ކުއްލި ޚަބަރު

ކުޑަކުދިންގެ ޖިންސީ އަނިޔާއާ ގުޅޭ ހައިރިސްކް އާއިލާތައް ދެނެގަންނާނެ މިންގަނޑެއް ދެ ދުވަސްތެރޭ ހަދަން މިނިސްޓަރަށް އަންގަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކުޑަކުދިންގެ ޖިންސީ އަނިޔާއާ ބެހޭ ހައިރިސްކު ފެމިލީތައް، ދެނެގަންނާނެ މިންގަނޑެއް ދެ ދުވަސް ތެރޭގައި އެކުލަވާލައި މަޖިލީހަށް ފޮނުވަން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

ކޮމިޓީން އެގޮތަށް ނިންމީ، ގއ. ކަނޑުހުޅުދޫ ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން، ކުޑަކުދިންގެ އެފަދަ ޖިންސީ އަނިޔާތަކާ ބެހޭ މައްސަލަތައް ބެލުމަށް ފަހު އެ ފަދަ މައްސަލަތައް އަވަސް ކުރުމަށާއި، އެފަދަ ޖިންސީ އަނިޔާ ކުރާ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތް ކުރުމަށް އަޅަން ނިންމި ފިޔަފަޅު ތަކުގެ ތެރެއިންނެވެ.

ކޮމިޓީން ފާސް ކޮށްފައި ވަނީ، މިހާރު ހުރި ޑޭޓާބޭހުން އެނގޭ، ކުޑަކުދިންނާބެހޭ ޖިންސީ އަނިޔާގެ ހައިރިސްކު ފެމިލީތައް ދެނެގަންނާނެ މިންގަނޑެއް ދެ ދުވަސް ތެރޭގައި އެކުލަވާލުމަށާއި ހަތް ދުވަހުގެ ތެރޭގައި އެ އާއިލާތައް މޮނީޓާ ކުރަން ފެށުމަށް މިނިސްޓަރަށް އެންގުމަށެވެ. އަދި ރަށްރަށުގެ ޗައިލްޑް ޕްރޮޓެކްޝަން ނިޒާމުގައި މަސައްކަތްކުރާ ފަރާތްތައް މެދުވެރިކޮށް، މިހާރު ހުރި ޑޭޓާ ބޭސްގައިނެތް ހައިރިސްކު ފެމިލީތައް 30 ދުވަހުގެ ތެރޭގައި ހޯދައި މޮނީޓާ ކުރުމަށް މިނިސްޓަރަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ،

"މިހާރު ހުރި މައުލޫމާތުން އެނގޭނެ، ހައިރިސްކުގައި ތިބީ ކޮން އާއިލާއެއްގެ ކުދިންތަކެއްކަން، އެހެންކަމުން، މިނިސްޓަރު އަރިހުން އެދެން ބޭނުން ވަނީ ހަތްދުވަސް ތެރޭގައި ކްރައިޓީރިއާއެއް، ކަނޑައަޅައި ދޭށޭ ހައިރިސްކް ފެމިލީތައް އައިޑެންޓިފައި ކުރުމަށް، ހަތް ދުވަސް ތެރޭގައި މޮނީޓާ ކުރަންފަށާށޭ، 30 ދުވަހުގެ ތެރޭގައި ގްރައުންޑް ލެވެލްއިން މަސައްކަތް ކުރާ، އޭގެ މާނައަކީ އެކި ރަށްރަށުގައި ހުރި މުއައްސަސާތައް، ހެލްތު ސެކްޓާ ބޭނުން ކޮށްގެން ނަމަވެސް އެޑިއުކޭޝަން ސިސްޓަމް ބޭނުންކޮށްގެން ނަމަވެސް، ކައުންސިލްތައް ބޭނުންކޮށްގެން ނަމަވެސް، މަދަނީ ޖަމްއިއްޔާތަށް ބޭނުންކޮށްގެން ނަމަވެސް ހޯދާށޭ، ކޮންމެ ރަށެއްގަވެސް ހައިރިސްކު ފެމިލީ ވާނަމަ، އެކަން އިންފޯމް ކޮށްދޭށޭ ނިޒާމަށް، އެހެންވީމާ 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހޯދައި އެ އާއިލާތައް ބެލޭނެ ގޮތްވެސް ހަމަޖެއްސުމަށް،" ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.

ކޮމިޓީން މިއަދު ނިންމި ކަންތައްތަކުގެ ތެރޭގައި، ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން އެކްޓިވްކޮށް އޭގެ ފުރިހަމަ ބޭނުން ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ހިމެނޭގޮތަށް އެންމެން މަސައްކަތް ކުރާ ވިއުގައަކީ އެޑޭޓާބޭސް ކަމުގައި ހަމަޖައްސަން ޖެންޑާ މިނިސްޓްރީއަށް އެއްމަސް ދުވަހުގެމުއްދަތެއް ދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޗައިލްޑް ޕްރޮޓެކްޝަން ނިޒާމުގައި މަސައްކަތްކުރާ ޖެންޑާ މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމަންޓް ތަކުގެ މުއައްޒިފުން މަސައްކަތް ކުރާ ގޮތާއި، އެ ޑިޕާޓްމަންޓް ފަންކްޝަން ކުރާ ގޮތުގެ އޮޑިޓެއް ހަދައި އެއްމަސް ދުވަހުގެ ތެރޭގައި ރިވިއު ކުރުމަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.

މިހާރު ދައުވާ އުފުލާފައިގެން ކޯޓު ތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން މުޖުތަމައަށް ދޫވެފައިވަނީ ކިތައް މީހުންތޯ ބަލައި އެމީހުން ދޫވެފައިތިބި، ތިބުން ރިވިއުކޮށް މޮނިޓާކުރުމަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.