ޚަބަރު

ދ. މީދޫ ބަނދަރު ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި

އަހުމަދު ވަޖީފު

ދ. މީދޫ ބަނދަރު ހެދުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މީދޫ ބަނަދުރު ހެދުމުގެ އެއްބަސްވުމުގައި މިއަދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރަކްސްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު ހުސެއިން މޫސާއެވެ.

މީދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 36.8 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން މީދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކަކީ 373 މީޓަރު ދިގުމިނުގެ ބޭރު ތޮށީގައި ބޮޑުހިލަ ޖެހުމާއި، 294 މީޓަރު އެއްގަމު ތޮށީގެ މަސައްކަތާއި، ރިވެޓްމަންޓްގެ މަސައްކަތެވެ. އަދި ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތާއި 15 ބަނދަރު ބައްތީގެ މަސައްކަތާއި، 1470 ސްކެއާ މީޓަރު ޕޭމެންޓް ހެދުމުގެ މަސައްކަތާއި، 15،875 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމުގެ މަސައްކަތާއި، 10 މޫރިންގް ބްލޮކް އެޅުމުގެ މަސައްކަތް އަދި އެއް ރޭމްޕްގެ މަސައްކަތް ހިމެނެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން 408 ދުވަހުގެ ތެރޭގައި އެމްޓީސީސީން އެ މަސައްކަތް ނިންމަން ޖެހޭނެއެވެ.