ގައުމީ ކުތުބުހާނާ

ގައުމީ ކުތުބުހާނާއަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ހަރަކާތްތަކެއް ތައާރަުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ގައުމީ ކުތުބުހާނާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކެއް ރޭ ތައާރަފުކޮށްފިއެވެ.

ގައުމީ ކުތުބުހާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހުސިން ވިދާޅުވީ މިދިޔަ ސަރުކާރުއްސުރެ ކުތުބުހާނާގެ އޭސީތައް ވަނީ ހަލާކުވެފައި ކަމަށާއި މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ ފަންކާ ދޮށުގައި، އެއްކޮށްހެން ހޫނުގައި ކަމަށެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކޮށް ނިމޭނެ ކަަމަށެވެ.

މުހުސިން ވިދާޅުވީ ކުތުބުހާނާއަށް 75 ފުރި އެކަން އިއުލާނު ކުރާ އިރު، ގައުމީ ކުތުބުހާނާ ޑިޖިޓަލް ލައިބުރަރީއެއްގެ ގޮތުގައި އިއުލާނު ކުރެވޭ ވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް އީ ރިސޯސް ހިދުމަތް ދެމުން އަންނަނީ ސްޓެޓިކް އައިޕީ އެޑްރެސް އަކުން ކަމުގައި ވާތީ އެ ހިދުމަތް ލިބިގަތުމަށް ޓަކައި، ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޖެހެނީ ލައިބުރަރީއަށް ދާށެވެ. ނަމަވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ރިމޯޓް އެކްސެސް ސޮފްޓްވެއާއެއް ވެސް ތައާރަފުކޮށްފައެވެ. މި ސޮފްޓްވެއާ ތައާރަފުކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ. އެގޮތުން މިރެއިން ފެށިގެން ރިމޯޓް އެކްސެސް ސޮފްޓްވެއާ މެދުވެރިކޮށް ލައިބުރަރީން ސަބްސްކްރައިބު ކޮށްފައިވާ އީ ރިސޯސް ތަކަށް ރާއްޖޭގެ އިތުރުން، ރާއްޖޭން ބޭރުން ވެސް ހިދުމަތް ލިބޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

ރޭގެ ރަސްމިއްޔާތުގައި 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތަކުގެ ތަފްސީލު ދެއްވަމުން ޑިރެކްޓާ ޖެނެރަލް މަހާސިން އަހުމަދު ދީދީ ވިދާޅުވީ، ގައުމީ ކުތުބުހާނާގެ އެމްބެސެޑަރެއްގެ ގޮތުގައި، މުޅި ރާއްޖެއިން އޭލެވެލްއިން އެއްވަނަ ހޯދާފައިވާ ޝަމާއު ރަޝާދު އައްޔަނުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި:

1. ސްޓްރީޓް ލައިބުރަރީ: ފޮތް ކިޔަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަމަށް ވާސިލުވުމަށް ޕާކު، މަގުމަތީ ނުވަތަ ހޮޅުއަށި ފަދަ ތަންތަނުގައި ފޮތް ރައްކާތެރިކަމާއެކު ބަހެއްޓިފައި ހުންނަ އަލަމާރިއެއް ނުވަތަ ހަރުގަނޑެއް ކަހަލަ އެއްޗެއް، ކޮންމެ މީހަކަށްވެސް ފަސޭހައިން ފޮތް ނެގޭނެ.

2. ގަތަރުގެ ނެޝަނަލް ލައިބުރަރީގެ އިލެކްޓްރޯނިކް ރިސޯސަށް ގައުމީ ކުތުބުހާނާއަށް އެކްސެސް ދިނުން: އޭގެ ސަބަބުން ގިނަ އަދަދެއްގެ އިނގިރޭސި އަދި އަރަބި ފޮތްތަކާއި ލިޔުންތައް ކިޔާލުމުގެ ފުރުސަތު ލައިބުރަރީ ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ.

