ޚަބަރު

ފަސޭހައިން ޕެރޯލްގެ ފުރުސަތު ދިނުމަށް ޕެރޯލް ބޯޑަށް ބަދަލު ގެންނަން ގާނޫނު އިސްލާހު ކުރަނީ

އިބްރާހިމް ޒަކީ

ޕެރޯލްގެ ފުރުސަތު ހައްގުވާ ކުށްވެރިންނަށް ފަސޭހައިން އެފުރުސަތު ހޯދައި ދިނުމަށްް ޕެރޯލް ބޯޑަށް ބަދަލު ގެންނަން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ސަބް ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.

ޖުޑީޝަރީ ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު މި ހުށަހެޅުންތައް ހުށަހެޅުއްވީ، ޖަލު ބަންދުގައި ތިބި ފަރާތްތަކުން ފޮނުވާފައިވާ ސިޓީތައް ދިރާސާ ކުރުމަށް ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޖީހާން ވިދާޅުވީ، ޕެރޯލްގެ ފުރުސަތު ލިބޭގޮތަށް މިހާރު އޮންނަނީ، ޖަލުގައި ހުންނަ މީހާ، އޭނާއަށް އެ ފުރުސަތު ހޯދުމުގެ ޝަރުތު ހަމަވޭތޯ އަމިއްލައަށް ބަަލައިގެން ކަމާބެހޭ ފަރާތްތަކަށް އެކަމަށް އެދި އަމިއްލައަށް ހުށަހަޅާ ގޮތަށް ކަމަށެވެ. އެކަން އެހެން އޮތުމުން ޕެރޯލް ހައްގުވާ މީހާއަށް އެކަމަށް ޝަރުތު ހަމަވާކަން ނޭނގޭ ކަމަށާއި ޝަރުތު ހަމަވޭތޯ އެމީހުން އޮޅުން ފިލުވަން ޖެހެނީ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަންތަނަށް އަމިއްލައަށް ހުށަހަޅައި އެތައް އާދޭހެއް ކޮށްގެން ކަމަށެވެ.

ޖީހާން އިސްލާހު ގެންނަން ހުށަހަޅުއްވާފައިވަނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުުގެ 221 ވަނަ މާއްދާ އާއި 122 ވަނަ މާއްދާ އާއި 123 މާއްދާ އަށެވެ.

"މިހާރު މިވާގޮތަކީ ޖަލުގައި ހުންނަ މީހާއަށް ޔަގީނެއް ނުވާނެ އޭނަ ޕެރޯލަށް އެލިޖަބަލް ވާކަމެއް، ހުރިހާ ރެކޯޑެއް އޭނަ އަތުގައި ނުހުންނާނެ، އެހެންކަމުން އެމައުލޫމާތު މިވަނީ ލިޔެގެން ނުވަތަ އާދޭސް ކޮށްގެން މަޖިލީހަށް ނުވަތަ ހިއުމަން ރައިޓްސް އަށް ލިޔެގެން އާދޭސް ކޮށްގެން އެ ޝަރުތު ހަމަވޭތޯ ބަަލަން،" ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، ޕެރޯލް ބޯޑަކީ ބޮޑު ބޯޑެއް ކަމުން ކޯރަމް ހަމަ ނުވެގެންނާއި އެކައުންޓަބަލް ކުރުވާނެ ފަރާތެއް ނެތުމުން ބޯޑުގެ މަސައްކަތައް ނުހިނގާ ކަމަށެވެ. އެކަމުގެ ސަބަބުން، ޕެރޯލްގެ ފުރުސަތު ހައްގުވާ، އަދި އެ ފުރުސަތު ނުލިބޭ 200 އެއްހާ މީހު އެބަތި ކަމަށެވެ.

ޕެރޯލް ބޯޑު ހަރަކާތްތެރި ކޮށް އެކައުންޓަބަލް ކުރުވުމަށް ޖީހާން ހުށަހަޅުއްވާފައިވާ އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ، ކޯރަމް ހަމަނުވާ މައްސަލަ ހައްލު ކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން އެ ބޯޑުގައި މީހުން ނުހިމެނުމަށެވެ. އަދި ޕެރޯލް ހައްގުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެކަން އަންގައި، އެ ފަރާތްތަކަަށް އެކަން ކަށަވަރު ކޮށްދިނުމުގެ އެންމެހާ ކަންކަން ހަމަޖައްސަން ޖެހޭނީ ޕެރޯލް ބޯޑުން ކަމަށް ކަނޑައެޅުމަށެވެ.

މީގެ އިތުރުން ކޯރަމް ހަމަނުވާ މައްސަލަ ހައްލު ކުރުމަށް އެ ބޯޑުގެ ހާޒިރީ ހާމަ ކުރުމަށާއި، އެ ބޯޑު މަސައްކަތް ކުރޭތޯ ބަލައި އެކައުންޓަބަލް ކުރުމުވަށް ޓަކައި، ފަރާތެއް ކަނޑައެޅުމަށް ގާނޫނު އިސްލާހު ކުރަން ވެސް ޖީހާން ހުށަހަޅުއްވާފައި ވެއެވެ.