ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން - 3

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙުސިން ޢުޘްމާނީނަދުވީ

ތަރުޖަމާ : އަބްދުﷲފާރޫގު ޙަސަން

ދީން – އަޅުކަމާއި ވެރިކަމުގެ މަޖްމޫޢާއެއް – އިސްލާމީ ތާރީޚުގެ ހެކިބަސް

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ހިޖްރަކުރެއްވުމުގެ މަޤްސަދަކީ ރޭވި އިންތިޒާމު ކުރެވިފައިވާ ބާރުހުރި އިސްލާމީ މުޖްތަމައެއް އުފެއްދެވުމެވެ. އެހެންކަމުން ކައުސާހިބާ މަދީނާގައި އިސްލާމީ ދައުލަތުގެ މަރުކަޒެއް ގާއިމުކުރެއްވިއެވެ. އިސްލާމީ ނިޒާމުގެ ވެރިކަން ހިންގެވުމަށްޓަކައެވެ. އިލާހީ ޤާނޫނުތައް ތަންފީޒުކުރެއްވުމަށްޓަކައެވެ. އެތަނުން މުޅި ދުނިޔެއަށް ތައުހީދުގެ ދައުވަތު ފަތުރުއްވައިލެއްވުމަށްޓކައެވެ. އިސްލާމީ ޝަރީއަތް ހިންގެވުމަށްޓަކައެވެ. ޤަބީލާތަކުން އިސްލާމްދީން ޤަބޫލުކުރިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަތްޕުޅު މައްޗަށް ބައިއަތު ހިފިއެވެ. މިގޮތުން ދީނާއި ސިޔާސަތުގެ ޖަމާއެއް އުފެދުނެވެ.

މަދީނާއަކީ ދާރުލްއިސްލާމެވެ. މުސްލިމުންގެ އަސްކަރީ މަރުކަޒެވެ. އެންމެހައި މުސްލިމުންނަށް ހިމާޔަތް ލިބިދޭ ރައްކާތެރި ކިއްލާއެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަކީ މުސްލިމުންގެ ނަބިއްޔާއެވެ. ލަޝްކަރުތަކުގެ އިސްވާރެވެ. މުސްލިމުންގެ އަމީރެވެ. ހާކިމެވެ. އުއްތަމަފަނޑިޔާރުވެސްމެއެވެ. އެންމެހައި މުސްލިމުންނަށް އަމުރުވެވިގެންވަނީ މަދީނާއަށް ހިޖްރަކުރުމަށެވެ.

"އަދި އީމާންވެ ހިޖްރަނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން ހިޖްރަކޮށްފުމަށްދާންދެން އެއުރެންނަށް އެހީތެރިވުމުގެ އެއްވެސް ކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ." (އަލްއަންފާލް : 72)

އަދިވެސްވަހީކުރައްވައިފައިވެއެވެ. "ފަހެ، އެއުރެންގެ ތެރެއިން އެހީތެރީން ތިޔަބައިމީހުން ލިބިނުގަންނާށެވެ. (އެއީ) އެއުރެން ﷲގެ މަގުގައި ހިޖްރަކޮށްފުމަށް ދާންދެނެވެ." (އައްނިސާއު : 89).

