Close
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނަން: ރައީސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އިހުމާލުވެފައިވާ ދައުލަތުގެ އެއްވެސް މުވައްޒަފަކު ހިމެނޭ ނަމަ، އެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި އެމްޑީޕީ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް ޒަމާނުއްސުރެ އަޅާލެވިފައި ނުވާ ކަމަށެވެ.

"މިއީ ޒަމާނުއްސުރެ މިކަމާ ދޭތެރޭގައި އަޅާނުލެވި، އޮތް އޮތުމުގެ ސަބަބުން ވެފައި އޮތް ކަމެއް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެ ވާހަކަ ދައްކަން ތިބެވޭކަށް ނެތް. އަޅުގަނޑުމެން ޖެހޭނީ ވަގުތުން ވަގުތަށް އެކަމާ ދޭތެރޭ ފިޔަވަޅު އަޅަން، އެކަން ހައްލުކުރަން. އަޅުގަނޑު ތިބޭފުޅުންނަށް މިރޭ ވެސް ޔަގީންކޮށް މި އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރުމަށް ހާވަލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެ ނަމަ، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭގައި އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މުއައްސަސާތައް ޒިންމާދާރު ކުރުވުމަށްޓަކައި ވެސް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފަސްނުޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ އިތުރުން ހަރުކަށި ފިކުރުގެ މައްސަލަތަކާއި ޑްރަގުގެ މައްސަލަތައް އަދި ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރެވޭނީ ޒިންމާދާއުކާއެކު މަސައްކަތްކުރާނެ ބަޔަކު ހޯދިގެން ކަމަށެވެ.