ކޮލަމް

ކެޔޮނިރު: ކުޑަކުދީންނަށް ޖިންސީ ގޯނާކުރުން، ޒަމާންވީ މައްސަލައެއް! ރައީސްގެ އިސްތިއުފާއަށް ގޮވުމަކީ ހައްލެއް ނޫން!

މުހައްމަދު ބުޝްރީ

2

އުމުރުން 82 އަހަރުހެ މުނިކާފަޔަކު އޭނާގެ ދެ އަހަރު ނުފުރޭ ކާފަ ދަރިޔަކަށް ޖިންސީ ގޯނާ ކުރާނީ ފަހެ ކީއްވެގެންތޯ ސުވާލުކޮށްލަން ޖެހެއެވެ. ހަމަ ގައިމުވެސް އެ އުމުރުގެ މީހަކު ޑްރަގް ބޭނުން ކުރުން ވަރަށް ނާދިރެވެ. އިންޓަނެޓުން ވަހުޝީ ފޮޓޯ ބެލުން ވެސް ނާދިރެވެ. އެ މުސްކުޅި މީހާ ގޯނާ ކުރީ ބޮޑު އަނެހެނަކަށް ނޫނެވެ. ދެއަހަރު ނުފުރޭ ތުއްތު ކުއްޖަކަށެވެ. އަމިއްލަ މުނިކާފަ ދަރިޔަށެވެ.

ދެން އޮތީ ކުއްޖާގެ ކާފަގެ ވާހަކައެވެ. 62 އަހަރުގެ ކާފަ އާއި މުނިކާފަވެސް ދިރި އުޅެނީ އެއް ގެއެއްގަ އެވެ. މުނިކާފަ އާއި ކާފަ އެ އުމުރުގެ ކުއްޖަކާ ބެހޭ އިރު އެކަކު ބެހޭކަން އަނެކަކަށް އެނގުން ވަރަށް ގާތެވެ. އެއުމުރުގެ މުސްކުޅި ދެބަފައިން އެމީހުންގެ ކާފަ އަދި މުނިކާފަ ދަރިޔަކާ ބެހުމަކީ ވަހުޝީ ކަމުގެ ގޮތުން ބުއްދި ފިލައިދާ ފަދަ ޖަރީމާ އެކެވެ. ކޮންފަދަ ބޮޑު ޖަރީމާއެއް ހެއްޔެވެ.

މި ނުބައި ހާދިސާ ހިނގުމުން އިދިކޮޅު ޕާޓީ ތަކުންނާއި ސިޔާސީ އެކި ފަރާތް ތަކުން މޮޅެތި ބަޔާންތައް ނެރެ، ސަރުކާރު ވަރަށް "ސްލޯ" ކަމަށް ބުނަން ފެށި އެވެ. ނަމަވެސް ތުއްތު ކުދީންނަށް ޖިންސީ ގޯނާ ކުރުމަކީ ހަމައެކަނި 2018 ނޮވެމްބަރު ގެ ފަހުން ހިނގަން ފެށި ކަމެއް ނޫނެވެ. ރާއްޖޭގެ ތާރީހަށް ބަލާ އިރު މީގެ ބައި ގަރުނު ކުރީން ވެސް މިފަދަ ކަންކަން ހިނގާފައި އެބަ ހުއްޓެވެ. އެއީ ވަކި ބަޔަކު ނުވަތަ ވަކި މީހަކު ވެރި ކަމުގައި ހުރެގެން ހިނގާ ކަމެއް ނޫނެވެ. މިއަދު މިކަންކަމުގެ ވާހަކަ ހަރުކޮށް މި ދެއްކެނީ ސަރުކާރު ޓްރާންސްޕޭރެންޓް ވީމަ އެވެ. އެވާހަކަތައް ދައްކައި، ހައްލު ނެރެދޭނެ ކަމުގެ އުއްމީދު އާވީމަ އެވެ. ރިޕޯޓުކުރުން ގިނަވީ އުއްމީދު އާލާވީމަ އެވެ. މައްސަލަތައް އަބަދުވެސް ހުއްޓެވެ. ކުރީން އުއްމީދީ ނިޒާމެއް ނެތުމުން، ނުވަތަ މިވާހަކަތައް ދައްކައިގެން ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، އަދި ފާޅުކުރަން ބަޔަކު ހިތްވަރު ނުދޭތީ، އޮއްބާލައިގެން ތިބީ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖީލަކަށް ފަހު ޖީލެއްމި ކަމުގެ ތެރެޔަށް ގެނބެމުން ދަނީ އެވެ.

