އިލެކްޝަންސް ކޮމިޝަން

ވޯޓް ކަރުދާސް ޕްރިންޓް ކުރާ ތަނުގެ ސަލާމަތީ ކަންކަން ވަރުގަދައަށް ބެލެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިއްޖެ

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕް ކުރާ ދުވަސްވަރު ވޯޓު ކަރުދާސް ޗާޕްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދައަށް ބަލަހައްޓައިދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެދިވަޑައިގެންފިއެވެ.

އެ އިންތިހާބު ތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލު ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކުރެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިހާބުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަވަމުން ގެންދާއިރު ވޯޓު ކަރުދާހުގެ ސަލާމަތަށް ޓަކައި ވޯޓު ކަރުދާސް ޕްރިންޓް ކުރާއިރު، ޕްރިންޓް ކުރާ ތަންތަނުގެ ސަލާމަތި ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، ވޯޓު ފޮށިތައް ރަށްރަށަށް ގެންދިއުމުގައި ވެސް ފުލުހުން ސަލާމީ ކަންތައްތައް ބަލަހައްޓައިދޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޭތުގެ ދިޔަ އިންތިހާބު ތަކާއި އަޅާ ބަލާއިރު މި އިންތިހާބުގެ އުސޫލުތަކަށް ވަރަށްބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެކަންތައްތަކަށް ބަލައި ފުލުހުންވެސް ކަންތައްތައް އިސްލާހު ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބަށް މިލިޔަނަކަށްވުރެ ގިނަ ވޯޓު ކަރުދާސް ފުރަތަމަ ފަހަރަށް ޗާޕް ކުރަންޖެހޭ ކަމަށެވެ.