އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 27

އަބްދުﷲ ފާރޫގް ހަސަން

3

(18 ޖެނުއަރީގެ އަދަދާ ގުޅޭ)

ދާރައިން ފަތަޙަކުރެވުނުތާ ދުވަސްކޮޅެއް ވެއްޖެއެވެ. عَلاء بن الحضرمى رضى اللّـه عنــه އީރާނުގެ ސަރަޙައްދުގެ ކައިރީން އެނބުރިވަޑައިގެންފިއެވެ. އެކަލޭގެފާނު މަޝްޣޫލުވެވަޑައިގެންނެވީ ބަޙުރައިނުގެ ކަންތައް އަލުން އިންތިޒާމުކުރައްވައި ރާއްވަވައި ހިންގެވުމުގައެވެ. އެރޭބިޔަން ގަލްފުގެ އައްސޭރީގެ ރަށްރަށެކޭ އެއްފަދައިން ޢަރަބިކަރައިގެ ހުރިހައިތަނެއްވެސް މިހާރުވަނީ ދާޚިލީ ފިތުނަތަކުން ސަލާމަތްވެފައެވެ. ތައުޙީދުގެ އަހުލުވެރީންގެ ޤާފިލާ ޙަޔާތުގެ މައިދާނުގައި އާ ޢަޒުމަކާއެކު ވަނީ ކުރިޔަށްދާން ފަށައިފައެވެ.

ޢަރަބިކަރައިގެ ހުޅަނގުއުތުރުން ޢަރަބިކަރަޔާ ގުޅިފައިވަނީ ޝާމްކަރައިގެ ސަރަޙައްދެވެ. އިރުއުތުރުފަރާތުން ޢިރާޤުކަރައެވެ. އެސަރަޙައްދުތަކާ ހަމައިން ފެށެނީ ކިސްރާއާއި ޤައިޞަރުގެ ބޮޑުރަސްކަމެވެ. އެތަންތާނގެ ޝަރަފުވެރި މާޒީވަނީ ޤަރުނުތަކެއްގެ ދިގު ތާރީޚާ އެކުވެފައެވެ.

އެއީ ޢަރަބިކަރަ ދުނިޔޭގެ ޗާޓުން ވަކިދައުލަތެއްގެ ގޮތުގައި ޒަމާނުގެ ލޯތަކަށް ފެންނާންފެށި އެންމެފުރަތަމަ ފަހަރެވެ. ޢަރަބީންނަކީ ވަކިމިއްލަތެއްގެ ގޮތުގައި ތާރީޚުގެ ޞަފްޙާތަކުގައި ލިޔެވޭންފެށި ފެށުންވެސްމެއެވެ. ނަމަވެސް އެދައުލަތާއި އެމިއްލަތަށް އޭގެ ޅަފަތުގައިވަނީ ބިންމަތީގައިވާ އެންމެބޮޑު ދެބާރާ ކުރިމަތިލާން ޖެހިފައެވެ.