މިއީ އިޖުތިމާއީ ބޮޑު މުސީބާތެކެވެ. އަސްލު މައްސަލައާ ކުރިމަތި ލައި މައްސަލަޔަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި މައްސަލަ ސިޔަސީ ކޮށް، ތުއްތު ކުއްޖެއްގެ ބަދު ނަސީބުކަމުގެ ފައިދާ ނަގައި އެކަން ސިޔާސީ ހަތިޔާރަކަށް ހެދުމަކީ ވަރަށްވެސް ދަށު ދަރަޖައިގެ ކަމެކެވެ.

ބަފައިން، ކާފައިން، މުނި ކާފައިން، ބޭބެއިން، މަންމައިން ނުވަތަ އެނޫން ވެސް ބަޔަކު، ކުޑަ ކުދީންނަށް ޖިންސީ ގޯނާ ކުރަން ޖެހޭ ސަބަބު، ނަފުސާނީ އިލްމާއި އިޖުތިމާއީ އިލްމުގެ އަލީގައި ހޯދަން އެބަ ޖެހެއެވެ.

އެފަދަ ކުށް ކުރާ މީހުން އެކަން އެކުރަނީ އެމީހުންނަކީ ކުޑަ އިރު މިފަދަ އަމަލު ތަކުގެ ޝިކާރައަކަށް ވެފައި ތިބި ބަޔަކަށް ވާތީ ތޯއެވެ؟ ނުވަތަ ކޮންމެވެސް ލެވެލެއްގައި އިޖުތިމާއީ ގޮތުން ބުލީ ކުރެވި، ބާކީ ކުރެވިފައިވާ ބަޔަކަށް ވާތީ ތޯއެވެ؟ ނުވަތަ އެއީ ރާއްޖޭގައި އިންޓަނެޓާއި ސްމާޓް ފޯނު އާއްމުވެ، އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާއާ ހަމަޔަށް ވެސް ސްމާޓް ފޯނުން، އިންސްޓަގްރާމުންނާއި ވެބްސައިޓް ތަކުން، އެއްވެސް ހުރަހެއް ނެތި، އޮރިޔާން ކާޑު ފެންނާތީ ރައްޔިތުންގެ ގިނަ ބައެއްގެ ވަހުޝީކަން އިތުރުވުމުން ވާ ކަމެއް ބާވައެވެ؟

އީރާން އާއި ބައެއް އިސްލާމީ އެހެން ގައުމު ތަކުގައި ވަހުޝީ ސައިޓުތައް ހުންނަނީ އިންޓަނެޓުން ވަރަށް ބޮޑަށް ބްލޮކް ކޮށް، ނުވަދެވޭ ގޮތަށް ހަދާފައެވެ. ރާއްޖޭގައި ވެސް އެފަދައިން އިންޓަނެޓް ސެންސަރު ކުރަން ރައީސް ޔާމީނު ދައުރުގައި، އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަސައްކަތް ކުރެއްވި އެވެ. އެއިރުގެ ޕްރޮސެކިއުޓަރު ޖެނެރަލް އެގޮތަށް ލަފާ ވެސް ދެއްވި އެވެ. ނަމަވެސް އެކަން ކުރިތަނެއް ނުފެނުނެވެ.

