Close
ޚަބަރު

މިހާރުގެ ފަނޑިޔާރުގެޔަކީ ހުޅުވާލެވިގެން، ރައްޔިތުންނާ ކައިރިން މަަސައްކަތް ކުރާ ފަނޑިޔާރުގެއެއް: މަސްތޫރު

އިބްރާހިމް ޒަކީ

މިހާރުގެ ފަނޑިޔާރުގެ އަކީ ހުޅުވާލެވިގެން، ރައްޔިތުންނާ ކައިރިން މަަސައްކަތް ކުރާ ގޮތަށް އިންތިޒާމު ކުރެވިގެން ކުރިއަށްދާ ފަނޑިޔާރު ގެއެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލްކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އާ ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި މެޖިސްޓްރޭޓުން ހުވައި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސްތޫރު ވިދާޅުވީ، މި ބަދަލަކީ މިދިޔަ އަހަރު ފަނޑިޔާރުގެއަށް ގެންނަން ފެށި ހެޔޮ ބަދަލުތަކުގެ އަސަރު ފެންނަމުން ދިއުން ކަމަށެވެ.

މަސްތޫރު ވިދާޅުވީ އެ ބަދަލު ތަކުގެ ތެރެއިން މައްސަލަތައް ތާވަލު ކުރުމާއި ކުރިއަށް ގެންދިއުން ވެސް ކުރިއަށް ވުރެ އަވަސް ވެފައިވާ ކަމަށެވެ.

މަސްތޫރު ވިދާޅުވީ އަދުލުވެރި ފަނޑިޔާރުގެއެއް ލިބުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް ކަމަށެވެ. އަދި އިތުބާރު ކުރެވޭ، އެކަށީގެންވާ އަވަސް މިނުގައި މައްސަލަތައް ނިންމާ ތަނަކަށް ފަނޑިޔާރުގެ ވުމަކީ އެންމެ ގަބޫލު ކުރާ ހަގީގަތް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ޖޭއެސްސީގެ ބޭނުމަކީ އަދި އަމާޒަކީވެސް މިފަދަ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށް ވެސް މަސްތޫރު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ސިވިލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ހަތަރު ފަނޑިޔާރުންނާއި ކުރިމިނަލް ކޯޓަށް އައްޔަން ކުރި ފަނޑިޔާރެއްގެ އިތުރުން ދެ މެޖިސްޓްރޭޓުން ހުވައި ކުރެއްވިއެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން އެވެ.

އެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ފަތްކޮޅުދެއްވީ ޖޭއެސްސީގެ ރައީސާ ހިސާން ހުސައިން އެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދާއި ޖޭއެސްސީގެ މެންބަރުން ބައިވެރިިވެވަޑައިގެންނެވި އެވެ.