ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުގީގު އަވަަސްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށްފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް، ކޯޓުތަކުން އަވަަސް ކުރުމުގެ ގޮތުންނާއި، އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ކޮމިޝަނުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ބައްދަލުކުރުމަށް އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ މަޝްވަރާ ބައްދަލުވުން ރޭ 9:30 ގައި ޖޭއެސްސީގައި ވަނީ ބާއްވައިފައެވެ.
ޖޭއެސްސީން ބުނީ އެ ބައްދަލުވުމުގައި ކޯޓުތަކަށް ޖިންސީ ގޯނާގެ މައްސަލަަތައް ހުށަހަޅާފައިވާ އަދަދާއި، މައްސަލަތައް ނުނިމި ހުރި އަދަދު އަދި ނުނިމި ހުރި ސަބަބުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަތައް އަވަސްވާނޭ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ހިންގުމާ ގުޅޭ އެންމެހާ އިންތިޒާމުތައް ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މެދުވެރިކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމު ކޮމިޝަނުން ހަމަޖައްސާނެ ކަމުގެ މައުލޫމާތުވެސް އެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެކަން ކުރުމަށް ކޯޓުތަކުގެ އިސް ފަޑިޔާރުންނާ އިދާރީ ވެރިން އެއްބާރުލުންދީ ހާއްސަ ސަމާލުކަމެއްދީ، މަރުހަބާ ކިޔުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަަކަށް ހުށަހެޅޭ މައްސަލަތައް މުސަތަގުބަލުގައި އަވަސް ކުރުމަށް ކޮމިޝަނަށް ލިބުނު ބާރެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.