ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ސޯލިހާއި އަޅުގަނޑާ ވާދަކުރެވޭނެ އެއްވެސް ސިޔާސީ ވެރިއެއް ނުހުންނާނެ: ނަޝީދު

2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ވާދަކުރެވޭނެ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ވެރިއެއް ރާއްޖޭގައި ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާ ދެބޭފުޅުން މިތިބީ މޮޅުވާން ކަމަށެވެ. އަދި ދެބޭފުޅުން ބަލިކުރެވޭނެ މީހަކު ހޯދައިގެން ގެނަޔަސް ބޮޑުތަނުން ބަލިކޮށްލާނެ ކަމަށް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަޅުގަނޑުމެން ދެމީހުން މިތިބީ ދަތުރަށް އަރާ. އަޅުގަނޑުމެން މިތިބީ މޮޅުވާން ވެގެން ނުކުމެ. އަޅުގަނޑުމެންނާ އިރާދަކުރެއްވިއްޔާ ވާދަކުރެވޭނެ ހަމަ އެއްވެސް ސިޔާސީ ޕާޓީއެއް ވެސް، ސިޔާސީ ވެރިއެއްވެސް މި ދިވެހިރާއްޖޭއަކު ނުހުންނާނެ. ފެނިވަޑައިގަންނަވަންޔާ އެމީހަކު ހޯއްދަވައިގެން ގެންނަވަންވީ އަޅުގަނޑުމެން ކައިރިއަށް. ބަލިކޮށްލާނަން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލިކޮށްލާނަން. ވަރަށް ބޮޑުތަނުން ބަލިކޮށްލާނަން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުންދޭ ކޮންމެ ވޯޓަކީ އެޅޭ މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށެވެ. ރައްޔިތުންގެ ވެރިންނަށް ވުމަށް އެދޭ ބާރާއި ޒިންމާ ބޭނުންކުރާނީ ވިސްނުންތެރިކަމާއި ބުއްދިވެރި ކަމާއެކު ކަމަށާއި ބާރުތައް އެއްކޮށްގެން ބާރުގަދަ ކުރުމަށް ރައީސް ސޯލިހުގެ ސިޔާސީ ހަޔާތް ނުރާއްވަވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، ބައެއް ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ކޯލިޝަންގެ ޕާޓީތަކުން ހިންގަމުން ދިއުމުން ވަރަށް ގިނަ ފަހަރު ހުއްޓުމާއި ހުރަސް އަންނަ ކަމަށެވެ. އެގޮތުން ރައީސް ކަމަކާ ދެކިވަޑައިގަންނަވާ ގޮތާއި ދެން އެހެން ސަރުކާރުގައި ތިއްބަވާ އެހެން ޕާޓީތަކުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ދެކިވަޑައިގަންނަވާ ގޮތާ ފުށު އެރުންތަކެއް އެރުމުން ކަންކަން ކުރުމަށް ލަސްތަކެއް އަންނަ ކަމަށް ވިދާޅުވިއެވެ.