ދިވެހި ޕްރިމިއާ ލީގު

ރިޒޭގެ ހަތަރު ލަނޑާއެކު ފޯކައިދޫ އަތުން އީގަލްސްއަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަހްމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ހަތަރު ލަނޑާއެކު ފޯކައިދޫ ފުޓްބޯލް ކްލަބު އަތުން ފަސޭހަކަމާއެކު ކްލަބު އީގަލްސް މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ފަހު ބުރުގެ މެޗުގައި ފޯކައިދޫ އަތުން އީގަލްސް މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 12 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އިމްރާން ނަޝީދު (އިންމަ) ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރިޒޭއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ރިޒޭ ވަނީ އިތުރު ލަނޑެއް ޖަހައި އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ. ރިހާމް އަބްދުލްޤަނީ (ބޮބީ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ މަތީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ނުވަ މިނެޓުގެ ތެރޭގައި ރިޒޭ ވަނީ އީގަލްސްއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ރިޒޭ ހެޓްރިކް ފުރިހަމަކުރި ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 54 ވަނަ މިނެޓުގައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޯޓޯ ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 72 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ރިޒޭ ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފަސްވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޒައިންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގައި އީގަލްސް އިން ޖެހި ހަތްވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އިބްރާހިމް އިމްރާން ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޓޮޝިކީ އޮކޮމޯޓޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ފަސޭހަކަމާއެކު ފޯކައިދޫގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން 18 މެޗުން 47 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް އީގަލްސްއަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 17 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.