ކުޑަކުދީންނަށް ކުރާ އަނިޔާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ އިރު، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އެ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އަދި އެ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ. އެ ތިން މީހުން ވެސް ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

އެ ތިން މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެ ދެ މައްސަލައިގެ އިތުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުކުރު ދުވަހުގެ ރޭ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިފައެވެ.