Close
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި އެ މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައި ހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި އެފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެފަދަ މައްސަލަތައް ދިވެހި މުޖްތަމައުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ އެފަދަ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއްކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ރައީސް ވަނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.