އާދެ، ތިމައުރެންގެ ދީނަށް އަމަލުނުކުރެވޭ އަދި އަނިޔާލިބެމުންދާ މުސްލިމުންނަށް ހިމާޔަތްދެވޭ ފަދަ އިސްލާމީ ދައުލަތެއް ޤާއިމުވުމަކީ ދީނުގެ މަޤްސަދެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހިޖްރައިގެ މަޤްސަދެކެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމުން އެމާތްސާހިބާގެ ހަށިކޮޅު ފަސްދާނުވެޑުއްވުމަށްވުރެ ކުރީން ސަހާބީން އިސްކަންދެއްވީ އަމީރަކު ޚިޔާރުކުރެއްވުމަށެވެ. ޚިލާފަތުގާއިމު ކުރެއްވުމަށެވެ. ޚަލީފާއަކު އިންތިޚާބު ކުރެއްވިއްޖައުމަށް ދާންދެން އިތުރުސާހިބާ އޮންނެވީ ފަސްމަތީގައެވެ. މި ޙާދިޘާ އިން އެނގެނީ ވެރިކަމެއް ޤާއިމުކުރުމަކީ މުސްލިމުންގެ ކުރިމަތީގައި ކިހައި މުހިންމު ކަމެއްކަމެވެ. ވެރިޔަކު ޢައްޔަން ނުކުރެވި އެންމެ ދުވަހެއް ފާއިތުވުމަކީވެސް އިސްލާމީ އުންމަތުގައި އެކަމަށް ޖާގަ އޮތްކަމެއް ނޫންކަމެވެ. މުސްލިމުންގެ އިލްމުވެރީން މިޙާދިޘާއިން ދަލީލުދައްކަވަނީ އަމީރަކު ނެތި އެންމެ ދުވަހެއް ހޭދަކުރުމަކީ ވެސް މުސްލިމުންނަށް ޖާއިޒުވެގެންވާ ކަމެއް ނޫންކަމުގެ މައްޗަށެވެ. ވެރިކަމާއި، ސަރުކާރަކީ ދީނުގެ އަސާސިއްޔާތުގެ ތެރެއިން ހިމެނޭ ކަމެއްކަހަލައެވެ.
މުސްލިމުން އުޅޭން ޖެހިފައި އޮތީ އެތަނެއްގައި އެއްގޮތަކަށްވެސް ދީނަށް އަމަލުނުކުރެވޭ އަދި މުސްލިމުންނަށް އަނިޔާލިބެމުންދާ ތަނެއްގައި ކަމުގައިވެފައި އެބައިމީހުންނަށް ހިޖްރަކުރުމުގެ އެކަށޭނަކަން އޮތް ކަމުގައިވާނަމަ ހިޖްރަކުރުން ކޮންމެހެންވެސް ލާޒިމެވެ. ނަމަވެސް މުސްލިމުންނަށް އެކަން ކުރެވޭނީ މުސްލިމުން ޙިމާޔަތްކޮށްދެވޭފަދަ އުރައްޕުހުރި ދައުލަތެއް ޤާއިމުކުރެވިފައި އޮވެގެންނެވެ. އެވެރިކަމެއްގެ ހިރިޔާ ފާތުރާގެ ދަށުގައި މުހާޖިރުންނަށް އަމަންއަމާންކަމާއެކު ދިރިއުޅުމުގެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސޭނެ ހިޔާވަހިކަމެއް އޮތްތަނެއް މުސްލިމުންނަށްޓަކައި ހަމަޖެހިފައިއޮވެގެންނެވެ.

ކީރިތި ޤުރްއާނުގެ އަންނަނިވި ދެ އާޔަތަކީ މިމޭރުމުން ފިކުރު ހިންގައިލަންޖެހޭ ދެއާޔަތެކެވެ. "ހަމަކަށަވަރުން އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެގެންތިބި ހާލުގައި، މަލާއިކަތުން، އެއުރެންގެ މަރުހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައި ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން އެބިމުގައި ހިޖްރަކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެން ނުވޭހެއްޔެވެ. ފަހެ (ޤިޔާމަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ ނިކަމެތި ފިރިހެނުންނާއި އަންހެނުންނާއި، ކުޑަކުދީންމެނުވީއެވެ." (އައްނިސާއު : 98، 97 )