3. ޕިކްމީ ޕްރޮގްރާމް: ގައުމީ ކުތުބުހާނާއަށް ތަކެތި ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތް. ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ގައުމީ ކުތުބުހާނާއަށް ގުޅުމުން އެތަނަކަށް ގޮސް ފޮތް ކަލެކްޓް ކޮށްދޭނެ.

4. ސްޕެސް ޕްރޮގުރާމް: އަމިއްލަ ފަރާތްތައް މެދުވެރިކޮށް އާންމު ފަރާތްތަކަށް އެކިއެކި މަސައްކަތް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގުރާމެއް. ކުރިއަށް އޮތް މަހުގައި ސެޝަންތައް ހިނގާނެ ގޮތުގެ ތާވަލެއް ނެރޭނެ. މިއީ ހުނަރެއް ނުވަތަ ކަމެއް ދަސްކޮށްދިނުމަށް މުޅިން ހިލޭ ހިންގޭނެ ޕްރޮގުރާމެއް.

5. އިސް ރަށްވެހިންނަށް ހާއްސަކޮށްގެން އެހެން ފަރާތްތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ދޮށީ އުމުރުގެ މީހުން އެމީހުންގެ އިލްމާއި ތަޖުރިބާ ހިއްސާ ކުރެވޭ ގޮތަށް ކުތުބުހާނާގެ ބައެއް އައުޓްޑޯގައި ހުޅުވުން.

6. ކުއިޒު މުބާރާތެއް: ފޮތް ކިޔުމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ތަފާތު ބޭނުންތެރި ފޮތްތަކެއް ކުތުބުހާނާގައި ހުރިކަން ހާމަކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ކުރިއަށްގެންދާ މުބާރާތެއް

7. ފޮތް ލިޔުމުގެ މުބާރާތެއް: ލިޔުންތެރިކަން ކުރިއެރުވުމަށާއި ފޮތް އިތުރުކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް. ބައިވެރިން ހުށަހަޅާ ފޮތްތަކުގެ ތެރެއިން ކަނޑައެޅޭ ފޮތްތަކެއް ކުތުބުހާނާގެ ޑިޖިޓްލް ލައިބުރަރީއަށް ލެވޭނެ.

8.ސްޓަޑީ ރޫމެއް: މަތީ ތައުލީމު ހާސިލުކުރާ ބޭފުޅުންނަށް ހާއްސަކޮށްގެން ކިޔަވާލަން ތިބުމަށް ދެވޭ ހިދުމަތެއް. އެއްފަހަރާ 12 ވަރަކަށް މީހުންނަށް ތިބެވޭ ގޮތަށް ޕްރޮޖެކްޓާއި އިންޓަނެޓްގެ ހިދުމަތް ލިބޭނެ.

އޭގެ އިތުރުން، މިއަަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު ކުތުބުހާނާއަށް 75 އަހަރު ފުރުން ފާހަގަކުރުމާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށްވެސް ޑިރެކްޓާ ޖެނެރަލް މަހާސިން އަހުމަދު ވިދާޅުވިއެވެ.

މި ހަރަކާތްތައް އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، މި ސަރުކާރު ހަވާލު ވީއިރު އެ ދާއިރާ ވަނީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި ކަމަށާއި، ނަަމަވެސް ތަފާތު ގޮންޖެހުންތަކާ އެކުވެސް ކުދަކުދިންގެ ޑިޖިޓަލް ލައިބުރަރީގެ ހިދުމަތް މިހާރުގެ ޓީމުގެ މަސައްކަތުން އަލުން ދޭން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މައުލޫމާތު ހޯދުމަށާއި ފޮތް ކިޔުމަށް އެކި އުމުރުގެ މީހުން ބޭނުންކުރަމުން އަންނަ ލައިބުރަރީއަކީ ހިދުމަތްތައް ރަނގަޅު ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ޖެހިފައިވާ ތަނެއް ކަމަށެވެ. އަދި ލައިބުރަރީ އަކީ ދެމެހެއްޓެނިވި ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.