ޚަބަރު

ކޯޓު ހުކުމަކުން މާމަގެ ހަވާލުގައި ހުރި ހަ އަހަރުގެ ކުއްޖަކު ގޮވައިގެން ބައްޕަ ފުރައިފި، ކުއްޖާއަށް ސްކޫލަކަށް ނުދެވޭ!

8

ތ. ތިމަރަފުށީގައި، ކޯޓު ހުކުމެއްގެ ދަށުން، މަންމަ ފަރާތު މާމަގެ ހަވާލުގައި ހުރި ހަ އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އެ ކުއްޖާގެ ބައްޕަ، ފުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ކުއްޖާގެ ހަޟާނަތު (ބެލެނިވެރިކަން) ކުއްޖާގެ މަންމަ ފަރާތު މާމަޔާ ހަވާލުކުރީ މ. މުލަކު ކޯޓުން 2016 ވަނަ އަހަރު އެވެ. އެއީ ކުއްޖާގެ ބައްޕަ އެ ކުއްޖާ ހޯދަން އެ ކޯޓުގައި ދައުވާ ކުރުމުންނެވެ. ކުއްޖާގެ ބައްޕަޔަކީ މުލަކު މީހެކެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި، ބައްޕަ ދަރިފުޅު ހޯދަން ކޯޓަށް މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ކުއްޖާގެ މަންމަ އެހެން މީހަކާ ކައިވެނީގެ ގޮތުން ގުޅުމުން، އާއިލާއާ ބެހޭ ގަވައިދުގައި ބުނާގޮތުން މަންމަގެ ފުށުން ކުއްޖާގެ ހަޟާނަތު ގެއްލުމުންނެވެ. އާއިލާއާ ބެހޭ ގަވައިދުގެ 71 ވަނަ މާއްދާ ބުނާ ގޮތުން އެހާލަތުގައި، ކުއްޖާގެ ހަޟާނަތުގެ ވެރިފަރާތަކަށް ވަނީ ކުއްޖާގެ މަންމަ ފަރާތުގެ މާމަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކުއްޖާގެ މަންމަ އާއި ބައްޕަ ވަކިވުމަށް ފަހު، ކުއްޖާ ބަލަމުން އައީ ތ. ތިމަރަފުށީގައި ކުއްޖާގެ މަންމަ އެވެ. އަދި ހަޟާނަތުގެ މައްސަލައަށް ފަހު، ކޯޓު ހުކުގެ ދަށުން ދެން ކުއްޖާ ބަލަމުން އައީ ކުއްޖާގެ މާމަ އެވެ.

ކުއްޖާ ގޮވައިގެން ބައްޕަ މ. މުލަކަށް ފުރައިގެން ދިޔައީ އޮޅުވާލުމެއްގެ ތެރޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

"ކުއްޖާގެ މަންމަ އެ ކުއްޖާ ގޮވައިގެން މާލެއަށް ގޮސް ހުރީ އެ ކުއްޖާ ޑޮކްޓަރަށް ދެއްކުމަށާ ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ކުރުމަށް. އެއްދުވަހަކު އެ ކުއްޖާގެ ބައްޕަ ގޮސް މި ބުނީ ދަރިފުޅު ގޮވައިގެން ފިހާރަޔަކަށް ގޮސްފަ އެބަ އަންނަމޭ، ކިޔާފަ އެ ކުއްޖާއަށް ވެސް އޮޅުވާލައިގެން ހަމަ އެ ދުވަހު ފުރައިގެން އެ ރަށަށް ދިޔައީ. މިހާ ދުވަސްވީ އިރު އެ ބައްޕަ ދަރިފުޅަށް ގަވައިދުން ހަރަދުވެސް ނުދޭ." ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި ކުއްޖާ މިދިޔަ އަހަރު ގަވައިދުން ސްކޫލަށް ގޮސްފައި ވެއެވެ. މި އަހަރު ގްރޭޑް އެކަކަށް ބަދަލުވި ނަމަވެސް، ކުއްޖާ އަދި ވަނީ ކިޔެވުމުން މަހުރޫމު ވެފަ އެވެ. ކުއްޖާގެ މަންމަ އެ ކުއްޖާ ސްކޫލަށް ފޮނުވަން ބޭނުންވާ ހުރިހާ ސާމާނެއް ވެސް ހޯދައި ތައްޔާރު ކޮށްފައިވާ ކަމަށް އެނގިފައި ވެއެވެ.

ކޯޓު ހުކުމުގެ ދަށުން ކުއްޖާ ބަލަން މަންމަ ފަރާތުގެ މާމަޔާ ހަވާލުކޮށްފައިވާ އިރު، ކުއްޖާގެ މަންމަޔާއި މާމަ ދިރިއުޅެނީ އެއް ގެޔެއްގަ އެވެ.