މުސްލިމުންގެ އެކަށީގެންވާ އަދަދެއްގެ އާބާދީއެއް އެއްފަސްކުރެއްވުމުގެ މަޤްސަދަކީ އެތަނެއްގައި މުސްލިމުންގެ ބާރުހުރިވެރިކަމުގެ ނިޒާމެއް އުފެއްދެވުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ދައުރުގައި ވަނީ އެފަދަ މަރުކަޒެއް އުފެދިފައެވެ. އަލްޚުލަފާއުއްރާޝިދޫންގެ ދައުރު އައިއިރު މުސްލިމުންގެ ބާރުހުރި ވެރިކަމެއްއޮތެވެ. ފިސާރި އާރުލާ ދައުލަތެއް އޮތެވެ. ޚުލަފާއުއްރާޝިދޫންގެ ދައުރަށްފަހު ވެސް ފަންވަރުހުރި އިސްލާމީ ދައުލަތަކާއި ވެރިކަމެއް އޮތެވެ. ނަބަވީ މަންހަޖުގެ މަތީގައި ޚިލާފަތު ދެމިގެންއައިސްފައި ނުވިކަމުގައި ވިޔަސްވެހެވެ.

މުސްލިމުންގެ ތާރީޚުގެ އެއްވެސް ދައުރެއްގައި މުސްލިމުންނަކީ ދީނާއި ދުނިޔެއާއި އަޅުކަމާއި ސިޔާސަތު ވަކިކުރަން ރުހި ގަބޫލުވި ބައެއްނޫނެވެ. މުސްލިމުން ޤަބޫލުކުރަމުންއައީ ދީނާއި ދުނިޔެއާ ގުޅިފައިވާ ސަރީއަތުގެ ނިޒާމެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވަނީ މުސްލިމުންގެ ތެރޭގައި ދީނާއި ދުނިޔެ ވަކިކުރެވޭ ދުވަސްވަރެއް އަންނާނެކަމުގެ ވެސް ނިމުތު ދެއްވައިފައެވެ. ޚިލާފަތު ނަބަވީ މަންހަޖާ ފޭވާނެ ދުވަސްވަރެއް އަންނާނެކަމުގެ ޚަބަރު ދެއްވައި އެކަމާ ބެހޭގޮތުންވެސް އިރުޝާދު ދެއްވައިފައެވެ. އެދުވަސްވަރުގެ ބިރުވެރިކަމާމެދު ހޭލުންތެރިވުމަށް އިންޒާރު ކުރައްވައިފައެވެ.
މުޢާޛުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ. "އިސްލާމްދީނުގެ ނިޒާމު ހިނގަމުންދާހައިހިނދަކު ތިބާ އެނިޒާމާއެކު ހިނގަމުންދާށެވެ. ތިޔަބައިމީހުންގެ މެދުގައިވެސް ޤުރްއާނާއި ސުލްޠާނާ (ސަރުކާރު) ވަކިކުރެވޭނެއެވެ. ހަނދާންކުރާށެވެ. އެއްވެސް ހާލެއްގައި ﷲގެ ފޮތް އަތުން ދޫވެގެން ދިޔަނުދޭށެވެ. ތިޔަބައިމީހުންގެ ތެރޭގައިވެސް ދެ މިންގަނޑެއް ގެންގުޅޭ ވެރީން އުފެދޭނެއެވެ. ތިޔަބައިމީހުން އެމީހުންނަށް ނުކިޔަމަންތެރި ވެއްޖެނަމަ ގަތުލުކޮށްލާނެއެވެ. ތިޔަބައިމީހުން އެއުރެންނަށް ކިޔަމަންވެއްޖެނަމަ މަގުފުރައްދައިލާނެއެވެ. ސަހާބީން ސުވާލުކުރެއްވިއެވެ. އެފަދަ ހާލަތެއްގައި އަޅުގަނޑުމެން އަމަލުކުރާނީ ކޮންގޮތަކަށްތޯއެވެ؟. ހަދީޘްކުރެއްވިއެވެ. ޢީސާޢަލައިހިއްސަލާމްގެ ޙަވާރީން އަމަލުކުރެއްވި ގޮތަށް ތިޔަބައިމީހުންވެސް ޢަމަލުކުރާށެވެ. އެބޭކަލުންގެ އިސްތަށިފުޅުގައި ކީސްއަޅައި ދެފަޅިކޮށްލެވުނެވެ. ސަލީބަށް އެރުވުނެވެ. މާތްﷲ އަށް ކިޔަމަންތެރިވެ ތިބެ މަރުވެދިޔުން އެކަލާނގެ ކިބަފުޅަށް އުރެދިގެން ވާހާލު ދިރިތިބުމަށްވުރެ ހެޔޮވެގެންވެއެވެ."