ޝާމްކަރަޔާއި ހިޖާޒުކަރަޔާ ކައިރިވުމުގެ ސަބަބުން ހިޖާޒުގެ އަހުލުވެރީންނަށްވަނީ ޝާމްކަރައިގެ ވެރީންގެ ޢަޒުމަކީ ކޮބައިކަން އެނގިފައެވެ. ރޫމީންނާއި ފާރިސީންނާ ދެމެދު އެންމެފަހުން ހިނގި ހަނގުރާމަތަކުގައި ޤައިޞަރު އޭނާގެ އާރާއި ބާރުހުރިވަރު ސާބިތުކޮށްދެއްވިއެވެ. އެބައިމީހުންގެ ބާރާއި ނުފޫޒު ގަދަވެފައިވަނީ ކޮންމެފަދަ ވަގުތެއްގައިވެސް މުސްލިމުންނަށް ވަރަށްބޮޑު ނުރައްކަލަކަށް ވެވޭވަރަށެވެ. ޢަރަބިކަރައިގެ ސަރަޙައްދުގެ ކައިރީގައި ރޫމީ ސިފައިން ޙަރަކާތްތެރިވަމުންދިޔަގޮތުން ސާބިތުވަމުންދިޔައީ މުސްލިމުންގެ ދިފާޢީބާރުދެކެ ރޫމީން ޖެހިލުންވާ ޖެހިލުންވުމަށްވެސް އެބައިމީހުންނަށް ޞުލްޙަވެރިކަމުގައި ތިބުމަކަށް މަޖުބޫރެއް ނުކުރެވޭނެކަމެވެ. އެހެންކަމުން ޓްރިނިޓީގެ ދަރީންނަށް މަދީނާއާ ޙަމަލަދިނުމުގެ ފުރުޞަތު ދިނުމުގެ ބަދަލުގައި އިސްލާމީ ޣާޒީން ޝާމްކަރައިގެ ސަރަޙައްދު ހުރަސްކޮށް ރޫމީންނަށް އެސާބިތުކޮށްދިނީ މުސްލިމުންގެ ކަނޑިތަކަށް މުސްލިމުން ޙިމާޔަތްކުރެވިދާނެކަމެވެ. ޝާމްކަރައިގެ ސަރަޙައްދުގައި މުސްލިމުން ހިންގާންފެށި ދިފާޢީ ޙަރަކާތްތައް އެންމެފަހުން ހިމެނުނީ ޔަމްރޫކް ހަނގުރާމައާއި އަޖްނާދީން ހަނގުރާމައިގެ މުޤައްދިމާ ކަމުގައެވެ.

މުސްލިމުން ތިބީ އީރާނާމެދުވެސް ހިތްހަމަޖެހިގެނެއް ނޫނެވެ. ނަމަވެސް އީރާނުގެ މައްސަލައިގައި މާކަ ފިކުރުބޮޑެއްވެސް ނުވެއެވެ. އެހެނީ ރޫމީންގެ އަތުން ޢިބްރަތްތެރި ގޮތަކަށް ބަލިވުމަށްފަހު އީރާން އޮތީ ދާޚިލީ އަރައިރުންގަނޑެއްގައި ހައްޔަރުވެފައެވެ. އެހެންކަމުން އީރާނުގެ ފަރާތުން ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރެއް އެވަގުތަކު މުސްލިމުންގެ ކުރިމައްޗަކު ނެތެވެ. ކޮންމެވެސް މިންވަރެއްގެ ޖެހިލުންވުމެއް އޮތްކަމުގައިވިޔަސް އިރުމައްޗާއި ހުޅަނގުގެ އެންމެބޮޑު ދެ ޢަސްކަރީ ބާރާ އެއްފަހަރާ ޙަމަލާދިނުމަކީވެސް މާފަސޭހަކަމެއް ނޫންކަން މުސްލިމުން އިޙްސާސްކުރެއެވެ.