ކުއްޖާގެ އާއިލާގެ މެންބަރަކު މިއަދު ވަން އަށް ކިޔައިދިން ގޮތުގައި، އެ ކުއްޖާ ގޮވައިގެން ބައްޕަ އެ ރަށަށް ދިޔައީ މި މަހުގެ ފަސް ވަނަ ދުވަހު މެންދުރު ފަހު އެވެ. އެއީ ކުއްޖާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ވެސް ހައްދައިގެން ކުއްޖާގެ މަންމަ އިން ދުވަހެއް ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.

"މެންދުރު 12:55 ގަ ގެޔަށް ގޮސް ކުއްޖާ ގޮވައިގެން ދިޔައީ. ދެން ގުޅާ ގުޅާ ފޯނެއް ނުނަގާ، ތިނެއް ޖަހާ އިރު އެ ކުއްޖާ ޑޮކްޓަރަށް ދައްކަން މެމޯ ހައްދައިގެން މަންމަ އިނީ އޭޑީކޭގަ. މާ ފަހުން، ބައްޕައާ ގުޅުނީމަ ބުނީ ރުޅި ނާންނައްޗޯ، ދެތިން ދުވަހެއް ތެރޭ ދަރިފުޅު ގެންދާނަމޯ! އެހާ ހިސާބުން ކުއްޖާގެ މަންމައަށް ބާރަށް ރޮއިގަނެވުނީ. އެ މަންޒަރު އޭރު އެޑީކޭ ތެރޭ ތިބި އެންމެނަށް ވެސް ފެންނާނެ." އާއިލާގެ މެންބަރު ބުންޏެވެ.

ފުލުހުންގެ މީޑިއާއިން ދާދި ދެންމެ ބުނީ ކުއްޖާ ކުރީން ހުރި މާހައުލަށް (މަންމަ ފަރާތު މާމަޔަށް) ކުއްޖާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ތިމަރަފުށީ ކޯޓުން އަމުރެއް ނެރެފައިވާ އެހެން ނަމަވެސް އެ އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ. މި އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި ކުއްޖާ ކުރީން ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްތޯ ބެލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ފުލުހުންގެ ތަހުގީގުން ބެލި ބެލުމުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންނާއި ޖެންޑާއިން ވެސް ކުއްޖާ މިހާރު ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދޭތީ، ފުލުހުން ބަލަމުންދާ މައްސަލައިގައި ކުއްޖާ ގެންދަން އުޅެނީ ރައްކާތެރި މާހައުލަކަށްތޯ ކަށަވަރު ކުރެވެންދެން އަދި ކޯޓު އަމުރުގައި ވަކި މުއްދަތެއް ޖަހާފައި ނެތުމުން ކޯޓު އަމުރު ތަންފީޒުކުރުން ވަނީ ފަސްކުރެވިފައި." ފުލުހުން ބުންޏެވެ.

މި ކުއްޖާ އަނބުރާ ރަށަށް ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެން، ކުއްޖާގެ ހަޟާނަތުގެ ވެރިފަރާތް ކަމަށްވާ، ކުއްޖާގެ މާމަ ވަނީ އެކުއްޖާ ގެނައުމަށް ޓަކައި އަމުރެއް ހޯދަން އެދި ތިމަރަފުށީ ކޯޓަށް ހުށަހަޅާފަ އެވެ. އަދެ އެކޯޓުން ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގައި ނެރުނު އެ އަމުރުގައި ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައި ވަނީ 48 ގަޑި ތެރޭ ކުއްޖާ އެ ކުއްޖާގެ މާމަ ފަރާތު މާމަޔާ ހަވާލުކުރުމަށެވެ.

ތިމަރަފުށީ ކޯޓުން ނެރުނު އަމުރުގައި ބުނީ، 2016 ވަނަ އަހަރު މުލަކު ކޯޓުގެ އަމުރަކުން ކުއްޖާގެ ހަޟާނަތު އެކުއްޖާގެ މާމަޔާ ހަވާލުކޮށްފައި ވާއިރު، ޝަރުއީ ކޯޓަކުން އެހެން ގޮތަކަށް ހުކުމް ކުރަންދެން ނުވަތަ ކުއްޖާގެ ހަޟާނަތު ބަދަލުވަންދެން ކުއްޖާގެ ހަޟާނަތުގެ ހައްގުވެރިޔާއާ ކުއްޖާ ހަވާލުކުރުމަކީ ކުއްޖާގެ މަސްލަހަތުގައި އެންމެ ރަނގަޅު ގޮތް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭތީ، ކުއްޖާ ހަވާލު ކުރުމަށް އަމުރު ނެރުނީ ކަމަށެވެ. ކުއްޖާގެ ބައްޕަ އެ އަމުރު ތަންފީޒު ނުކޮށްފި ނަމަ ނުވަތަ އެހެން ވެސް ފަރާތަކުން އެ އަމުރު ތަންފީޒުކުރުމަށް ހުރަސް އަޅައިފި ނަމަ އެކަމެއް ހުއްޓުވައި ކުއްޖާ އެކުއްޖާގެ މަންމަ ފަރާތުގެ މާމަޔާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވެސް ތިމަރަފުށީ ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

