ހައިރައިޒް އިން އިންތިޒާމުކޮށްގެން މިމަހު ބޭއްވުމަށް ހަމަޖައްސާފައިވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2020"ގެ ސްޕޮންސަރުންނާއި ޕާޓްނަރުން ހަމަޖައްސައި، އެ ފަރާތްތަކާއެކު މިއަދު ސޮއިކޮށްފިއެވެ.
އަންނަ ހަފްތާގެ ހޯމަ އިން ބުދަ ދުވަހަށް ބާއްވާ މިއަހަރުގެ ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑެވެ.
އިންޑިއާގެ އެއް ލީޑިން އެކްސްޕޯޓް ކުންފުނި، މޯހަން މުތާއަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުންޏަށް 130 މިލިއަން ރުފިޔާއަށްވުރެ ގިނަ ޕްރޮޖެކްޓްސް ދީފައިވެއެވެ.
މިއަހަރުގެ ކޯ ސްޕޮންސަރުންނަށް ހަމަޖައްސާފައިވަނީ އޭޝިއާގެ އެންމެ މަގުބޫލު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދި ސްރީ ލަންކާގެ އަލްޓެއާ އަދި އަކުއަ ވިޓާ ރެސިޑެންސްއެވެ. މި ދެ ކުންފުންޏަކީ މިދިޔަ އަހަރު ބޭއްވި ލިވިން އެކްސްޕޯގެ ވެސް ކޯ ސްޕޮންސަރުންނެވެ.
އޭގެ އިތުރުން މިއަހަރުގެ ލިވިން އެކްސްޕޯ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ހައުސިން މިނިސްޓްރީން އެންޑޯސް ކޮށްފައިވާއިރު، ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ، މިދިޔަ އަހަރުގެ އެކްސްޕޯގެ ވެސް މީޑިއާ ޕާޓްނަރު، ވަން އޮންލައިން އެވެ.
ގެދޮރުވެރިކަމުގެ ފުރުސަތުތަކާއެކު 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލިވިން އެކްސްޕޯގެ ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ކުންފުނިތައް ބައިވެރިވެ، ގެދޮރުވެރިކަމުގެ ދާއިރާއާ ގުޅޭ އެކި ކަހަލަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ހުޅުވައިލައެވެ.
އޭގެ ތެރޭގައި ރިއަލް އެސްޓޭޓް އާއި މި ދާއިރާއާ ގުޅޭ އެކި ކަހަލަ ސާމާނު އުފައްދައި ސަޕްލައި ކުރާ ފަރާތްތަކާއި ގެދޮރަށް ބޭނުންވާ އާ އުފެއްދުން ތައާރަފުކުރާ ފަރާތްތައް ވެސް ހިމެނެއެވެ.