ޚަބަރު

އަނިޔާ ލިބުނު ކުއްޖާ ގެއަށް ދޫކޮށްލައިފި

ޖިންސީ ގޯނާ ލިބުނު ގއ. ކަނޑުހުޅުދޫ އުމުރުން ދެ އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ކުއްޖާގެ އައިލާއާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނީ، އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ކުއްޖާ ދޫކޮށްލާފައިވަނީ ގިނަ ޓެސްޓުތަކެއް ހަދާފައެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާ އިން ބުނެއެވެ.

ނަމަވެސް ކުއްޖާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީންނާއި ފުލުހުން އަދި އައިޖީއެމްއެޗް އަކުން ވެސް އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރިކަން ފަޅާއެރުމުން ފުރަތަމަ އެ ކުއްޖާ ގެންދިޔައީ، ގދ. ތިނަދޫ ހޮސްޕިޓަލަށެވެ. އަދި އެއަށްފަހު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ 8:30 އެހާކަންހާއިރު ކުއްޖާ މާލެ ގެނެއެވެ.

މާލެ ގެނެސް، ޖިންސީ އަނިޔާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށް ކުއްޖާ އެޑްމިޓްކޮށް ފަރުވާ ދެމުންދިޔައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ކުއްޖާގެ މާމައާ ކަމަށެވެ. އެއީ ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުރުމުންނެވެ.

ނަމަވެސް އާއިލާގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި، އެ މައްސަލައާއި ގުޅިގެން މާމަ އާއި ބޮޑުދައިތަ އަދި ކުއްޖާއަށް ވެސް ވަނީ ނަފްސާނީ ގޮތުން ވެސް އެތައް އަނިޔާތަކެއް ލިބިފައެވެ.

މިދިޔަ ބުދަ ދުވަހު ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން އެކަން ކުރި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ ގޮތުން، އެ މައްސަލައިގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރަނީ ކުއްޖާގެ ދެ ކާފައަށެވެ. ބައްޕައަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު ތުހުމަތުތަކެއް ކުރެވިދާނެކަން ފުލުހުން ބުނެއެވެ.