އެހެން ނަމަވެސް، މި އަމުރުގައި ބުނާ 48 ގަޑި އިރު ހަމަވި އިރުވެސް ކުއްޖާގެ ބައްޕަ އެ އަމުރު ތަންފީޒުކޮށްފައެއް ނުވެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން ކުއްޖާގެ މާމަ ވަނީ ކޯޓު އަމުރު ހިފައިގެން އުޅަނދެއް 9000 ރުފިޔާއަށް ކުއްޔަށް ހިފައިގެން އިއްޔެ މުލަކަށް ގޮސްފަ އެވެ. އަދި އެ އަމުރު ހިފައިގެން މުލަކު ޕޮލިސް ސްޓޭޝަނަށާއި އެ ރަށުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ މުވައްޒަފާ ހަމަޔަށް ވެސް މާމަ އަދި މަންމަ ދިޔަ ކަމަށްވެ އެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން މި އަމުރު ތަންފީޒުކޮށްފައެއް ނުވެ އެވެ.

"އެއްވެސް ސަބަބެއް ނާންގާ. އިސްތިއުނާފަށް ހުށަހަޅާފަ އޮތަސް އެހެން އަމުރެއް އަދި ނެރެފައެއް ނެތް، އެހެންވީމަ އެހެން ގޮތަކަށް ކޯޓުން ކަނޑައަޅަންދެން ވެސް ކުއްޖާ ހުންނަން ޖެހޭނީ މާމަ ކައިރީގަ." ކުރީން ވާހަކަދެއްކި އާއިލާގެ މެންބަރު ބުންޏެވެ.

އޭނާ ބުނީ ކުއްޖާގެ މަންމަ އާއި މާމަ އެންމެ ފަހުން ކުއްޖާ ހުންނަ އެ ކުއްޖާގެ ބައްޕަގެ ގެޔަށް ވެސް ދިޔަ ކަމަށާއި އެ ވަގުތު ކުއްޖާ އައިސް މަންމަގެ ކަރުގައި ބައްދައި އޮޅުލައިގެން އެތައް އިރަކު ރުއި ކަމަށެވެ. އަދި މަންމަ ކައިރިޔަށް ގެންދާށޭ ބުނެ ގޮވަމުން ދަނިކޮށް ބައްޕަ ފަރާތުގެ މީހުން އައިސް އެ ކުއްޖާ މަންމަ ކައިރިން ދުރަށް ގެންދިޔަ ކަމަށާއި އޭރު ވެސް އެކުއްޖާ ރޮމުން ގެންދިޔަ ކަމަށް މަންޒަރު ދުށް މީހަކު ވަން އަށް ކިޔައިދިނެވެ.

މި މައްސަލައިގައި "ވަން" އާ ވާހަކަ ދައްކަމުން ކުއްޖާގެ ބައްޕަ ބުނީ ކުއްޖާ ގެންދިޔައީ ވަރަށް ގިނަ ސަބަބުތައް ހުރެގެން ކަމަށެވެ. އެ ގޮތުން ކުއްޖާ ބަލިވެގެން މާލެއަށް ފޮނުވީ، ހަޟާނަތު ގެއްލިފައިވާ ކުއްޖާގެ މަންމަގެ ހަވާލުގައި ކަމަށާއި އެކަން ކުރި އިރުވެސް ބައްޕަގެ ހައިސިއްޔަތުން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ. މާލެއަށް އައިސް ދަރިފުޅު ފެނުމުން އެ ކުއްޖާ ހުރިގޮތް ފެނި އަސަރު ކުރި ކަމަށާއި ދަރިފުޅު ގޮވައިގެން ރަށަށް ދާން ނިންމީ އެހާ ހިސާބުން ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

