ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ޒުވާން ގައުމީ ޓީމު ވަރުގަދަ، އައްސަދުގެ ޖޭޖޭއަށް ހަނި މޮޅެއް

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އަތުން ހަނި ތަފާތަކުން ޖޭޖޭ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕު އެކެއްގެ މެޗުގައި ޒުވާން ގައުމީ ޓީމު އަތުން ޖޭޖޭ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެފްއޭއެމުން ވަނީ މިފަހަރުގެ ދެވަނަ ޑިވިޝަނުން ޒުވާން ގައުމީ ޓީމަށް ފުރުސަތު ދީފައެވެ. ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅޭ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވެސް ކްލަބުތަކުން ރިލީސް ހޯދައިގެން އެޓީމަށް ކުޅެވޭނެއެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ޒުވާން ގައުމީ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޭޖޭގެ ކީޕަރު އަރްޕަން ކާކީގެ ބޯމަތިން މުހައްމަދު މާއިޝް މައުސޫމް ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ޖޭޖޭގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ޖޭޖޭއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ޖޭޖޭގެ ކެޕްޓަން މުހައްމަދު ޝައްފާޒް (ސައްޕެ) ފޮނުވާލި ހަމަލާ، ޒުވާން ގައުމީ ޓީމުގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގައި ޖޭޖޭ އިން ލަނޑު ޖަހައި ލީޑު ހޯދީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޖޭޖޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހުނައިފްއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޒުވާން ގައުމީ ޓީމަށް ނަތީޖާ ހަމަހަމަކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް އިމްރާން ފޮނުވާލި ހަމަލާ، ޖޭޖޭގެ ޑިފެންޑަރު އަހުމަދު އައިހަމް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޖޭޖޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލީޑު ފުޅާކޮށްލުމަށް ޖޭޖޭއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން މުހައްމަދު ނައުފަލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޒުވާން ގައުމީ ޓީމުގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭރު ޕެނަލްޓީ އޭރިއާ ތެރޭގައި އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ޖޭޖޭއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޭޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަހުމަދު ސަމާހު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބައްސާމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޒުވާން ގައުމީ ޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހައިސަމް ރަޝީދު ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ޖޭޖޭގެ ކީޕަރު އަރްޕަން ކާކީ ވަނީ މަތަކޮށްފައެވެ.

މިރޭ ކުޅުނު މެޗަކީ ޒުވާން ގައުމީ ޓީމުގެ ފުރަތަމަ މެޗެވެ. ޖޭޖޭ އިން މިވަނީ އެޓީމު ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެފައެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖޭޖޭ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބަލިކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ސުޕާ ޔުނައިޓެޑް ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ސިފައިން ވަނީ ބަލިވެފައެވެ. ސިފައިން ލީޑު ހޯދާފައިވަނިކޮށް، ސުޕާ ޔުނައިޓެޑުން ވަނީ ފަހަތުން އަރައި 3-1ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕު އެކެއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް އަދި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ގްރޫޕު ދޭއްގައި ހިމެނެނީ ކްލަބު ޕީކޭ އާއި ކްލަބު ވެލެންސިއާ އާއި ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސްއެވެ.