ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް އެމްޓީސީސީއަށް، އެމްޓީސީސީގެ އެމްޑީ ޝާހު އެމްޑަބްލިއުއެސްސީ އަށް

އިބްރާހިމް ޒަކީ

1

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލު ކުރައްވައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލު ކުރައްވައިފިއެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ މިއަދުން ފެށިގެންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މ. ސީނު ކަރަންކާގޭ އާދަމް އާޒިމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ދެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ބޭންކް އޮފް މޯލްޑިވްސްގެ ނޮން އެގްޒެކެޓިވް ޑައިރެކްޓަރު ކަމާއި އެމްޑަބްލިޔުއެސްސީ ގެ ޗީފް ފައިނޭޝިއަލް އޮފިސަރު ކަމާއި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ސޭލްސް އެންޑް މާކެޓިން ގެ މަގާމު ވެސް އާޒިމް ކުރީން ވަނީ ފުރުއްވާފަ އެވެ. އާޒިމް އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެންބަރެކެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހު އައްޔަންކުރައްވާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ގައެވެ.

ސ. މަރަދޫ ފޭދޫ ބަގީޗާގޭ ހަސަން ޝާހު އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އޭގެ ކުރިން ޝާހު ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގައި ވެސް ހުންނެވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމްޕީއެލްގެ ޗެއާމަންކަމުގެ މަގާމު ޝާހު އަދާކުރެއްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.