ޖިންސީ ގޯނާގެ މިފަދަ ކަންކަމަކީ ކުއްޖާއަށް ދައުލަތުން ހިމާޔަތް ދިނުމުން ނުވަތަ ކުށް ކުރި މީހުން ޖަލަށް ލުމަކުން ހުއްޓޭނަ ކަހަލަ ކަންކަމެއް ނޫނެވެ. އެއް ކޭސް ނިމޭ އިރު އަނެއް ކޭހެއް ފެންމަތި ވެއެވެ. ގއ. ކަނޑުހުޅުދޫ ގައި އުމުރުން ދެއަހަރު ނުފުރޭ ތުއްތު އަންހެން ކުއްޖަކާ އެކުއްޖާގެ ކާފަ އާއި މުނި ކާފަ ބެހުނު މައްސަލަ ފެންމަތި ވުމާ އެކު އުމުރުން ފަސް އަހަރުގެ ކުއްޖަކާ ބެހުނު މައްސަލަ އެއް ވެސް ތިލަ ވިއެވެ. އެފަދަ އެތައް މައްސަލައެއް ކުއްލިއަކަށް ފެންމަތިވެ ތިލަ ވެއްޖެއެވެ. މިމައްސަލަ މުޖުތަމައުން ފިލުވައިލެވޭނީ މުހިއްމު އެތައް ކަމެއް ކޮށްގެނެވެ. އެއީ އިންޓަނެޓުން އޮރިޔާން ކާޑު ނުބެލޭ ގޮތަށް ޕޯނޮގްރެފިކް ސައިޓުތައް ވަރަށް ބޮޑަށް ބްލޮކް ކޮށްގެނެވެ. ކުޑަ ދަރީންނަށް ސްމާޓް ފޯނު، އެއްވެސް ބެލުމެއް ނެތި ދިނުން ހުއްޓިގެންނެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ލުއިކަމެއް ލިބި، ކުދި އެތައް އާއިލާއެއް އެއް ކޮޓަރިއެއްގެ ތެރޭގައި އުޅެން ނުޖެހޭ ގޮތަށް ހެދިގެނެވެ. އާއިލީ އެކަހެރި ދިރިއުޅުމާއި މަސްތުވާތަކެތީގެ މައްސަލަ މުލުން ލުހެލައިގެނެވެ. ވަރީގެ ނިސްބަތް ދަށްކޮށް، ކުޑަކުދީންނަށް އޯގާތެރިކަމާއި ހިމާޔަތުގެ ވެއްޓެއް ގާއިމުކޮށްދީގެނެވެ. އެކުދީންގެ ބެލެނިވެރީން މަސްތުން ސަލާމަތްވެ އަމިއްލަ މީހާއަށް ސީދަލަށް ހިނގައި އުޅެވޭ ވަރު ހާލަތަކަށް ރުޖޫއަވެ، ދަރީންގެ ޒިންމާ ފުރިހަމަ ގޮތުގައި ނަގައިގެންނެވެ. އުމުރުން ދުވަސްވީ ކާފަ އާއި މާމަ ނުވަތަ މަންމަ އާއި ބައްޕައަށް ދައުލަތުން ދޭ ފައިސާކޮޅު ދަރީން ބޭނުން ކޮށްލުމަށް ފަހު، އެމީހުން ބަލަން ބަންގާޅީއެއް ލައި، ވީހާލެއްގައި ވާން ދޫކޮށްލުން ހުއްޓުވިގެންނެވެ. ކުދި އާބާދީގެ ރަށްރަށުގައި ކައުންސިލުތަކަށް ތައުލީމީ، ހޭލުންތެރި، ނަޒާހަތްތެރި ކައުންސިލަރުން ލައިގެނެވެ. އަދި އެންމެ މުހިއްމުއެއް ކަމަކީ މިފަދަ ކުށް ކުރާ މީހުނަށް ގާނޫނާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ އެންމެ ބޮޑު އަދަބު ދިނުމެވެ. އެހެން މީހުނަށް އިބުރަތަކަށް އެކަން ހެދުމެވެ.

ކުރީގެ މަޖިލިސް މެންބަރެއް ކަމުގައިވާ އަލްހާން ފަހުމީ މިމައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖުލިސް މެންބަރަކަށް އެމަނިކުފާނު ހުންނެވި ނަމަ މިފަދަ ކުށްކުރާ މީހުންގެ ފިރިހެން ހަށި ބުރި ކުރަން މަޖުލީހަށް ހުށަހެޅުއްވީސް ކަމަށެވެ. މިއީ އިސްލާމީ ޝަރީއަތުގައި ދެވިދާނެ އަދަބަކަށް ނުވެ ހިނގައިދާނެއެވެ. އަލްހާން މިފަދައިން ޓުވީޓް ކުރެއްވީ މައްސަލައިގެ ބޮޑުމިން، މަޒާޖީ ގޮތަކަށް ސިފަ ކުރެއްވުމުގެ ގޮތުން ކަމަށް ވެދާނެއެވެ. ނަމަވެސް ޕޮއިންޓް ވަރަށް ސާފެވެ. ޒިނޭ ކުރާމީހާ އަކީ ކައިވެނިކޮށްގެން ހުރި މީހެއް ނަމަ ރަޖަމްކޮށް މެރުމުގެ ހުކުމްވެސް އޮވެއެވެ. އުމުރަށް ޖަލަށްވެސް ލެވިދާނެއެވެ. ކާފަޔަކު އޭނާގެ ތުއްތު ކާފަދަރިޔަކާ ބެހުމަކީ ކުޑަ ކުށެއް ނޫނެވެ. ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ދޭ އަދަބު، ނުވަތަ އެޔަށްވުރެ ވެސް ބޮޑު އަދަބެއް ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުނަށް ދީގެން މެނުވީ މިމައްސަލަ މިމުޖުތަމައުން ފިލުވައެއް ނުލެވޭނެއެވެ.

