Close
ޖުޑީޝަލް ސާވިސް ކޮމިޝަން

ޖިންސީ ގޯނާގެ މައްސަލަތައް ލަސްވުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް އަންގަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތައް ލަސްވުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެންގުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުތަކުން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް، މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އެ މައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އަދި އެ މަސައްކަތް މިހާރުން މިހާރަށް ފަށައި، މި ހަފުތާ ތެރޭ ނިންމުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމުކުރުމަށާއި، އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑީޖޭއޭއަށް އެންގުމަށް ވެސް ޖޭއެސްސީން ވަނީ ނިންމައިފައެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން އުފެދުނު ކަންބޮޑުތަކާ ގުޅިގެން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް، ކޯޓުތަކުގައި ލަސްވާ މައްސަލަ ބަލައި އެކަމާ ބެހޭގޮތުން މަޝްވަރާކޮށް ގާނޫނަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ފާހަގަކޮށް ކޮމިޓީއަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް މިއަދު ވަނީ ފާސްކޮށްފިއެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އަދި އެ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ. އެ ތިން މީހުން ވެސް ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

އެ ތިން މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެ މައްސަލައިގެ އިތުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުކުރު ދުވަހުގެ ރޭ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިފައެވެ.