އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބާބެހޭ ގޮތުން އީސީއަށް ރައްދުވާ އެއްވެސް މައްސަލައެއް ބަލަމަކުން ނުދޭ: ޕޮލިސް

އިބްރާހިމް ޒަކީ

2018 ވަނ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ފުލުހުން ބުނެފިއެވެ.

މި ގޮތަށް ފުލުހުުން ބުނެފައިވަނީ، ރިޔާސީ އިންތިހާބުގައި މައްސަލަތައް ހުރި ކަމަށް ބުނެ އެ ކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ އެކަން އޮޅުން ފިލުވުމަށް އެދި އީސީން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އީސީއަށް ދިން ޖަވާބުގައެވެ.

އެކަމަށް ފުލުހުން ދެއްވި ޖަވާބުގެ ސިޓީ އީސީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އެކަން އޮޅުން ފިލުވުމަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހާއި، މިމަހުގެ 16 ވަނަ ދުވަހު އީސީން ފުލުހުންނަށް ފޮނުވި ސިޓީއާ ގުޅިގެން، ހެޑް އޮފް ކޮމިޝަނާސް ބިއުރޯ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ސޮއި ކުރައްވައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވާފައިވާ ސީޓީގައި ބުނެފައިވަނީ، "އިލެކްޝަންސް ކޮމިޝަނަށް އަދި އެ ކޮމިޝަންގެ މެންބަރަކަށް އަދި މުވައްޒަފަކަަށް ރައްދުވާ ގޮތަށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއްގެ ތަހުގީގު މިވަގުތު ހިންގަމުން ނުދާ" ކަމަށެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަަމް ވިދާޅުވީ، ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ މެންބަރުންނަށް އަމާޒު ކޮށް ބައެއް ފަރާތްތަކުން ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރި ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެފައި ވާތީ، ކުރިއަށް އޮތީ ބޮޑު އިންތިހާބަކަށްވާއިރު އެކަން ސާފު ކުރުމަކީ އީސީގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އިލެކްޝަން ކޮމިޝަނާއި އެ ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފަކަށް އަމާޒު ކޮށް އެފަދަ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަން އާމުންނަށް ވެސް މިހާރު ކަށަވަރު ވެގެން ދާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަކަރު ހައްދަވާފައިވާ ކަމަށާއި، ރިޝްވަތު ނަންގަވާފައިވާ ކަމަށް އެ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމަށް އެކި ތުހުމަތުތައް ކޮށް، އިންތިހާބު ބާތިލު ކުރުމަށް ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ދެއްކިފައި ނުވާތީ އިންތިހާބު ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުުން ހުކުމް ކުރިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުވެސް ޕީޕީއެމުން އީސީގެ މެންބަރުންގެ މައްޗަށް ތުހުމަތުކޮށް ބައެއް މައްސަލަތައް ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އޭގެ ތެރޭގައި އިލެކްޝަންސް އިން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތަކެއް ނައްތާލި މައްސަލައެއް ވެސް ޕީޕީއެމުން އޭރު ފާހަގަ ކުރިއެވެ.

2018 ގެ ރިޔާސީ އިންތިހާބު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ، 134،705 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 58.40 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ 41.6 ޕަަސެންޓެވެ.