(ޠަބަރާނީ ، ބައިހަގީ). އާދެ، ދީނާއި ދުނިޔެ ވަކިކުރެވުމަކީ އިސްލާމްދީނުގައި ރުހުމުގެ ލޮލަކުން ބެލެވޭނެކަމެއް ނޫނެވެ. ނަމަވެސް އެކަންވެސް ވާނެކަމަށާއި އެކަމުގެ ނުސިޔާނު ކަމާމެދު އިތުރުސާހިބާ އެވަނީ މުސްލިމުންނަށް އިންޒާރުކުރައްވައިފައެވެ.

އިސްލާމްދީނުގެ މިޒާޖު – ހަޔާތުގެ ހުރިހައި މައްސަލަތަކެއްގައި މަގުދެއްކުން

އިސްލާމްދީނަކީ މާތްﷲ ފުރިހަމަ ކުރައްވައިފައިވާ ދީނެކެވެ. ފުރިހަމަ ޝަރީއަތެކެވެ. އިންސާނީ ހަޔާތުގެ ހުރިހާ މައްސަލަތަކަކާއި ހުރިހައި އޮޅުންބޮޅުންތަކަކާއި ހުރިހައި ހާލަތުތަކަކަށް އެދީނުގައި ވަނީ އިރްޝާދު ދީފައެވެ. އެދީން އިންސާނާޔަށް މަގު ނުދައްކާ އެއްވެސް ދާއިރާއެއް ނުވެއެވެ. އެދީން އަޅުކަމުގެ ކަންތައްތަކަށް ގޮތްކިޔައިދީފައި ސަރުކާރު ހިންގުމާއި އިޖްތިމާއި ކަންކަމުގައި އަޅައިނުލައި ދޫކޮށްލުމަކީ އެދީނުގެ މިޒާޖެއް ނޫނެވެ. ކަލާނގެ ރަސްކަންފުޅަށް ބަޣާވާތްކުރާ މީހުންނަށާއި ރަސޫލާއަށް ނުކިޔަމަންތެރިވާ މީހުންނަށް އެއުރެން ބޭނުންހައި ގޮތަކަށް ކަން ކުރުމަށް އެފަދަ މިހުންގެ ރުހުމާއި ނުރުހުމަށް މީސްތަކުންގެ މުއާމަލާތައް ދޫކޮށްލުމަކީ އެދީން ފަހަރެއްގައިވެސް ރުހި ޤަބޫލުވާނެކަމެއް ނުނެވެ. އިސްލާމްދީނަކީ އިންތިހާ ދަރަޖަޔަށް ހަމަހިފަހައްޓާ ދީނެކެވެ. އުސޫލުތައް ދަމަހައްޓާ ދީނެކެވެ. މިސާލެއްގެ ގޮތުން ނަމާދަށް ސަފުހެދުމުގެ މައްސަލަ ނަގަމާ ހިންގަވާށެވެ. އިސްލާމްދީން ވަނީ ނަމާދުގައި ސަފުތައް އެއްވަރުކޮށް ސީދާކުރުމަށް ނިހާޔަތަށް ބާރު އަޅައިފައެވެ. ވިއްސިވިހާލިވެ އިންތިޒާމު ނަގައިލައި ޤާނޫނުގެ ހުރުމަތްކަނޑައިލުމަކަށް އެދީން ރުހުމުގެ ލޮލަކުން ބަލައެއްނުލައެވެ. އައްލާމާ އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ "އައްސިޔާސަތުއް ޝަރްޢިއްޔާ" ގައި ލިޔުއްވައިފައިވެއެވެ. "ވިލާޔަތަކީ ހުކުމަތާއި ދީނުގެ ވާޖިބުތަކުގެ ތެރެއިންވާ ކަމެކެވެ. އެކަމާނުލައެއް ދީނީކަމެއްގައި ވެސް ދުނިޔަވީކަމެއްގައިވެސް މުސްލިމުންގެ މިސުރާބު ސީދާއެއް ނުވާނެއެވެ."

