ގއ. އަތޮޅު

ސަލާމާއި އާއިލީ ޗުއްޓީގެ ދުވަސްވަރު އުސޫލާ ހިލާފަށް ގއ. އަތޮޅު ކައުންސިލަރުން ނެގި މުސާރަ ޖަމާކުރަން އަންގައިފި

އިބްރާހިމް ޒަކީ

ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީގައި ތިބި ސަބަބު ބަޔާންކުރާ ފޯމު ހުށަހަނާޅައި ދުވަސްތަކަކަށް ގއ. އަތޮޅު ކައުންސިލަރުން މުސާރަ އާއި އެލަވަންސް ނަގާފައިވާ ކަމަށާއި އެގޮތަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.

އޮޑިޓް އޮފީހުން އެގޮތަށް އަންގާފައިވަނީ، އޮޑިޓާ ޖެނެރަލް ސޮއި ކުރައްވައި ނެރުއްވާފައިވާ ގއ. އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގަ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މެޑިކަލް ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީގައި ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ކައުންސިލަރަކު ހުރުމަށް ފަހު، މަސައްކަތަށް ނިކުމެ އެ ކައުންސިލަރު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅަންވާނެ ކަމަށް، ކައުންސިލަރުންގެ ޗުއްޓީގެ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރަ ހިސާބު ކުރާ ދުވަހާއި ހަމަޔަށް ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށަހަޅާފައި ނުވާނަމަ އެ ދުވަހަކީ ޣައިރު ހާޒިރެއް ކަމަށް ބަލައި މުސާރަ ހިސާބު ކުރުމަށް ބަޔާން ކޮށްފައިވާ ކަމަށްވެސް އެއުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް ކައުންސިލަރުން ނަންގަވާފައިވާ ބައެއް ސަލާމް ތަކަށް ފޯމު ހުށަހަޅާފައި ނުވި ނަމަވެސް މުސާރަ އާއި އިނާޔަތް އުނިކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވޭ. އެ ގޮތުން 2018 ވަނަ އަހަރު ގެ ތެރޭގައި ކައުންސިލަރުން ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގެ ފޯމު ހުށަހަޅާފައި ނުވާ ދުވަސްތަކަށް އެއްތިރީސް ހާހަށްވުރެ ގިނަ ރުފިޔާ ދީފައިވާކަން ފާހަގަ ވޭ." އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ، ކައުންސިލަރުގެ ސަލާމާއި އާއިލީ ޗުއްޓީގެ އުސޫލުގައި ބުނެފައި ވަނި، ސަލާމުގެ ޗުއްްޓީގައި ވިދިވިދިގެން ހުންނަ މަސައްކަތު ދެ ދުވަހަށްވުރެ އިތުރުވާ ދުވަސްތަަކަށް، ކައުންސިލަށް ނިކުންނަ ފުރަތަމަ ދުވަހު މެޑިކަލް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލަރަކު މެޑިކަލް ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު މަސައްކަތަށް ނިކުމެ ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް ކަމާބެހޭ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި، ފޯމު ހުށަހަނާޅައިފި ނަމަ ބަލާނީ ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.