ނަމަވެސް ޞިއްޛީޤުލްއަކްބަރުގެ ޚިލާފަތުގެ އެންމެފުރަތަމަ އަހަރު ކަންތައް ހިނގައިދިޔަގޮތުން މުސްލިމުންނަށް ސާބިތުވީ ޝާމްކަރައިގެ ރޫމީންނެކޭ އެއްފަދައިން އީރާނުގެ މަޖޫސީންވެސް ޢަރަބިކަރައިގައި އިސްލާމްދީން ކުރިއަރަމުންދިޔުމަކީ އެބައިމީހުންނަށް ކުރިމަތިވާ ނުރައްކަލެއްކަމުގައި ދެކޭކަމެވެ. ޢިރާޤުގެ ސަރަޙައްދު ކައިރީގައި ދިރިއުޅޭ ޤަބީލާތަކުގެ ތެރެއިން މުރުތައްދުވުމުގައި އިސްނަގައިގެން އުޅުނު ގިނަ ޤަބީލާތަކަކީ ފާރިސީންގެ ނުފޫޒު ފޯރާ ޤަބީލާތަކެވެ. އޭގެތެރެއިން އަލްޖަޒީރާގެ (މެސަޕޮޓީމިޔާ) ގެ بنـو يــربــوع ގެ ކާހިނާ سَجَـاح بنت حارث ނަބީކަމަށް ދަޢުވާކުރިއެވެ. މުރުތައްދުވީ ޤަބީލާތައް މަދީނާއަށް ޙަމަލާދިނުމަށްޓަކައި އޭނާއާ ބައިވެރިވޭތޯ سَجَـاح މަސައްކަތްކުރިއެވެ. ނަމަވެސް ނަބާޖެވެ ކިޔުނު ތަނެއްގައި أوس بـن خـزيمـــة އޭނާ ބަލިކުރައްވައި މަދީނާއާ ޙަމަލާދިނުމުގެ ޚިޔާލު ދޫކޮށްލަން އޭނާއަށް މަޖުބޫރުކުރެއްވިއެވެ. سَجَـاح ޢަރަބިކަރައިގެ ސަރަޙައްދަށް ލަޝްކަރާއިގެންވަނީ އިސްލާމީ ދައުލަތާ ދެކޮޅަށް ވަރުގަދަ ޙަމަލައެއްދިނުމުގައި މުރުތައްދުވީ ޤަބީލާތައް އޭނާއާ ބައިވެރިވާނެކަމުގެ ޔަޤީންކަމުގައެވެ. ނަމަވެސް އޭނާއަށް ފެނުނީ އިސްލާމްދީނާ ދެކޮޅަށް ބަޣާވާތްކުރި ގިނަ ޤަބީލާތައް ޔަމާމާއިން ނަބީކަމަށް ދަޢުވާކުރި މުސައިލަމަތުލްކައްޒާބާ ބައިވެރިވެގެން އުޅޭތީއެވެ. އެހެންކަމުން سَجَـاح ގަސްދުކުރީ އޭނާގެ ބާރުގަދަކަން ހާމަކުރުމަށްޓަކައި އެންމެފުރަތަމަ ޔަމާމާއާ ދިމާކުރުމަށެވެ. މުސައިލަމަތުލްކައްޒާބު ބަލިކުރެވިއްޖެނަމަ ބާޣީން އޭނާއާ ބައިވެރިވެދާނެކަމުގެ ޔަޤީންކަމުގައެވެ. ނަމަވެސް މުސައިލަމަތުލްކައްޒާބަ سَجَـاح އާ ހަނގުރާމަކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ބަލިވެއްޖެނަމަ ބާޣީން އޭނާ ދޫކޮށް سَجَـاح އާ ބައިވެރިވެދާނެކަން އެނގޭތީއެވެ. އޭނާއަށް ފަތަޙަ ލިބުނުކަމުގައިވިޔަސް މުސްލިމުންނާ ޙަމަލަދެވޭވަރަށްވުރެ ބޮޑަށް އޭނާގެ ލަޝްކަރު ކަމީނާވެދާނެކަން ވިސްނޭތީއެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ ދެފަރާތް ޞުލްޙަވޭތޯއެވެ. އެގޮތުން މުސައިލަމާ سَجَـاح އަށް ވަރަށްގިނަ ހަދިޔާވެސް ފޮނުވިއެވެ. ދޮގުވެރި ނަބީކަލޭގެ އާއި ދޮގުވެރި ނަބީކަނބުލޭގެ އާ ދެމީހުން އެންމެފަހުން ޞުލްޙަވާން އެއްބަސްވެއްޖެއެވެ. އެދެމީހުންގެ ދެވަނަ ބައްދަލުވުން ބޭއްވީ މުސައިލަމާގެ މުޢަސްކަރުގައެވެ. މާމެލާމެއްޔާއި ހުވަނދުން ފުރައިލެވިފައިވާ ފޭލިގެއެއްގައި ފާރަވެރީން ދުރަށް ފޮނުވައިލުމަށްފަހު ދެމީހުން ބައްދަލުވެ އެތަކެއް ގަޑިއިރަކު މަޝްވަރާކުރުމަށްފަހު ދެފަރާތް އެއްބަސްވެ މުސައިލަމަތާ ކާވެނިކޮށްގެން سَجَـاح އެނބުރި ހިނގައްޖެއެވެ. އޭނާ އެމަޤްޞަދަކަށްޓަކައި ޢަރަބިކަރައިގެ ސަރަޙައްދު ހުރަސްކުރި މަޤްޞަދަށް ފިރިމީހާ މާއެކަށޭނަ ކަމުގައި ޤަބޫލުކޮށްގެންނެވެ.

ޙާދިޘާތަކުގެ ކަފިތައް ގުޅައިލުމުން އެނގޭގޮތުގައި سَجَـاح ގެ މަޤްޞަދަކީ ޢަރަބީންގެ ދާޚިލީ ހަމަނުޖެހުމުގެ ފައިދާ ލިބިގަތުމެވެ. އޭނާއާއި އޭނާއަށް ތަބާވާ މީހުންނަކީ އީރާނުގެ ނުފޫޒުގެ ދަށުގައިތިބި ބައެކެވެ. އޭނާއަކީ ޢަރަބިކަރައިގެ ކޮންމެވެސް ރަށެއްގެ މީހެއްކަމުގައިވީނަމަ އިސްލާމީ ދައުލަތާ ދެކޮޅަށް އޭނާ ބަޣާވާތްކުރާނެ ސަބަބެއް އޮތްކަމުގައި ބެލެވެއްޖައީހެވެ. ނަމަވެސް އޭނާގެ ވަޒަން މަދީނާއާ ވަރަށް ދުރެވެ. އަލްޖަޒީރާގައި އޭރަކު އޭނާ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިސްލާމްދީން ފެތުރިފައެއްވެސް ނެތެވެ. އޭނާ ނަބީކަމުގެ ދޮގު ދަޢުވާ ކުރުމާއެކު މަދީނާއާ ޙަމަލާދޭންޖެހުނީހީ އަލްޖަޒީރާގައި އޭނާގެ މަގަށް މުސްލިމުން ހުރަސްއެޅިނަމައެވެ. ހަމައެފަދައިން އޭނާގެ ހިތުގައި ވެރިކަމުގެ ނުވަތަ މަޝްހޫރުވުމުގެ އެދުމެއް އޮތްކަމުގައިވިޔަސް އެންމެފުރަތަމަ ޙަމަލާދޭންޖެހޭނީ އޭނާގެ ވެރީންކަމުގައިވާ އީރާނީންނާއެވެ. މިފަދަ އެތައް ސަބަބުތަކަކާހުރެ ބައެއް މުއައްރިޚުން ވިދާޅުވަނީ سَجَـاح އަކީ އީރާނުގެ އެޖެންޓެއް ކަމުގައެވެ. އީރާނު މީހުންގެ ހިތުގައި މިފަދަ ކަމެއްގެ ޚިޔާލު އުފެދޭންޖެހޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ މުސްލިމުންގެ ސަބަބުން ޔަމަން އީރާނުގެ އަތްދަށުންބީވެ މިނިވަންވުމެވެ. ޔަމަނުގެ އީރާނީ ގަވަނަރު އިސްލާމްވެވަޑައިގަތީއެވެ. އަނެއްކޮޅުން ބަޙުރައިނުގެ ބާޣީންނަށްވެސް ވަނީ އީރާނުގެ ސިއްރު އެހީ ލިބިފައެވެ. މިހުރިހައިކަމަކުން އެނގެނީ އީރާނުގެ ސަރުކާރުވެސްއޮތީ ޢަރަބިކަރައިގައި އިސްލާމްދީން ތަރައްޤީވަމުން ދިޔުމާމެދު ހިތްހަމަޖެހިފައެއް ނޫންކަމެވެ. ތަފާތަކީ ރޫމީން އެބައިމީހުންގެ ބާރުގަދަކަން ފާޅުކޮށް މުސްލިމުން ބިރުގަންނަވާން ފާޅުގައި މަސައްކަތްކޮށްފައިވާކަމެވެ. ކަނޑީގެ ބަދަލުގައި ކަނޑީގައި ހިފާން މުސްލިމުންނަށް މަޖުބޫރުކުރުވައިފައިވާކަމެވެ. އެއާޚިލާފަށް އީރާނުގެ ވެރީން ހަމައެކަނި ނުރައްކާތެރި ސިއްރު ރޭއްވެވުންތަކާ ހަމައިން ފުއްދައިލައްވައިގެން ތިއްބެވިކަމެވެ.