ޝައްކެއްނެތެވެ. ކޮންމެ ފަރުދަކީވެސް މުޖްތަމަޢުގެ ބައެކެވެ. ކޮންމެ ދެމީހެއްގެ ދެމެދުގައި އެކުލުންތެރި ކަމާއި ގާތްކަން އޮތުން ލާޒިމެވެ. އެކަމަށްޓަކއި އިޖްތިމާއީ ނިޒާމަކަށް ބޭނުންވެއެވެ. އެބޭނުންފުދޭނީ ސަރުކާރެއްގެ ވެސް ބާރުވެރިކަމާއި މެދުވެރިވުމާލައިގެންނެވެ. އިސްލާމްދީން އެކަމަށް ބާރުއަޅާމިންވަރު އެނގެނީ ޖަންގައްޔެއްގައި ނުވަތަ ސަހަރާއެއްގައި ތިން މީހަކު ތިބިކަމުގައިވިޔަސް ނުވަތަ ދެތިންމީހަކު އެކުގައި ދަތުރުކުރި ކަމުގައިވިޔަސް އޭގެތެރޭގައިވެސް ވެރިޔަކު ހުރުމަށް ކައުސާހިބާ އިރްޝާދު ދެއްވައިފައިވުމުންނެވެ. ދަތުރު ފަތުރަކީ ވަގުތީކަމެކެވެ. ސަހަރާއެއްގައި ނުވަތަ ޖަންގައްޔެއްގައި ހޭދަކޮށްލާ ދުވަސްކޮޅަކީ ވެސް މުސްތަގިއްލުކަމެއް ނޫނެވެ. އެހެންކަމާއެކުވެސް އެހާލަތުގައިވެސް ވެރިޔަކު ހުރުމަށް އިސްލާމްދީން ވަނީ އިރުޝާދުދީފައެވެ. އެހެންވީއިރު ރަށެއްގައި ނުވަތަ ގައުމެއްގައި ވެރިޔަކު ނެތި އުޅުމަށް އިސްލާމްދީން ރުހޭނީ ކޮންފަދަޔަކުންތޯއެވެ؟ ވެރީން އައްޔަންވެގެންވުމަކީ ދިރިއުޅުމުގެ އުސޫލެކެވެ. ހަޔާތުގެ ޤާނޫނެކެވެ. އެހެންކަމުން ދީނާއި ދުނިޔެ ވަކިކުރާމީހުންނާއި، ސިޔާސީކަންކަމާއި، އަހައިކިޔަމަންވުމާއި، އަޅުކަމާ ގުޅުން ކަނޑުވާން މަސައްކަތްކުރާ މީހުންނަކީ އިސްލާމްދީނުގެ ޠަބީއަތު ނުދަންނަމީހުންނެވެ. ކްރިސްޓިޔަނިޓީގެ ތާރީޚުގެ އަސަރުފޯރައިފައި ތިބޭ މީހުންނެވެ. ކުރީންވެސް ބަޔާންކޮށްފައިވާނެ ފަދައިން ކްރިސްޓިޔަނުންގެ ތެރޭގައިވަނީ ކަލީސާ (ޗާޗު) އާއި ސްޓޭޓާ ދެމެދު ނުހަނު ދިގުލީ އަރައިރުންތަކެއް ހިނގައިފައެވެ. އެންމެފަހުން ދީނާއި ދައުލަތްވަކިވެފައެވެ. އެކަމަކު އެއީ އިސްލާމްދީނުގެ ގޮތެއްނޫނެވެ. މުސްލިމުން ބަލަންޖެހޭ ނަމޫނާއެއްނޫނެވެ.
(ނުނިމޭ)