ޚަބަރު

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތައް ދަންޖައްސަން ކަނޑައަޅަން ކުއްލި ބައްދަލު ވުމަކަށް ޖާބިރު ގޮވާލައްވައިފި

އިބްރާހިމް ޒަކީ

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތައް "ރައްޔިތުންގެ ކުރިމަތީގައި ދަން ޖެއްސުމަށް" ކަޑައަޅައި ކަމާބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

އެކަމަށް އެދި ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ކުޑަކުދިންނަކީ މާތްﷲ މައިން ބަަފައިންނާއި ހަވާލު ކުރައްވާ ބޮޑު އަމަނާތެއް ކަމަށެވެ.

ސިޓީގައި ޖާބިރު ވިދާޅުވެފައި ވަނީ އެފަދަ ޖިންސީ ގޯނާ ކުރާ ފަރާތްތަކުގެ މައްޗަށް އިސްލާމް ދީނުގައިވާ މަގުން އަދަބު ކަނޑަނޭޅި ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކަނޑުހުޅުދޫ ގައި ހިންގި ފަދަ ނުރައްކާތެރި މައްސަލަތައް ތަކުރާރު ވަމުން ދާނެތީ، އެކަން ހުއްޓުވުމަށް މިހިނދުން މި ހިނދަށް ފިޔަވަޅުތައް އެޅުމަށް، ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތުގެ މައްޗަށާއި، އެންމެހާ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

"އެ އަމާނާތަށް ހިޔާނާތްތެރިވެ، މައިންބަފައިންގެ ޝަހުވަތްތެރިކަމުގެ ޝިކާރައަކަށް ކުޑަކުދިން ހަދައި ތުއްތު ކުދިންނަށް ޖިންސީ ގޮތުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި އަނިޔާތައް ދެމުންދާ ފަރާތްތަކުގެ މައްޗަށް އިސްލާމް ދީނުގައިވާ މަގުން އަދަބު ކަނޑަނޭޅި ދިއުމުގެ ނަތީޖާއެއްގެ ގޮތުން ގއ. ކަނޑުހުޅުދޫ ގައި މިހާރު ހިނގައިގެން އުޅޭ ފަދަ ނުރައްކާތެރި އެތައް މައްސަލައެއް ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ތަކުރާރު ވަމުން އަންނާނެ ކަމަށް ގަބޫލު ކުރަން ޖެހިފައިވާތީ، އެ އަމަލުތައް ހުއްޓުވުމަށް ޓަކައި މިހިނދުން މި ހިނދަށް ފިޔަވަޅުތައް އެޅުމަށް، ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތުގެ މައްޗަށާއި، އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ހަރު އަޑުން (އަސަރާއިއެކު) އަޅުގަނޑު ގޮވާލަމު،" ޖާބިރު ވިދާޅުވެފައި ވެއެވެ.

ޖާބިރު ވިދާޅުވީ، އެފަދަ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބަކީ ޖަލަށް ލުން ކަމަށްވާތީ ހުކުމް ތަންފީޒު ކުރުމަށް، ޖަލުގައި ކުޑަ ދުވަސް ކޮޅެއް ބެހެއްޓުމަށްފަހު އެއިރެއްގައި އޮންނަ ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް މައާފުދީ ދޫކޮށްލަމުން ގެންދާ ކަމަށެވެ. އަދި އެގޮތަށް އެފަދަ މީހުން ދޫކޮށްލުމުގެ ފުރުސަތު އޮންނަނީ، އިސްލާމް ދީނުގައި އަންގަވާފައި އޮންނަ ގޮތާ ހިލާފަަށް ޖަލަށް ލުމަށް ހުކުމް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވެން އޮތީ، ގާނޫނުއަސާސީ އަށާއި، ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށްވާތީ، އެ މަސައްކަތް މިހާރުން މިހާރަށް ފަށަން ޖެހޭ ކަމަށެވެ.

"ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައަޅާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން" ކަމުގައި ހެދުމަށް އަޅުގަނޑު ބޭނުންވާތީ، މިކަން މިގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ތާއީދުކޮށްދެއްވުމަށް އެ ބޭފުޅުން އަރިހު އާދޭހާ އެކު އަޅުގަނޑު އެދޭ ކަމަށާއި، އެ ގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ އެންމެހާ ކަންކަން ނިންމުމަށް މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެންނެވިން،" ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.