ޚަބަރު

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިވުމަށް އެދި މަޖިލީހާއި އީސީ އާއި އެލްޖީއޭ އަށް ޕެޓިޝަން ހުށަހަޅައިފި

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިވެ، ވަކި ރަށެއްގެ ހައިސިއްޔަތު ހޯދައި، އެ ދެ ރަށުގައި ރަށު ކައުންސިލް އުފައްދައިދިނުމަށް އެދި ތައްޔާރު ކުރި ޕެޓިޝަން، ކަމާބެހޭ ފަރާތްތަކަށް ފޮނުވައިފިއެވެ.

އެ ޕެޓިޝަންގެ މަސައްކަތް ރާވާ ހިންގާ ހުޅުމީދޫ އިންތިޒާމް ކޮމިޓީން ބުނީ އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އީސީގެ ރައީސް އަހްމަދު ޝަރީފުގެ އިތުރުން އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"އަފިރިންގެ ކައުންސިލް އަފިރިންނަށް"ގެ ނަމުގައި ތައްޔާރު ކުރި މި ޕެޓިޝަންގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުން ވަނީ އެތަނުން ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދައި، ގާނޫނުން ލިބިދޭ އެންމެހާ ބާރު ތަކާއި އިހްތިޔާރު ތަކާއި ހައްގުތައް އެހެން ރަށްތަކެކޭ އެއްފަދައިން ދޭން އެދޭ ކަމަށެވެ.

ލާމަރުކަޒީ ނިޒާމް ތައާރަފްވެގެން ދިއުމާއެކު، އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 2011 ވަނަ އަހަރު އެވެ.

އޭރު ގާނޫނު އޮތް ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 30،000 މީހުން ހަމަވެގެންނެވެ. އައްޑޫ ސިޓީގެ 30،000 ހުގެ އާބާދީ ހަމަކޮށްފައި ވަނީ ހުޅުދޫ އަދި މީދޫގެ 7000 މީހުން ވެސް ހިމަނައިގެން ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

އަދި 10،000 މީހުންގެ އާބާދީއެއް ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް މިހާރު ހަމަޖެނިފައިވާއިރު، ހުޅުދޫ އާއި މީދޫގެ އާބާދީ ނުހިމަނައި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ޕެޓިޝަނުގައި ވެ އެވެ.