އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭ މައްސަލަ އާއި، އެކަމަށް ދެކޮޅު ހެދި ސީނިއާ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައިގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރި ފޯމުތައް ހަވާލު ކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން ސީޕްލޭން ޓާމިނަލް ދޭން އުޅެނީ ޓީއެމްއޭއަށް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވާހަކަ ދެއްކި އެ ތަނުގެ ދެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ، ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ ދެ މުވައްޒަފުންގެ ވަޒީފާ ވަގުތުން ވަގުތަށް އިއާދަ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާ ކަމަށާއި، ރައްޔިތުންނަށް އަނިޔާ ވެރި ނުވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ތަނެއްގެ އިހުލާސްތެރި ސީނިއާ މުވައްޒިފުންތަކެއް ދައްކާ ވާހަކަ ތަކަކުން ލިބޭނެ ނިކަމެތި ކަމެއް ނޯންނާނެ ކަމަށާއި އެގޮތަށް މުވައްޒިފުން ވަޒީފާއިން ވަކި ކޮށްގެން، އެ އަރައި ގަނެވެނީ ރައްޔިތުންގެ ހައްގު ތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަންތައް ނުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން އެދި ވަޑއިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ
"ކޮބައިތޯ އެ ވިދާޅުވާ ޑިމޮކްރަސީގެ މާނައަކީ، ކޮބައިތޯ ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމަށް ދީފައި އޮތް ފުރުސަތު، އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން، އެއްގޮތަކަށްވެސް އެހެން ނަހައްދަވާށޭ، ހަމަ ވަގުތުން މިހާރު އިއާދަ ކޮށްދެއްވާށޭ، އެގޮތަށް ރައްޔިތުންނަށް އަނިޔާވެރި ނުވާށޭ، ކޮންމެ ފަރާތަކުން ކަމަަށްވިޔަސް މީހަކު އެއްޗެއް ބުނުމަކުން މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ، ތަނެއްގެ އިހުލާސްތެރި ސީނިއާ މުވައްޒަފަކު ދައްކާ ވާހަކަޔަކުން އެމީހަކަށް ލިބޭނެ އަދި އެކަމަކަށް އަންނާނެ ނިކަމެތި ކަމެއް ވެސް ނޯންނާނެ، އެހެންނަމަވެސް އިއްޒަތްތެރި މަނިކުފާނު ތިގޮތަށް ކަންތައް ކުރެއްވީމާ އެ އަރައިގަނެވެނީ ކޯޗަކަށްތޯ މަނިކުފާނު ވިސްނާ ވަޑައިގެންނެވުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދެން އިހުލާސްތެރި ކަމާއެކު ދަންނަވާލަން ރައްޔިތުންގެ ހައްގުތަކަށް އެ އަރައިގަނެވެނީ، އަސާސީ ހައްގަކަށް ތިޔަ އަތްބާނައި ގަނެވުނީ، އެހެން ނަހައްދަވާށޭ އަޅުގަނޑު ދަންނަވާނީ އަދަބުވެރިކަމާ އެކީ،" ގާސިިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެހެން ބަޔަކަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދިނުމެއްނެތި، ޓާމިނަލް ރާއްޖޭގައި އޮތް އެހެން ކުންފުންޏަކަށް ދޭން އުޅޭ ވަހަކަ މިއަދު އަޑުއިވެމުންދާ ކަމަށެވެ.ގާސިމް ވިދާޅުވި ފެނިގެން މިދަަނީ ސީޕްލޭން އޮޕަރޭޓްކުރާ އޮޕަރޭޓަރުންނަށް ދޫކޮށްލަން 80 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ހެދި ޓާމިނަލް ހަމައެކަނި އެންމެ ބަޔަކަށް ދޫކޮށްލާތަން ކަމަށެވެ.
ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދިނުމުގެ ވާހަކަ ފެންމަތި ވެފައިވާ އިރު އެކަމަށް ދެކޮޅު ހެދި ސީނިއާ ދެ މުވައްޒަފަކު ވަކި ކުރި މައްސަލަ ވެސް ވަނީ ފެންމަތި ވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމާ ދެކޮޅު ހަދައިގެން ވަޒީފާއިން ވަކި ކޮށްފައިވަނީ އެ ކުންފުނީގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަރު، ކޮމާޝަލް، މުޖުތަބާ ލަތީފު އެވެ.
އެ ދެމީހުން ވަޒީފާއިން ވަކިކުރީ، އެމްއޭސީއެލަށް އާ ސީޕްލޭން ޓާމިނަލް ހިންގޭނެ ކަމަށް ވިދާޅުވެ، ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ޓީއެމްއޭއަށް އެ ތަން ދޭން ދެކޮޅުހެއްދެވުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.