރިޔަންއަށް އުނދަގުވަމުން ދިޔައެވެ. އޭނާ ފަލަކްނާޒް ދެކެ އިންތިހާއަށް ފޫހިވެއްޖެއެވެ. އަނުމް އާ އެހާވަރަށް މަންމަ ދުޝްމިން އެވަނީ ކީއްވެގެން ހެއްޔެވެ؟ އަނުމް އޮތީ ކޮން ކުށެއް ހެއްޔެވެ؟

ވަގުތުފާއިތު ނުވަނީސް ކުރަން އެ އުޅޭ ކައިވެނިން އަނުމް ސަލާމަތްކުރަން އާރިޔަން އަތުކުރި އޮޅާލިއެވެ. އޭނާގެ ވިސްނުމަށް ނައީ އެކަން އޭނާ ކުރާނެ ގޮތެކެވެ. އޭނާ ތެދެއް ހެދި ނަމަވެސް އަނުމް އަކީ އެކަން ޤަބޫލުކުރާނެ ކުއްޖެއް ނޫނެވެ.

"އަނުމް ހަމަ ޤަބޫލުވީތަ؟" އާރިޔަން ޔަޤީންނުވެފައި އަހައިލިއެވެ.

"ޤަބޫލުނުވެ ކޮންތާކަށް ދާނީ؟ އެހެންގޮތެއް އެބައޮތްތަ؟ ކާކު އެކަހަލަ އަންހެނަކާ އިންނާނީ. އޭނީ މިހާރު އާކަން ކެނޑިފައެއްނު" މަލާމާތުގެ ރާގެއްގައި ފަލަކްނާޒް ބުނެލިއެވެ.

"އެކަމަކު ތިބުނާ މީހާއަށް ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވިއެއްނު. އެހެންވީމަ އަދިވެސް ބުނެވިދާނެ އަނުމްއަކީ އިއްފަތްތެރި އަންހެން ކުއްޖެކޭ" ތުނބުޅީގައި ދެފަރާތުން އަތް ހާކައިލަމުން އާރިޔަން ބުނެލިއެވެ. ފަލަކްނާޒް އާރިޔަންއަށް ބަލައިލީ ޤަބޫލުނުކުރެވިފައެވެ. އެކަން އާރިޔަންއަށް އިނގުނީ ކިހިނެއް ހެއްޔެވެ؟

"ކިހިނެއް އާޔަންއަށް އިނގުނީ؟" އާރިޔަން ކައިރިއަށް ޖެހިލާ މަޑުމަޑުން ފަލަކްނާޒް އަހައިލިއެވެ.

"އެ ކުށެއްނެތް މައުސޫމް އަންހެންކުއްޖާ ވައްޓާލަން ތިއުޅޭ އަނދަވަޅުން ސަލާމަތްކޮށްދިނުމަށް ހެއްދެވި ފަރާތުން މެދުވެރިއަކަށް ހެދީ އަހަރެން. އެހެންވީމަ އަހަރެން އެކަން ކުރާނަން" އާރިޔަން ހިތްހަމަނުޖެހިފައި ކުރިއަށް ހިނގައިގަތެވެ.

"އަހަރެންނާ ދެކޮޅަށް އާރިޔަން އެއްކަމެއް ކުރިޔަސް ހަނދާންކުރާތި އެހިސާބުން އަހަރެން ބަނޑުން ވިހޭ އާރިޔަން ކިޔާ ފިރިހެން ދަރިއަކު ނުހުންނާނެކަން. އެހިސާބުން އަހަރެންގެ ހިތުގައި އާރިޔަންއަށްޓަކައި އޮތް މައިވަންތަ ލޯބި ނެތިގެންދާނެ" ފަލަކްނާޒް އިންޒާރެއް ދިނެވެ. ކޮޓަރިއަށް ވަންނަން ދިޔަ އާރިޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ރައްދުގައި އެއްޗެއް ނުބުނެއެވެ. މައެއްގެ ހިތުގައި ދަރިއަކާމެދު އުފެދިފައިވާ ލޯތްބަކީ ޤުދުރަތުގެ މާތް ހަދިޔާއެކެވެ. ބުނެލާހާ ފަސޭހައިން އެ ލޯބި ފަނޑުވެގެން ނުދާނޭކަން އާރިޔަންއަށް އިނގޭ ކަހަލައެވެ.

ގެއިން ނިކުންނަން އުޅުނު ވަގުތު އާވާއަށް ޚައިރާންކަމެއް ލިބުނީ ދޮރުގައި ބެލް އަޅައިލި އަޑު އިވުމުންނެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެގެއަކީ މާގިނައިން މީހުން އައިސް އުޅޭ ގެއެއް ނޫނެވެ. އޭނާގެ ނިތަށް ދެތިން ރޫ އަރައިގެން ދިޔައެވެ. އަތުގައި އޮތް ދަބަސް ސޯފާމަތީގައި ބޭއްވުމަށްފަހު އޭނާ ދޮރު ކައިރިއަށް ޖެހިލާ ބޭރު ބަލައިލިއެވެ. ފެންނަން ހުރީ ހަމައެކަނި ކަޅު ހެދުމެއްގެ ބަޔެކެވެ. އޭނާ ދޮރު ހުޅުވާލުމާއެކު ޚައިރާންކަމެއް ލިބުނެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އެއީ ކާކުކަން އޭނާއަށް އިނގިއްޖެއެވެ.

"ކަމަކުތޯ؟" ހިތްހަމަނުޖެހިފައި ހުއްޓަސް އެކަން އާވާ މޫނުމަތިން ފާޅުވިޔަކަ ނުދިނެވެ.

"ކުޑަވަގުތުކޮޅެއް ދެވިދާނެތަ؟ މިއައީ ވާހަކައެއް ބުނަންވެގެން" ނާދިޔާ ބުނެލިއެވެ.

"ވަދޭ އެތެރެއަށް. އެކަމަކު އަހަރެންގެ ފިރިމީހާއޭ ކިޔައިގެން އޭނާގެ އަބުރާ އިއްޒަތަށް ބުރޫއަރާ ކަހަލަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. އެއީ އެކަހަލަ ވާހަކަތަކަކީ އަޑުއަހަން އަހަރެންނަށް އެހާ ފަސޭހަ ވާހަކަތަކެއް ނޫން" އާވާ ވާހަކަދެއްކިއެވެ. ނާދިޔާ ބޯޖަހައިލިއެވެ.

އެތެރެއަށް ވެއްދުމަށްފަހު އާވާ ނާދިޔާއަށް އިށީންނަން ގޮނޑި ދެއްކިއެވެ. އަދި ބަދިގެފަރާތަށް ދިޔައީ ނާދިޔާއަށް ބޯލާނެ އެއްޗެއް ބަލައެވެ. މާގިނައިރެއް ނުވަނީސް އޭނާ އެބައިވެސް ފުރިހަމަކޮށްފިއެވެ.

"ތަނަކަށް ދާން އުޅެނިކޮށް ދޯ އުނދަގު މިކޮށްލެވުނީ" މޫނުފޮތިކޮޅު ނަގާ ފަހަތަށް އެއްލަމުން ނާދިޔާ ބުނެލިއެވެ.

"ރަނގަޅަށް ތިބުނީ. ކޮންވާހަކައެއް ދައްކަން އުޅުނީ" އާވާ އަހައިލިއެވެ.

(ނުނިމޭ)