ޚަބަރު

ގުރައިދުއަށް ކުޑަ ރަށެއް ހިއްކައިދެނީ، މާފުއްޓަށް އަލުން ވަށް މާފުށި ހިއްކައިދެނީ

ކ. ގުރައިދުއަށް ކުޑަ ރަށެއް ހިއްކައިދޭނެ ކަމަށާއި އަދި އެ އަތޮޅު މާފުއްޓަށް ސުނާމީގެ ކުރިން އޮތް ވަށް މާފުށި ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި އެމްޑީޕީ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ގުރައިދުއާއި މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިމޭ އިރު، ކުދި ރަށްތައް ވެސް ހިއްކިގެން ދާނެ ކަމަށެވެ.

"ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް މިހާރު ބިން ހިއްކާ ސަރަހައްދުން އިރާދަކުރެއްވިއްޔާ ކުޑަރަށެއް އަޅުގަނޑުމެން ހިއްކައިދޭނަން. މި ދާއިރާގެ އަނެއް ރަށް ކަމުގައިވާ މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެދަނީ ކުރިއަށް. އެބޭފުޅުންގެ އެދުމެއް އެބައޮތް، ސުނާމީގެ ކުރިން އޮތް ވަށް މާފުށި އަލުން ހިއްކައިދިނުމަށް އަޅުގަނޑުމެންނަށް އެދިފައި އެބައޮތް. އިރާދަކުރެއްވިއްޔާ އެ ރަށުގެ ބިން ހިކިގެންދާއިރުގައި ވަށް މާފުށި، އެބޭފުޅުން އެދިވަޑައިގެންފައިވާ ގޮތަށް އަޅުގަނޑުމެން ހިއްކައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އެކަންތައްތައް ކުރެވޭނީ ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ހުރި ގާނޫނުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ކައުންސިލްތަކެއް ލިބިގެން ކަމަށެވެ.