ޚަބަރު

މިދިޔަ އަހަރު ދައުލަތުގެ ފަރާތުން ވަކީލުން އައްޔަންކޮށްދީފައިވަނީ 50 މީހަކަށް: އޭޖީ އޮފީސް

މަރިޔަމް ޝަހުދާ

މިދިޔަ އަހަރު ތެރޭ ދައުލަތުގެ ފަރާތުން 50 މީހަކަށް ގާނޫނީ ވަކީލުން އައްޔަންކޮށްދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު އާންމުކުރި 2018 އަދި 2019ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ދައުލަތުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 23 ފަރާތަކަށެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 50 ފަރާތަކަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރާ އަޅަބަލާއިރު މިދިޔަ އަހަރު %84.21 އިތުރަށް ގާނޫނީ އެޕްލިކޭޝަން ފޯމު ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅަފައިވާ ކަމަށް އޭޖީން ހާމަކުރިއެވެ. އެއީ 2018ގައި 57 އެޕްލިކޭޝަން ފޯމު އަދި މިދިޔަ އަހަރު 105 ފޯމެވެ.

2018 ވަނަ އަހަރު ގާނޫނީ އެހީތެރިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރޭ 13 ބިދޭސީއެއް ހިމެނޭ ކަމަށް އޭޖީން ފާހަގަކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު އެއަށްވުރެ ގިނައިން، 32 ބިދޭސީއެއް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ދައުލަތުގެ ފަރާތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭޖީ އޮފީހުގެ ޒިންމާއެކެވެ.