ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ނިންނި ނިންމުންތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖެންޑާ މިނިސްޓްރީއަށް އަންގަވައިފިއެވެ.
ދެ އަހަރު ނުފުރޭ ކުޑަކުއްޖާގެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން، ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސްއާ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބައްދަލުކޮށްފައިވަނީ އިއްޔެއެވެ.
އެގޮތުން އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށާއި ޖެންޑާ ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޖުމަލް ހަތް ކަމެއް ކުރުމަށް ޖެންޑާ މިނިސްޓްރީއަށް ދެންނެވުމަށް މިއަދު ބޭއްވި ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވީ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައފައެވެ.
މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ނިންމި ކަންތައްތައް:
- ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް (ހައި ރިސްކް ފެމިލީސް) ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުން.
- ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، ހަތް ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަނެ އެފަދަ އާއިލާތައް ދަފްތަރުކޮށް އެފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން.
- ސިޓި ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި ނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި އެ މައުލޫމާތު ހިމެނުން.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، އެފަދަ މީހުން މޮނިޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
- ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދައި، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓިއަށް ހިއްސާކުރުން.
- 2009 ވަނަ އަހަރު ގާއިމުކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުންކުރަން ފެށުން.
މިކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންމާފައިވާ އެ ކަންތައްތައް އެ މުއްދަތުގެ ތެރޭގައި ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއް ނެތި ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.