ބަޙުރައިނުގެ ބަޣާވާތް ނިމުމުން ބޭރުފުށުށް ފެންނަފެނުމުގައި އީރާނުގެ ރޭވުންތަކުގެ ދޮރުވަނީ ބަންދުވެފައެވެ. ނަމަވެސް ބަޙުރައިނުގެ ސިފައިންގެ ބޭކަލެއް އަދި މުސްލިމުންގެ ކުޅަދާނަ މުދައްރިބެއް އިސްލާމާ މަޖޫސިއްޔަތާ ދެމެދު ހަނގުރާމަ ނުހިނގައި ނޯންނާނެކަން އިޙްސާސް ކުރެއްވިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެބޭކަލަކީ مثــنّـى بــن حــارثـــة الشّيبانـى رضى اللّـه عنــه އެވެ. އެކަލޭގެފާނުގެ ތަނަވަސް ފިކުރުފުޅަށްވަނީ އިރުއުތުރުފަރާތުގެ އުދަރެހުގައި ދަމައިލައިފައިހުރި ޠޫފާނީ ވިލާގަނޑުގެ މޭގަ ފެނިވަޑައިގެންފައެވެ. އީރާނުގެ ސަރުކާރަށް އެބައިމީހުންގެ ދާޚިލީ މައްސަލަތަކުން ސަލާމަތްވެވި ހަނގުރާމައިގެ ތައްޔާރީތައް ފުރިހަމަކުރެވުމާއެކު ޢަރަބިކަރަޔަށް ޙަމަލަދިނުމުގައި ދައްކާނެ ބަހަނާއެއް ހޯދާކަށްވެސް ބޭނުމެއް ނުވާނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.

އީރާނުގެ މުޖުތަމަޢަކީ ނަސްލީ އިމްތިޔާޒުގެ މައްޗަށް ބިނާވެފައިއޮތް މުޖުތަމަޢެކެވެ. އެހެންކަމުން ޢަރަބިކަރައިގައި އުޚުއްވަތާއި ހަމަހަމަކަމުގެ މައްޗަށް ބިންގާއެޅުނު އާ މުޖުތަމަޢާ އެބައިމީހުންނާ މައްސަލަޖެހުމަކީ ނުވެނުދާނެ ކަމެއްކަން مثــنّـى އަށް ވިސްނިވަޑައިގަންނަވައެވެ. مثــنّـى ދެކެވަޑައިގެންނެވި ގޮތުގައި މާތް اللّـه ގެ ބިމުގައި އެކަލާނގެ އިސްމުފުޅު މަތިވެރިކުރުމަށްޓަކައި މައިދާނަށް ނުކުންނަ ޣާޒީންގެ ދަތުރުގެ އެންމެ މުހިއްމު މަންޒިލުތަކުގެ ތެރެއިން އެއްމަންޒިލެއް ކަމުގައި މަދާއިން ހިމެނޭނެއެވެ. އެހެންކަމުން އީރާނާ ކުރިމަތިލުމުގައި ފަރުވާކުޑަކޮށް އެބައިމީހުންނަށް ފުރިހަމަޔަށް ތައްޔާރުވުމުގެ ފުރުޞަތު ދެވިއްޖެނަމަ ދާދިއަވަހަށް މުސްލިމުންނަށް ވަރަށްބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ހަމައެފަދައިން އީރާނީންނާއި ރޫމީންނާ ދެބައިމީހުން މުސްލިމުންނަކީ ދެބައިމީހުންގެ ދުޝްމިނެއްކަމުގައި ބަލައި މުސްލިމުންނާ ދިމާކުރުމަށްޓަކައި ދެބައިމީހުން އެކަތިގަނޑަކަށްވުމަކީވެސް ކޮންމެފަދަ ވަގުތެއްގައިވެސް ވުންއެކަށޭނަ ކަމެއްކަމަށް އެކަލޭގެފާނު ޤަބޫލުކުރެއްވިއެވެ.

އެހެންކަމުން مثــنّـى ގެ ބޭނުންފުޅަކަށްވީ أميـر المؤمنـين ގެ ސަމާލުކަން ވީހާވެސް އަވަހަކަށް އީރާނުގެ މައްޗަށް ހޯއްދެވުމެވެ. مثــنّـى ދެކެވަޑައިގެންނެވިގޮތުގައި އެކަމަށްޓަކައި ހިންގަވާންއޮތް އެންމެފަސޭހަފުޅު މަގަކީ ޢިރާޤަށް ޙަމަލަދެއްވުމެވެ. އެހެންކަމުން އެކަލޭގެފާނުގެ ޤަބީލާގެ ޒުވާނުން އެއްކުރައްވައިގެން ޢިރާޤަށް ޙަމަލަދެއްވިއެވެ. ބަޙުރައިނުގެ ޤަބީލާއެއްގެ ވެރިއަކު ކިސްރާގެ ބޮޑު ރަސްކަމާ ދެކޮޅަށް ޙަމަލަދެއްވުމުން ޢީރާޤުގެ ސަރަޙައްދު ބަލަހައްޓާ މީހުނާއި އީރާނުގެ ބިންވެރީން ކުރީކޮޅުގައި އެކަން މާނަކުރަމުން ގެންދިޔައީ ހެއްވާކަމެއްގެ ގޮތުގައެވެ. ނަމަވެސް ދާދިއަވަހަށް އެބައިމީހުން ހީވެސްނުކުރާކަހަލަ ކަންތައްތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. مثــنّـى އީރާނުގެ ސަރަޙައްދީ ސިފައިންގެ ކޮންމެވެސް މަރުކަޒަކަށް ކުއްލި ޙަމަލައެއް ދެއްވައި ސިފައިން ތަޅުއްވައި ރޯނާކޮށްލައްވައެވެ. އެއަށްފަހު އީރާނުގެ ސިފައިންގެ ކޮންމެވެސް ބޮޑު މަރުކަޒަކުން ޙަރަކާތްތެރިވާން ފެށުމުގެކުރީން މާދުރުން އެތަކެއް ކޯހެއްގެ ދުރުގައި ހުންނަ އެހެން މަރުކަޒަކަށް ޙަމަލަދެއްވައެވެ. مثــنّـى އެކަލޭގެފާނުގެ އަތްތިލަފުޅުގެ ނާރުތަކެކޭ އެއްވަރަށް ޢީރާޤުގެ ޖިއޮގްރަފީ ދެނެވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ އަރިހުގައިވަނީ ކާބޯތަކެއްޗާމެދު ފަރުވާލެއްނެތް ލަޝްކަރެކެވެ. އެބައިމީހުންގެ ފަހަތުގައިވަނީ ނުރައްކަލުގެ ވަގުތުގައި އެބައިމީހުންނަށް ޙިމާޔަތްދެވޭފަދަ ތަނަވަސް ސަހަރާއެކެވެ. އެބައިމީހުންގެ ކުރިމަތީގައިވާ މުއްސަނދި މޮޅުބިންތަކުގައި އަހަށް ކާންދޭނޭ ހުޔާއި ލަޝްކަރަށް ބޭނުންވާ ގޮވާން ހުރީ މަދެއްކޮށެއް ނޫނެވެ. އީރާނުގެ ޢާމިލުންނާއި ޖާގީރުދާރުން ޙަޔާތުގެ ހުރިހައި އުފަލަކުން މަޙްރޫމުކޮށްގެން ގެންގުޅޭ ޢަރަބި ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުން مثــنّـى ގެ ކުޑަކުޑަ ލަޝްކަރާމެދު ދެކެނީ އެބައިމީހުންނަށް ސަލާމަތް ހޯދައިދޭ އެހީތެރީންކަމުގައެވެ.

