ޚަބަރު

ކުނިކޮށީގައި ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށް ބެލެވޭ: ވެލިދޫ ކައުންސިލް

މަރިޔަމް ޝަހުދާ

ރޭގެ ވަގުތެއްގައި ނ. ވެލިދޫ ކުނިކޮށީގައި އަލިފާން ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށް ވެލިދޫ ކައުންސިލުން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން ވިދާޅުވީ މީގެ ކުރިންވެސް ވެލިދޫ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށެވެ. އަދި މިއީ ރަށުން ކުނި ނުގެންދާތާ ގިނަ ދުވަސްވުމުން ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް އަސްމާ ވިދާޅުވިއެވެ.

"އަސްލު ކުނި އެންދުމަކީ މަނާ ކަމެއް. ދެން ހިތްހަމަ ނުޖެހިގެން ކުނިތައް ގިނަވީމަ ރޯކޮށްލާ ކަމަށް ފެންނަނީ. ދެން ކުނި ކޮށްޓަކީ އޭގެ ޒާތުގައިވެސް ހޫނުވެގެންގޮސް ރޯވާނެ ތަނެއް."

އަސްމާ ވިދާޅުވީ އާދިއްތަ ދުވަހު ފަތިހު ފުލުހުންގެ ބަޔަކަށްވެސް ކުނިކޮށީގެ ފުޅިތައް ހުރި ސަރަހައްދުގައި ރޯވެފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި ވަގުތުން އެއަށް އެޓެންޑްވެ އަލިފާންގަނޑު ނިއްވާލި ކަމަށް އަސްމާ ވިދާޅުވިއެވެ. އަދި އޭގެ ފަހުން ދެން ރޯވީ ރޭ ކަމަށް އަސްމާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި އެރަށު ކުނިގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 2:15 ހާއިރުއެވެ. އަދި އަލިފާން ގަނޑު ނިވާލީ ރަށުގެ ރައްޔިތުންގެ ވެސް އެހީއާއެކު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އަދިވެސް އެސަރަހައްދުން ދުން އަރަމުން ދާތީ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އަސްމާ ވިދާޅުވިއެވެ.

ވެލިދޫން ރ. ވަންދުއަށް ކުނި ގެންދިއުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވެމްކޯއާ އެވެ. އަދި ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވެމްކޯއިން ކޮންމެ މަހަކު އެއްފަހަރު ކުނި ގެންދަން ޖެހޭކަން އަސްމާ ފާހަގަ ކުރެއްވިއެވެ. އަދި މަހަކު އެއްފަހަރު ކުނި ގެންދާ ގޮތަށް އެއްބަސްވުމުގައި އޮތް ނަމަވެސް މިހާރު ރަށުން ކުނި ނުގެންދާތާ ހަމަސް ވެއްޖެ ކަމަށް އަސްމާ ވިދާޅުވިއެވެ.

"ރަށުން ކުނި ނުގެންދެވޭތީ ކައުންސިލުން ވަރަށް ކަންބޮޑުވޭ. ވީހާވެސް އަވަހަކަށް ކުނި ގެންދިއުމަށް އެދެނީ. އަނެއްކާ މީހުން ދިރިއުޅޭ ގެތައް ކައިރީ ކުނި ކޮށި ހުންނާތީ އެ އުނދަގޫ ވެސް އެބަ އާދޭ."

ކުނިކޮށި ހުރި ސަރަހައްދުގެ މީހުންނަށް މަދިރި ގިނަވުމުގެ ސަބަބުން ވެސް ދަތިތަކާ ކުރިމަތިވާކަން އަސްމާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެސަރަހައްދުގެ މީހުން ދިރިއުޅެން ޖެހެނީ ދޮރުތައް ނުހުޅުވައި ކަމަށް އަސްމާ ވިދާޅުވިއެވެ. އަދި ކުރިން ހިނގާފައި ހުރި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ނޭވާލާން އުނދަގޫވެގެން ފަރުވާ ހޯދިކަން އަސްމާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރޭ އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް އަސްމާ ވިދާޅުވިއެވެ. މީގެ އިތުރުން ކުނި ކޮށީގައި ކުނި ގިނަ ވުމުގެ ސަބަބުން ރަށުގައި ރޯގާ ގިނަވާކަންވެސް އަސްމާ ފާހަގަ ކުރެއްވިއެވެ.

އަސްމާ ވިދާޅުވީ ވެމްކޯއާއެކު ހަދާފައިވާ އެގްރީމަންޓް ބާތިލު ކުރެވެން އޮތީވެސް ރަށުން ވަންދުއަށް ކުނި ގެންދެވޭނެ އިތުރު ގޮތެއް ހޯދިގެން ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން ސީދާ އެކަން ކުރެވޭނެ ގޮތެއް އަދި ނެތް ކަން އަސްމާ ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް އަހްމަދު ޝާފިއު ވިދާޅުވީ ވަންދޫގައި ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ރ. ބ އަދި ނ ގެ ރަށްތަކުން ކުނި ނެގުން ހުއްޓާލި ކަމަށެވެ. އަދި އޭރު ވަންދޫންވެސް ކުނި ނެގުން ހުއްޓާލާފައިވާނެ ކަން ޝާފިއު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވަންދޫގެ ކެޕޭސިޓީ ހުރި ގޮތުން އެއްވެސް ރަށަކުން ކޮންމެ މަހަކު ކުނި ނުނެގޭކަން ޝާފިއު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކޮންމެ ރަށަކަށް ކުނި ނަގަން ދާއިރު، ޖަމާވެފައި ހުންނަ ހުރިހާ ކުންޏެއް ނަގައިދޭ ކަމަށް ޝާފިއު ވިދާޅުވިއެވެ.