"ކުއްޖާ އަރައިގެން ހުރި ފައިވާންގަނޑު ހުރީ އެއްކޮށް ހަލާކުވެފަ. ލައްވާފަ ހުރީ ބާ ހެދުންގަނޑެއް. އަހަރެން ފެންނަ އިރަށް ދަރިފުޅު ބުނީ ކަރުގަ ރިއްސަނީއޭ. ބަލައިލި އިރު ޓޮންސިލް ހުރީ ވަރަށް ބޮޑަށް ދުޅަވެފަ. އަޅުގަނޑުގެ ދަރިފުޅަކީ ކުރީން ވަރަށް ސިއްހަތު ރަނގަޅު ކުއްޖެއް. އެކަމަކު މިފަހަރު ފެނުނު އިރު ހުރީ މުޅީން ހިކި އަނަރޫފަ ވެފަ. އެ ކުއްޖާއަށް ލިބިފަ ހުރި ގެއްލުން ފެނިފަ އަސަރުކޮށްގެން ދަރިފުޅު ގޮވައިގެން ރަށަށް އަންނަން ނިންމީ." މި ވަގުތު މ.މުލަކުގައި ހުރި ކުއްޖާގެ ބައްޕަ ވަން އަށް ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ، ކޯޓުން ހަޟާނަތު ހަވާލުކޮށްފައި އޮތީ، ކުއްޖާގެ މަންމަ ފަރާތުގެ މާމައަށް ކަމަށާއި އެކަމަކު އެ ކުއްޖާ އެކަނި ބަހައްޓާފައި އެ މާމަ ކިތަންމެ ތާކަށް ދަތުރުކުރާ ކަމަށާއި ކުއްޖާ ކުޑަ އިރު ކުއްޖާގެ މަންމަގެ ފުށުން ވެސް ފެނިފައި ވަނީ އަނިޔާވެރިކަން ކަމަށެވެ. އެ ގޮތުން ކުއްޖާގެ އުމުރުން އެންމެ ހަ މަހުގައި ކުއްޖާއަށް ގާތުންދޭ އުމުރުގައި ވެސް ކުއްޖާ އެކަނި ބަހައްޓާފައި ކުއްޖާގެ މަންމަ އެތައް މަހަކަށް ރަށުން ބޭރަށް ގޮސްފައިވާ ކަމަށެވެ. އަދި ކޯޓުން ދަރިފުޅު މާމައާ ހަވާލު ކުރި ދުވަހުން ފެށިގެން ހަރަދުވެސް ދެމުން އައި ކަމަށާއި ގަވައިދުން ހަރަދު ނުދެވި ދިޔައީ ބަލިވެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.

މި ފަހަރު ކުއްޖާގެ މަންމަ މާލެއަށް ދަރިފުޅު ގޮވައިގެން އައީ ޑޮކްޓަރަށް ދައްކަން ނަމަވެސް، ނުވަ ދުވަސް ވީ އިރު ވެސް އެ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ކުއްޖާ ގޮވައިގެން ރަށަށް ގޮސް ޑޮކްޓަރަށް ދައްކަން އައިޑީ ކާޑު ފޮނުވައިދޭން އެދުމުން ކުއްޖާގެ މަންމަ އެކަމަށް އިންކާރު ކުރި ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުނެ އެވެ.

"ދެން އަޅުގަނޑު މުލީ ރީޖަނަލް ހޮސްޕިޓަލަށް ދަރިފުޅު ދެއްކީ މި މަހު ހަތެއްގައި. ކުއްޖާ ބަލާފަ އެންމެ ފުރަތަމަ ވެސް ޑޮކްޓަރު އައީ ރުޅި. ކުއްޖާގެ ބޮލުގައި ހުރީ އުކުނު އަޅާފަ، ފާރު ވެފަ. އަދި ޓޮންސިލް ހުރީ ދުޅަވެގެން ފަޅައިގެންދާން ކައިރިވެފައޭ ބުނީ. ނަފުސާނީ ގޮތުން ވެސް އަސަރުކޮށްފައޭ ބުނީ." ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އޭނާ ބުނީ ކުއްޖާގެ ދޮން ބައްޕައަކީ ވެސް ކުރީން ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި އެމީހުން (މާމަ އާއި ދޮން ބައްޕަ) އަނިޔާ ވެސް ކުރާ ކަމަށް ދަރިފުޅު މުލަކު ޖެންޑާ އޮފީހަށް މިހާރު ބަޔާން ވެސް ދީފައިވާ ކަމަށެވެ. އެހެން ކަމުން ދަރިފުޅު ހަވާލު ނުކުރާނެ ކަމަށާއި ސަލާމަތް ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

މި މައްސަލައިގައި ޖެންޑާއާ ސުވާލު ކުރުމުން ބުނީ، ކުއްޖާ މާމަޔާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފައި އޮތީ ފުލުހުންގެ މައްޗަށް ކަމަށާއި މިނިސްޓްރީގެ ދައުރަކީ މި ފަދަ މައްސަލަތަކުގައި ފުލުހުން އެހީތެރިިކަމަށް އެދިއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ހަވާލު ކުރުމުގެ މަރުހަލާގައި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުހިނގާކަން ކަށަވަރުކުރުން ކަމަށެވެ.