ބަޙުރައިނުގެ މުޖާހިދުން ޢިރާޤުގެ ސަރަޙައްދުން ޙަމަލަދޭން ފަށައިގެންއުޅޭ ހިސާބުގަނޑުގެ ވެރިޔަކީ ހުރުމުޒެވެ. ޢިރާޤުގެ ދެކުނުފަރާތުގެ ސަހަރާގެ އައްސޭރީން ފެށިގެން ފުރާތުކޯރުގެ ޑެލްޓާގެ ސަރަޙައްދާއި ޢެރޭބިޔަން ގަލްފުގެ އުތުރު ކަނުގައިވާ ކާޒިމާއި، ޙަފީރުން ފެށިގެން ހުޅަނގުފަރާތުން ހީރަތާ ހަމަޔަށްވަނީ އޭނާގެ ވެރިކަމުގެ ދަށުގައެވެ. އެބޮޑާ އަދި އަނިޔާވެރި ގަވަރުނަރަށް އޭނާގެ ވެރިކަން ޙިމާޔަތްކުރެއްވުމަށްޓަކައި ތަމްރީނު ލިބިފައިވާ ދިހަހާސް ސިފައިން ކޮންމެ ވަގުތެއްގައިވެސް މައިދާނަށް ނެރުއްވިދާނެއެވެ. އޭގެއިތުރަށް އޭނާގެ ބާރުގެ ދަށުގައިވާ ޖާގީރުދާރުން އޭނާ ބޭނުންފުޅުވެއްޖެ ކޮންމެ ހިނދަކު އިތުރު ސިފައިން ހޯއްދަވައިދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

مثــنّـى بــن حــارثـــة رضى اللّـه عنــه އެކަލޭގެފާނު ދަތުރުކުރައްވާ މަގުގެ އެންމެފުރަތަމަ ހުރަހެއްކަމުގައި ދެކެވަޑައިގަންނަވަނީ ހުރުމުޒެވެ. ނަމަވެސް مثــنّـى އަށް އެކަލޭގެފާނުގެ ކުޑަކުޑަ ލަޝްކަރާއިގެން ހާމަ މައިދާނެއްގައި ހުރުމުޒުގެ ސިފައިންނާ ކުރިމަތިނުލެއްވޭނެކަންވެސް مثــنّـى ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ މަޤްޞަދަކީ ވަގުތުން ހުރުމުޒާ ކުރިމަތިލެއްވުމެއްވެސް ނޫނެވެ.

مثــنّـى ބޮޑު ލަޝްކަރަކާ ކުރިމަތިލެއްވުމުގެ ބަދަލުގައި އެކިދިމަދިމާއަށް ކުއްލި ޙަމަލަތައް ދެއްވައިގެންވަނީ އީރާނުގެ ބާރުގަދަކަމާ ބެހޭގޮތުން އުފެދިފައިވާ ފުލޯކު ވާހަކައިގެ ޙަޤީޤަތް ހާމަކޮށްދެއްވައިފައެވެ. އެކަލޭގެފާނު ސާބިތުކޮށްދެއްވީ އީރާނުގެ އަޅުވެތިކަމުގެ ދަށުގައިވާ ޢަރަބި ޤަބީލާތަކުގެ މީހުންގެ ހިތްތަކުގައި އީރާނުގެ ވެރީންގެ އާރާއި ބާރާމެދު އުފެދިފައިވާ ބިރު ފިލުވައިލެވިއްޖެނަމަ އެބައިމީހުންގެ މުސްތަޤްބަލު މުސްލިމުންނާ ގުޅުވައިލަން ތައްޔާރުކުރެވިދާނެކަމެވެ.

مثــنّـى ހޯއްދެވި އެންމެފުރަތަމަ ކާމިޔާބީއަކީ ހުރުމުޒަށް ލިބިވަޑައިގެންފައިވާ ހިސާބެއްނެތްހައި ގިނަ ޢަސްކަރީ ވަސީލަތްތަކާއެކުވެސް ދިފާޢީ ހަނގުރާމައެއް ކުރައްވަން މަޖުބޫރު ކުރެއްވުނުކަމެވެ. އެކަލޭގެފާނުގެ ދެވަނަ ކާމިޔާބީއަކީ ޢިރާޤުގެ ޢަރަބީންގެ އެއްބާރުލުމާއި ވަފާތެރިކަން އެބައިމީހުންގެ ސާހިބުންކަމުގައިވާ އީރާނީންގެ ބަދަލުގައި މުސްލިމުންގެ މައްޗަށް އަނބުރުއްވައިލެއްވުނުކަމެވެ.

(ނުނިމޭ)