ސިޔާސީ މީހުން ކުޅޭ ސިޔާސ ކުޅިގަނޑުގައި މިރާއްޖޭގެ ރައްޔިތުން މިހާރަކު ނުޖެހޭނެ އެވެ. މިއީ އިއްޔެ މިއަދަކު ވީ ކަމެއް ނޫނެވެ. މި ހާލަތަށް މި ގައުމު ވައްޓައިލިތާ ކިތަންމެ ދުވަހެކެވެ. ކިތަންމެ ޒަމާނެކެވެ. މިއީ ސިޔާސީން މި ރާއްޖެ އެމީހުންގެ އަމިއްލަ ފައިދާއަށް ޓަކައި ބައްޓަން ކުރަމުން އައި ގޮތެވެ. ރާއްޖެތެރެ ރާއްޖެތެރޭގެ ގޮތުގައި ބާއްވައި، އެތަންތަން ތަރައްގީނުކޮށް، ހުރިހާ ކަމެއް ފުރަމާލެއަށް ޖަމާކުރީ ގަސްދުގައެވެ. މާލެއަށް އައިސް 10 ފޫޓު 10 ފޫޓު ކޮޓަރިއެއްގައި އެތައް ބަޔަކު ފުނިޖެހިގެން، އޮޑި ދޯނިފަހަރު އެހެލައި ބާލަން ކަނދުއަޅާ އުސޫލުން އެއް ކޮޓަރީގައި ބަރިބަރިޔަށް މަތިމައްޗަށް ތިބެން ނިދަން މަޖުބޫރު ކުރީ ރާވައިގެނެވެ. ދަރީންނަށް ކިޔަވައިދޭން ބޭނުން ނަމަ އެނޫން ގޮތެއް ނެތެވެ. އެންމެ ފަހުން ކުއްޖާގެ ބައްޕަ، ބޭބެ ނުވަތަ އެނޫން މީހުން މާލެ ފައިބައި ތިބޭ އިރު ވެސް ތިބެން ޖެހެނީ އެއްކަލަ ދަރިފުޅު ނިދާ ކޮޓަރީގަ އެވެ. ނިދަން ޖެހެނީ އެ ކޮޓަރީގަ އެވެ. ހެދުން ބަދަލުކޮށް ފެންވަރައި ރީތިވެ ހަދަން ޖެހެނީ ވެސް އެ ދަރިފުޅުގެ ކުރިމަތީގަ އެވެ. މި ވަރަކުން ނުފުދެ އެވެ. ހަމަ އެ ކޮޓަރީގައި ކުލި ނަގައިގެން މާލޭ މީހާ ގެންގުޅޭ އެނޫން އެތައް ކުދީންނެއްވެސް ތިބޭނެ އެވެ. މީގެ ތެރެއިން އުފެދޭ ހާލަތުތައް އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ.

މަސްތުވާ އެއްޗެހީގެ ވިޔަފާރި ވެސް ރާއްޖޭގައި އެއްވެސް ހިފެހެއްޓުމެއް ނެތި ފެތުރިގެން ދަނީ ސިޔާސީން އެގޮތް ބޭނުން ވެގެނެވެ. ހަރުދަނާ ފިޔަވަޅެއް ނާޅަނީ ބޮޑުންނަށް ފައިދާތަކެއް އޮތީމައެވެ. މަސްތުވާ ތަކެތީގެ ތެރޭގައި ގެންގުޅޭ ގުރޫޕުތައް ސިޔާސީންގެ ބޭނުންތަކަށް ޗާބީ ދީގެން ބޭނުންކުރާ ވާހަކައަކީ އަބަދުވެސް މަޝްހޫރު ވާހަކައެކެވެ. ސިޔާސީން އެމީހުންގެ ކެމްޕޭން ތަކުގައްޔާއި ސިޔާސީ ރެލީ ތަކުގައި ވެސް ގަނޑު ފައިސާ ދީގެން މި ގުރޫޕުތައް ބޭނުންކުރާ ވާހަކަޔަކީ އެންމެން އަޑު އަހާ ވާހަކައެކެވެ. ހަގީގަތަކީ، މިއިން މަދު މީހެއްގެ ނޫނީ އާއިލާ އޮންނަނީ ރޫޅީފައި ކަމެވެ. މަސްތުގެ ދުނިޔޭގައި އުޅޭ މީހުންގެ އެހެން ދުނިޔެއް އޮންނަ ކަމެއް އެމީހުން ނުދަނެ އެވެ. ދެމަފިރީން ތިބެނީ ޒުވާބުގަ އެވެ. ދަރީން ކުރިމަތީ އެކަކު އަނެކަކަށް އަނިޔާކުރެ އެވެ. މިފަދަ ގިނަ އާއިލާތަކުގެ ދަރީން ތިބެނީ ބިކަވެފަ އެވެ. މައިންބަފައިން ތިބެމެ ޔަތީމު ވެފަ އެވެ. އޭގެ ފައިދާ ނަގަނީ ނަމެއްގައި މާ ލޯބިން ކަމަށް ހެދިގެން ދުރުން ނުވަތަ ގޭތެރެއިން އަންނަ އެހެން ބަޔެކެވެ. އެންމެ ފަހުން އެފަދަ މީހުންގެ ޖިންސީ ޝިކާރަކައަށް އެކުދީން ވެގެން ދަނީ އެވެ.

މިކަން ހައްލުވާނީ ސަރުކާރު ހާދަ "ސްލޯ" އޭ ކިޔައިގެން ސިޔާސީ ސްޓަންޓް ޖައްސައިގެނެއް ނޫނެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވައިގެނެއްވެސް ނޫނެވެ. އަދި ރައީސް ސޯލިހު އިސްތިއުފާ ދެއްވައިގެނެއްވެސް ނޫނެވެ. މިއީ ގައުމީ ބޮޑު ކާރިސާ އެކެވެ. މި ކަމަކީ މިފަދަ ގައުމީ ކާރިސާއެއްކަން ގަބޫލުކޮށް، މައްސަލަ ސިޔާސީ ނުކޮށް، ހުރިހާ ކުލައެއްގެ ސިޔާސީ މީހުން އެކައްޗެއް ކިޔައިގެން މެނުވީ މިކަން ހައްލެއް ނުކުރެވޭނެއެވެ. ޖެންޑާ މިނިސްޓަރު ވަރަށް ކެރިގެން މުޒާހަރާ ކުރި މީހުނަށް ޖަވާބުދާރީވެ ވަޑައިގަތެވެ. ރައީސް ސޯލިހު މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ހާމަ ކުރެއްވިއެވެ. އެންމެ މުހިއްމު ކަމަކީ ކުށްކުރި ދެ މުސްކުޅިން ހައްޔަރު ކުރުމެއް ނޫނެވެ. ހައްޔަރު ކުރަން ޖެހެއެވެ. ނަމަވެސް މައްސަލައިގެ މޫތައް ދެނެގަނެ، އެމޫތައް ލުހެލެވޭނީ މަތީގައިވާ ފަދަ އެތައް ކަމެއް ކޮށްގެނެވެ.

އަޅުގަނޑު ގަބޫލު ކުރާ ހިތްވަނީ ސަރުކާރުގެ މިސްރާބު ހުރީ އެފަދަ ހޯލިސްޓިކް ގޮތަކަށް މިމައްސަލަ މުލުން ލުހެލުމަށް ކަމަށެވެ. މިނިސްޓަ ޝިދާތާ އަށާއި ރައީސް ސޯލިހަށް އަދި ފުލުހުންނަށް، މި ސަރުކާރަށް އެކަން ކުރެވޭނެއެވެ. ރައްޔިތުން ތިބީ އެފަދަ ގޮތަކަށް މައްސަލަ އަށް ދާއިމީ ހައްލަކަށް އެދިއެދިކަން ކަށަވަރެވެ.